މާދަމާއަކީ ދިރާސީ އައު އަހަރު ފެށޭ ދެވަހެވެ. ފަތިހާ ބެލެނިވެރިން ހޭލާނެއެވެ. ހޫނުފެން ޖަހައިގެންވެސް ދަރިން ހޭލައްވައި 6:50 އަށް ކުދިން ސްކޫލަށް ފޮނުވާނެއެވެ.
ސްކޫލްތައް ބަނދުވެ ދެމަހެއްހައި ދުވަސް ފާއިތުވެގެން ދިއައީއެވެ. އަޅެ ނިކަން ވިދާޅުވެބައްލަވާށެވެ! ފަތިހު ހޭލައި ކިތައް ރޭ ދަރިން ފަތިސް ނަމާދަށް ގެންދިއައިން ހެއްޔެވެ؟ ބެލެނިވެރިޔާ ކިތައް ރޭ ފަތިސް ނަމާދު ކުރިން ހެއްޔެވެ؟
މާޒީއަކީ މާޒީއެވެ. މާޒީގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް އަނބުރައެއް ނުގެނެވޭނެއެވެ. މާދަމާ ފެށޭ ދިރާސީ އައު އަހަރާއިއެކު މިނިސްޓަރު ވިދާޅުވާ ރޭ ރޭ ފަތިސް ނަމާދަށް ކުދިން ގެންދިއުމުގެ ޘަޤާފަތް މުޅިން ދޫކޮށްލާށެވެ. އެއީ އިސްލާމް ދީނުގައި ކުރަން އޮންނަ ކަމެއް ނޫނެވެ.
ކޮންމެ ރެއެއްގެ ފަތިސް ނަމާދުކުރަން އަމުރު ކުރެއްވެވި ﷲ ތަޢާލާގެ އަމުރުފުޅު ތަންފީޒުކުރެވޭތޯ ބަލާށެވެ! މައިން ބަފައިންނާއި ބެލެނިވެރިންވެސް ފަތިސް ނަމާދުކުރަން ފަށާށެވެ! ނަމާދުކުރުވަން ޖެހޭ އުމުރުގެ ކުދިންލައްވައި ފަތިސް ނަމާދު ކުރުވޭތޯ މަސައްކަތް ކުރާށެވެ!
ދަރިވަރުން ކިތަންމެ ރަނގަޅު ނަތީޖާ ހޯދަމުން ދިއަ ނަމަވެސް އެކަމުގެ ފައިދާ މުޖުތަމައުން ނުފެންނަ ނުވަތަ ފެނުން މަދުވެފައިވާ ސަބަބާއިމެދު ކޮންމެ މީހަކުވެސް ފުންކޮށް ވިސްނައިލާށެވެ! ﷲ ތަޢާލާގެ ވާގިފުޅާއިއެކު އެކަމުގެ ނަތީޖާ ފެންނަން ފަށާނެއެވެ.