އޮސްޓްރޭލިއާ ސަފީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އޮސްޓްރޭލިއާ ސަފީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

އޮސްޓްރޭލިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ބްރައިސް ޑޭވިޑް ހަޗަސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާސިމް އިބްރާހީމްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި އޮތް މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮސްޓްރޭލިއާ ސަފީރާއި އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް، ޚާއްސަކޮށް ތަޢުލީމީ ދާއިރާއަށް އޮސްޓްރޭލިއާއިން ވެދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރުން، މިސްޓަރ ބްރައިސް ޑޭވިޑް ހަޗަސަންގެ ސަފީރު ކަމުގެ ދައުރުގައި ރާއްޖެއާއި އޮސްޓްރޭލިއާއި ދެމެދު އޮތްގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާ، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއިބެހޭ ގޮތުން ދެ ބޭފުޅުން މަޝްވާރާ ކުރެއްވިއެވެ. އަދި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އޮސްޓްރޭލިޔާ ސަފީރު މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި އޮސްޓްރޭލިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދުއޮތީ ވަރަށް ގާތް ގުޅުމެއްކަން ފަހަގަކުރައްވާ، ކުރިއަށްއޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަފީރުކަމުގެ މުއްދަތަކުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ދިވެހި ރައްޔިތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށްޓަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސަރުކާރާއި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ.

 

މިއަދު އޮންލައިން