އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ހިތުދަސްކުރަން އުނދަގޫވާ ބައެކެވެ. އަދި ދަސްކުރާ ތަކެތި ފަސޭހައިން ހަނދާން ވެސް ނެތޭ ބައެކެވެ. ހަމަ އެފަދައިން ބައެއް ދަރިވަރުންނަށް ފިލާވަޅު ދަސްކުރަން އުނދަގޫވެއެވެ. އަދި ދަސްކުރާ ތަކެތިވެސް ހަނދާން ނެތުމުގެ މައްސަލަތައް ގިނަވެއެވެ.
މިފަދަ ހާލަތުގައި ކުރަންހުރި ބައެއް ދުޢާ:
قَالُوا۟ سُبْحَٰنَكَ لَا عِلْمَ لَنَآ إِلَّا مَا عَلَّمْتَنَآ ۖ إِنَّكَ أَنتَ ٱلْعَلِيمُ ٱلْحَكِيمُ (٣٢)
"އެމަލާއިކަތުން ދެންނެވޫއެވެ. އިނބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއެވެ. އިނބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައި ދެއްވެވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން، އިނބަރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ރަސްކަލާނގެއެވެ." (ބަޤަރާ ސޫރަތް: 32)
" اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي وَعَلِّمْنِي مَا يَنْفَعُنِي وَزِدْنِي عِلْمًا وَالْحَمْدُ لِلَّهِ عَلَى كُلِّ حَالٍ وَأَعُوذُ بِاللَّهِ مِنْ عَذَابِ النَّارِ
އަބޫ ހުރައިރަތުގެފާނުގެ އަރިއަހުން ރިވާވެގެންވާ ޙަދީޘްފުޅުގެ މާނައިގައިވަނީ މިދުޢާ އަކީ ރަސޫލް (ޞޢވ) ގިނަގިނައިން ކުރެއްވެވި ދުޢާއެއް ކަމަށެވެ. (އިބްން މާޖާ 3833)
"ހައްދަވާ ގެންގުޅުއްވަވާ އިލާހްއެވެ. މިއަޅާއަށް ދެއްވެވި ޢިލްމުން މަންފާ ކުރުމުގެ ތައުފީޤް ދެއްވަވާނދޭވެ. މިއަޅާއަށް މަންފާ ކުރުވަނިވި ޢިލްމް އުނގަންނަވައި ދެއްވަވާނދޭވެ. މިއަޅާޢަށް ޢިލްމް އިތުރުކޮށްދެއްވަވައިފާނދޭވެ. ކޮންމެ ޙާލެއްގައިވެސް ﷲ އަށް ޙަމްދު ހުއްޓެވެ. ނަރަކައިގެ ޢަޛާބުން ރައްކައުތެރިކަމަށް އެދި ދަންނަވަމުއެވެ." (ޙަދީޘް މާނަކޮށް ދެއްވެވީ ޑރ. މުހައްމަދު އިޔާޟް ޢަބްދުއްލަޠީފް)
ދަރިންނަށް މިފަދަ ދުޢާތައް ދަސްކޮށްދެއްވާށެވެ. ދުޢާކުރުން އާދަކުރުވާށެވެ. ދުޢާ ކުރުމާއިއެކު ކުރާ މަސައްކަތުގައި ބަރަކާތް ގަދަވާނެއެވެ! އަދި އެކަމުގެ ސަބަބުން ކުދިންގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އިތުރުވާނެއެވެ!