ޢަލީގެފާނުގައި ޒުވާނުންތަކެއް ގޮސް ދެންނެވިއެވެ. ޢުމަރުގެފާނުގެ ޒަމާނުގައި ހުރިހައި ކަމެއް ދިއައީ ވަރަށް ރަނގަޅަށެވެ. ފިޠުނައެއް ނެތެވެ. ފައިސާ އައީ ލިބެމުންނެވެ. ކަލޭގެފާނުގެ ޒަމާނުގައި ފިތުނަ ގިނަވެ މައްސަލަތައް ކުރިމަތިމިވަނީ ކީއްވެގެން ހެއްޔެވެ؟
ޖަވާބުގައި އަލީގެފާނު ވިދާޅުވީ ޢުމަރުގެފާނުގެ ޒަމާނުގައި އުޅުނީ ތިމަންކަލޭގެފާނު ފަދަ މީހުން ކަމަށްވެފައި މިޒަމާނުގައި މުއުޅެނީ ތިއަ ފަދަ ޒުވާނުން ކަމަށްވީތީއެވެ.
މިއީ ވަރަށް ޢިބްރަތްތެރި ޖަވާބެކެވެ. ޢުމަރުގެފާނުގެ ޒަމާނުގައި އުޅުނު މީހުންނަކީ ކީރިތި ޤްރްއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބި މީހުންނެވެ. އެއިރުވެސް މައްސަލަތައް ކުރިމަތިވިއެވެ. ނަމަވެސް ކީރިތި ޤްރްއާނަށާއި ސުންނަތަށް ފުރިހަމައަށް އީމާންވެ އަމަލުކުރަމުން ގެންދިއުމުން ހުރިހާ ކަމެއްވެސް ދިއައީ ޙައްލުކުރެވެމުންނެވެ. އެހައި ފަސޭހައިން ކަންކަން ޙައްލު ކުރެވެމުން ދިއައީ ކީރިތި ޤްރްއާނާއި ސުންނަތުގައިވާ ގޮތާއި ދެބަސްވާ އެއްވެސް މީހަކު ނެތުމުންނެވެ.
މިއަދު ވެސް ހަމަ މުސްލިމުންނެވެ. ދީނީ ޢިލްމުވެރިއަކު ކީރިތި ޤްރައާނާއި ސުންނަތުގައި ކަން އޮތް ގޮތް ވިދާޅުވެ ދެއްވުމުން ފުރަތަމަވެސް ކުރާ ސުވާލަކީ ތިކަން ތިހެން ތިއޮތީ ކީއްވެގެންހެއްޔެވެ؟ މިވެނި ގޮތަކަށް ނެތީ ކީއްވެގެން ހެއްޔެވެ؟ ޖަވާބުގައި އެއީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ "ރައްބުލްޢާލަމީން" އެކަން ނިންމަވާފައިވާ ގޮތް ކަމަށާއި އެކަމަށް ބަހުސް ނުވުކުރެވޭނެ ކަމަށް ޢިލްމުވެރިޔާ ވިދާޅުވުމުން އެހިސާބުން އެކަން ބަދަލުވަނީ ޢިލްމުވެރިޔާއަށް އެއްވެސް ކަމެއް އެނގިވަޑައި ނުގަންނަވަނީ ކަމަށެވެ.
އަހަރެމެންނަށް ސުވާލުތައް އުފެއްދޭނީ އަހަރެމެން ހޯދާ ކަންކަމާއިމެދުގައެވެ. އެކަންކަމުގެ ތިއަރީތައް އަބަދުވެސް ދާނީ ބަދަލުވަމުންނެވެ. ނަމަވެސް ﷲ ތަޢާލާގެ އެއްވެސް ނިންމެވުމެއް ބަދަލެއް ނުވާނެއެވެ. ވީމާ ﷲ ތަޢާލާގެ ޙުކުމްފުޅު އަބަދުވެސް އެގޮތުގައި ދެމިއޮންނާނެއެވެ.
މިކަމަށް ދަލީލު ލިބެނީވެސް ކީރިތި ޤްރްއާނާއި ސުންނަތުންނެވެ. އެހެނީ ސައިންސުގެ ހޯދުންތައް ދާދިއަވަސް އަވަހަށް ބަދަލުވަމުންދާއިރު ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ އެއްވެސް ކަމެއް މިއަދާއި ހަމައަށް ހަމަ އެއްވެސް މީހަކަށް ދޮގު ކުރެވިފައެއް ނެތެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ އެންމެ ހަދީޘެއްވެސް ދޮގުކުރެވިފައެއް ނެތެވެ. މާނައަކީ ޙަދީޘްފުޅުގައިވާ ބަސްފުޅަށްވުރެ ރަނގަޅު ގޮތެއް ހޯދިފައެއް ނެތެވެ. ވާނެ ކަމަށް ޙަދީޘްފުޅު ކުރައްވަވާފައިވާ އެއްވެސް ކަމެއް ނުވެ ގޮސްފައެއް ނެތެވެ. ހުރިހާ ކަމެއްވެސް ހިނގަމުން މިދަނީ ކީރިތި ޤްރްއާނާއި ޙަދީޘްފުޅުތަކުގައި ބަޔާންވެގެންވާ މަގުންނެވެ.
ވީމާ އަމިއްލައަށް ކީރިތި ޤްރްއާނާއި ޙަދީޘްފުޅުތައް ދޫކޮށްލުމަށްފަހު ދީނީ ޢިލްމުވެރިން ކުށްވެރިކުރަން މަސައްކަތް ނުކުރާށެވެ! އެއީ ކުރެވިގެންވާނެ ކަމެއް ނޫނެވެ!
- މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން