ކެއުން މަދުކުރަންޖެހުމަކީ އަދި އަމިއްލައަށް މަދުކުރުމަކީ ސުވަރުގެ ލިބުމަށް މަގުފަހިވާކަމެއްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ކެއުން މަދުކުރަންޖެހުމަކީ އަދި އަމިއްލައަށް މަދުކުރުމަކީ ސުވަރުގެ ލިބުމަށް މަގުފަހިވާކަމެއްކަން އެނގޭތަ؟

ކޮންމެ ކަމެއްވެސް މިއަދު ކުރަން މިޖެހެނީ ކޮންޓްރޯލެއްގެ ތެރެއިންނެވެ. ވެހިކަލް ދުއްވުމުން ފެށިގެން ކެއުމަށް ބެލި ނަމަވެސް ކޮންމެ ކަމެއްވެސް ކުރަން ޖެހިފައި މިވަނީ ކޮންޓްރޯލްކޮށްގެންނެވެ. މާބާރަށް ދުއްވައިފިނަމަ އެކްސިޑެންޓްވެދާނެއެވެ. މާގިނައިން ކާނަމަ އަވަހަށް ބަލިތައް ޖެހެންފަށާނެއެވެ. ބައެއް ޒާތުގެ އުފާތައް ހޯދުން ކޮންޓްރޯލު ނުކުރާނަމަ އަވަހަށް ގައިގެ ބާރު ދެރަވެ މުސްކުޅިވުން އަވަސްވާނެއެވެ.

ބައެއް މީހުން އެންމެ ރުޅިއަންނަ އެއްކަމަކީ ކެއުން ކޮންޓްރޯލުކުރަން ޖެހުމެވެ. އަތުގައި ފައިސާ ހުރިނަމަވެސް ކާން ބޭނުންވާ ތަކެތި ކެއުން ޑޮކްޓަރުން މަނާކުރާތީއެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވުމުން ވަރަށް ގިނަ ފަހަރު އޮންނަނީ ބޭނުންހައި އެއްޗެއް ނުކެވިފައެވެ. އަދި ބޭނުންހައި ވަރަށްވެސް ނުކެވިފައެވެ. އެ ހާލަތުގައި އެކަންކަން މަނާކުރާ ޑޮކްޓަރުން ދެކެ ރުޅިވެސް އާދެވެއެވެ. ކޮންޓްރޯލެއްގެ ތެރެއިން ކައި ބޮއި ހެދުމުން ބަލިތައް ޖެހުން މަދުވާ ކަމާއި ބަލިތަކުން ސަލާމަތްވާ ކަމާއިމެދު ވެސް ވިސްނައެއް ނުލައެވެ.

ނަމަވެސް މިކަމުގެ ޙަޤީޤީ ފައިދާ އާއިމެދު ނިކަން ވިސްނައިލަބަލާށެވެ! ގިނައިން ކެއުމަކީ ވަރުބަލިވެ މީހާ ލޮޑުވާ ކަމެކެވެ. ގިނައިން ނިދަންވެސް ޖެހޭ ކަމެކެވެ. އެކަމުގެ ސަބަބުން ފަތިސް ނަމާދަށް ނުހޭލެވުމާއި އެހެންވެސް އަޅުކަންތައް ކުރަން ހުރަސް އެޅެއެވެ. ވީމާ އުމުރުން ދުވަސްވުމުން ގިނައިން ނުކެވޭނެ ގޮތްތައް ﷲ ތަޢާލާ މެދުވެރި ކުރައްވަވަނީ އަޅުކަން ކުރުމުގެ ފުރުޞަތު އިތުރަށް މަގުފަހިކޮށްދެއްވަން ކަމަށް ޤަބޫލުކުރުން ކީއްހެއްޔެވެ؟

ނިކަން ވިސްނައިބަލާށެވެ! އެއްވެސް ބައްޔެއް ނެތް ނަމަވެސް ކެއުން ބުއިން މިއޮތީ ލިމިޓް ކުރައްވަވައިފައެވެ. އެންމެ ގިނައިންވެސް ކާން ޖެހޭނީ ގޮހޮރުގެ ތިންބައިކުޅަ އެއްބައަށެވެ. ފެން ބޯން ޖެހޭނީވެސް ތިނަބައިކުޅަ އެއްބައަށެވެ. ރަސޫލް (ޞޢވ) މި މިންތައް ކަނޑައަޅުއްވަވައި ބަޔާންކޮށް ދެއްވަވާފައި މިވަނީ އަހަރެމެން ގިނައިން ކައިފާނެތީ ކަންބޮޑުވެވަޑައިގަންނަވާތީ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އަހަރެން ޤަބޫލުކުރަނީ އެ އިންތައް ކަނޑައަޅުއްވަވާފައި މިވަނީ ގިނައިން ކެއުމުން ޞިއްޙަތަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށެވެ. ހަމައެއާއިއެކު އަބަދުވެސް އަޅުކަން ކުރުމަށް މީހާ ފިޓްކޮށް ހުރުމަށެވެ. މިއީ އަހަރެން ޤަބޫލުކުރާ ގޮތެވެ.

ތިބާ ގިނައިން ނުކައި ފިޓްކޮށް ހުރެ ގިނައިން އަޅުކަން ކުރީމާ މިވަނީ ކިހިނެއް ހެއްޔެވެ؟ ﷲ ތަޢާލާ ތިބާއަށް ސުވަރުގެ ދެއްވަވަނީއެވެ. އެތަނުގައި ކައި ބޮއި ހެދުމަށް އެއްވެސް ކޮންޓްރޯލެއް އަދި ލިމިޓެއްވެސް ނެތެވެ. ކޮންޓްރޯލުކޮށް ވަކި ބާވަތްތަކެއް ކެއުން މަނާކުރާނެ ޑޮކްޓަރުންނެއްވެސް ނުތިބޭނެއެވެ. ހަމަ ބޭނުންހައި އެއްޗެއް ބޭނުންހައި ވަރަކަށް ކާންވީއެވެ. ބޯންވީއެވެ. ތިބާ ބޭނުންނަމަ އަބަދާ އަބަދުވެސް ކާން، ބޯންވީއެވެ!

ކެއުން މަދުކުރަންޖެހުމަކީ އަދި އަމިއްލައަށްވެސް މަދުކުރުމަކީ ސުވަރުގެ ލިބުމަށް މަގުފަހިވާކަމެއްކަން މިހާރު ވިސްނިއްޖެ ކަމަށް ޤަބޫލުކުރަމެވެ. ހަމަ ކުޑަ ހިތްވަރެއް ކޮށްލާށެވެ. އެ ހިތްވަރާއިއެކު ކިތަންމެ ވަރަކަށް ކެއި ނަމަވެސް ހުސްނުވާނެ ސުވަރުގޭގެ ދޮލަނގުތަކަށް އިންތިޒާރުކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން