ޚިޔާލު ތަފާތުވުމުން އަނބިންނަށް އަނިޔާވެރިވުމަކީ އިބިލީސް ތިބާއަށް ދޭ އެންމެ ބޮޑު އެއް ގެއްލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ޚިޔާލު ތަފާތުވުމުން އަނބިންނަށް އަނިޔާވެރިވުމަކީ އިބިލީސް ތިބާއަށް ދޭ އެންމެ ބޮޑު އެއް ގެއްލުން!

ޚިޔާލު ތަފާތުވުމަކީ އިންސާނީ ޠަބީއަތުގައި ހިމެނޭ ކަމެކެވެ. ޚިޔާލުތަފާތުވުމަށް އިޙްތިރާމް ކުރަންޖެހޭނެއެވެ. އިސްލާމް ދީނުގައި އޮތީ ޚިޔާލު ތަފާތުވުމަށް މަޝްވަރާ ކުރުމެވެ. ޚިޔާލު އެއްގޮތް ކުރަން މަސައްކަތް ކުރުމެވެ. އިސްލާމް ދީން ކުރިއަރައި ކާމިޔާބު ހޯދީ އެ އުޞޫލުން ކަންކަން ކޮށްގެންނެވެ. 

ނަމަވެސް މިހާރަކަށް އައިސް ފެންނަނީ ތިމާ އާއި ޚިޔާލުތަފާތުވެއްޖެނަމަ އެމީހަކާއި ދެކޮޅުވެރިވެ ތަޅާފޮޅުމަކަށްވެސް ބަދަލުވާތަނެވެ. އަދި ބަޑިޖަހައި މަރައިވެސް ލެވޭތަނެވެ. ޚިޔާލު ތަފާތުވި މީހާއަކީ ތިމާގެ އަމިއްލަ އަނބިމީހާ އާއި މައިން ބަފައިން ނަމަވެސް އެމީހުންނާއިމެދު ވެސް ކަންކަން މިޙާލަތަށް އެބަދެއެވެ. އަނބިމީހާ ނަމަ ވަރިކުރާތަން އެބަ ފެނެއެވެ. މައިން ބަފައިންނަމަ އެހީކަނޑައިލުމާއި ގެއިން ބޭރުކުރުން ފަދަ ކަންކަން ވެސް އެބަ ކުރެއެވެ. 

ﷲ ތަޢާލާ އެންމެންނަށްވެސް ސިކުނޑި ދެއްވެވިއެވެ. ނަމަވެސް އެސިކުނޑިއަށް ވިސްނޭ ގޮތް މިންވަރުކުރައްވަވާފައިވަނީ ތަފާތުކޮށެވެ. އެހެންކަމުން އެއްވެސް ކަމެއްގައި ދެމީހެއްގެ ވިސްނުން އެއްގޮތް ނުވެދާނެއެވެ. ބައެއް ކަންކަމުގައި އެއްގޮތް ވެސް ވެދާނެއެވެ.

ކަމެއްގައި އަނބިމީހާގެ ޚިޔާލުތަފާތުވެއްޖެނަމަ އަތް އިސްކޮށް ތަޅައި އަނިޔާކުރަންވީއެއް ނޫނެވެ. ވަރިކޮށް ގެއިން ބޭރުކޮށްލަންވީ އެއްވެސް ނޫނެވެ. އަނބިމީހާ ދައްކާ ވާހައިގެ އަޑުވެސް އަހާށެވެ! ކަމެއްގައި އޭނާގެ ވިސްނުން މާފުރިހަމަވެސް ވެދާނެއެވެ. އަދި އަނބިމީހާގެ ވިސްނުމަށް ކުރާ ކަންކަމުން ތިބާއަށް ލިބޭ ފައިދާ މާ ބޮޑުވެސް ވެދާނެ ނޫންހެއްޔެވެ؟ 

ހަމަ އަހަރެންގެ ވަރަށް ގާތް ރައްޓެއްސަކަށް ކުރަންޖެހުނު ތަޖުރިބާއެކެވެ. ކަމެއްގައި ޚިޔާލުތަފާތުވުމުން އައި ރުޅީގައި ވަރިކޮށް ގެއިން ބޭރުކޮށްލީއެވެ. އަނބިމީހާ ދިނީ ރަނގަޅު ޚިޔާލެއްކަން އެނގުނީ 3 އަހަރު ފަހުން އޭނާގެ މިލްކިއްޔާތުން އެތައް ބައިވަރު ފައިސާތަކެއް ގެއްލިގެން ދިއަ ފަހުންނެވެ. ލިބުނު ދެރައިގެ ހިތި ރަހަ ފެނުމުން ވަރިކޮށް ފޮނުވައިލި އަނބިމީހާ ކޮބައިތޯ ބެލިއިރު އޭނާ ހުރީ މާ ތަނަވަސް މީހަކާއިއެކު ދެވަނަ ކައިވެނިކޮށްގެން މާ އުފަލުގައެވެ. އޭނާ އެކަންޏެއް ނޫނެވެ. މިއީ ދުނިޔޭގެ އެތައް މިލިއަން ބައަކަށް ކުރަންޖެހޭ ވަރަށް ހިތި ތަޖުރިބާއެކެވެ. 

ކަމެއްގައި ދެމަފިރިއަކު ޚިޔާލު ތަފާތުވެ ދެބަސްވާއިރަށް އަވަސް އަވަހަށް އިބިލީސް އެ ދެ މީހުންގެ މެދަށް ފުންމައިލާނެއެވެ! އަނބިމީހާ އެ ދައްކާ ވާހަކައިގައި އެއްވެސް ރަނގަޅެއް ނެތް ކަމާއި އެންމެ މޮޅު ގޮތް ވިސްނެނީ ތިބާޢަށް ކަމަށް ބުނެދޭނެއެވެ! ތިބާގެ ރުޅި އިންތިހާއަށް ގެންދުވާނެއެވެ. އަނބިމީހާގެ ގައަށް އަތްލައި އަނިޔާކުރުމަށް ހިތްވަރުދޭނެއެވެ. ކައިވެނި ރޫޅައިލެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ އެވެ. ކައިވެނި ރޫޅައިލެވުމުން މަލާމާތްކޮށް ހެމުން ދުވެފިލާނެއެވެ. 

އަހަރެންގެ އާދޭހަކީ މިފަދަ ހިތި ތަޖުރިބާތައް ކުރަން ނުޖެހޭނެ ގޮތަކަށް ދިރިއުޅުން ބައްޓަން ކުރުމެވެ. ﷲ ތަޢާލާ ދެއްވަވާފައިވާ ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ކަންކަން ފައިސަލާކުރަން މަސައްކަތް ކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން!

މިއަދު އޮންލައިން