ކުށް ކުރެވޭނެކަން ﷲ ދެނެވޮޑިގެންވޭ - ތައުބާވުމުން ތައުބާ ޤަބޫލުފުޅު ކުރައްވަވާކަން އާދަމްގެފާނާ ހަމައިން ފެށިގެން މިއަންނަނީ އެނގެމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ކުށް ކުރެވޭނެކަން ﷲ ދެނެވޮޑިގެންވޭ - ތައުބާވުމުން ތައުބާ ޤަބޫލުފުޅު ކުރައްވަވާކަން އާދަމްގެފާނާ ހަމައިން ފެށިގެން މިއަންނަނީ އެނގެމުން!

ބައެއް ރިވާޔަތްތަކުގައިވެއެވެ. އާދަމްގެފާނަށް ފަރިއްކުޅުއްވުން މަނާކުރެއްވެވި ގަހުން ފަރިއްކުޅުއްވެވި "ކުށްވެރިވި" ހިނދު އާދަމްގެފާނު ﷲ ތަޢާލާއަށް ދެންނެވިއެވެ. "މިއަޅާއަށް މިކުށް ކުރެވޭނެކަން އިނބަ ﷲ މިއަޅާ އުފެއްދެއްވި އިރުވެސް ދެނެވޮޑިގެން ވަމުއެވެ. ވީއިރު މިއަޅާއަށް މަޢާފް ކުރެއްވެވުން ކީއްތޯއެވެ؟" 

ﷲ ތަޢާލާއީ އިންސާނުން ކުރާނެހައި ކަންކަން އިންސާނުން ދުނިޔެއަށް އައުމުގެ މާކުރިން މޮޅަށް ދެނެވޮޑިގެންވާ އިލާހްއެވެ. ވީމާ އަހަރެމެންނަށް ކުށް ކުރެވޭނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަހަރެމެންނަށް ކުރަންޖެހޭ ކަމަކީ ކުށެއް ކުރެވުމާއިއެކު ތައުބާވުމެވެ. އެކަމެއް ތަކުރާރު ނުކުރުމެވެ. ފަހުން ނުވަތަ މުސްކުޅިވުމުން ނުވަތަ މާދަން ތައުބާވުމަށް މަޑު ނުކުރުމެވެ. 

އާދަމްގެފާނަށް ބަލާށެވެ! ތައުބާ ޤަބޫލުފުޅު ކުރެއްވެވިއެވެ. ނަމަވެސް އަދަބެއްގެ ގޮތުން ސުވަރުގެއިން ބިމަށް ފައިބާވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. މިއީ ވަރަށް ބޮޑު ޢިބްރަތެކެވެ.

ހަމަ އެއާއެކު އިބިލީހަށް ވީގޮތާއިމެދު ވިސްނާށެވެ! އިބިލީހަކީ މަލާއިކަތެއް ނޫނެވެ. ނަމަވެސް އިބިލީސް ހުރީ މަލާއިކަތެއްގެ ދަރަޖައިގައެވެ. އެމަތިވެރި ދަރަޖަ އިބިލީހަށް ގެއްލިގެން ދިއައީ ހިތަށް ބޮޑާކަމާ ކިބުރުވެރިކަން ވަނުމުންނެވެ. ކުށް ކުރެވުމުން މާފަށް ވެސް އެދެން ބޭނުން ނުވިއެވެ. އިބިލީސް ބޭނުންވީ އޭނާގެ ގޮތުގައި ދުނިޔެ އޮތްހައި ދުވަހަކު ދެމިހުންނާށެވެ! އެފުރުޞަތުވެސް ﷲ ތަޢާލާ ވަނީ އިބިލީހަށް ދެއްވަވައިފައެވެ.

މިއީވެސް އަހަރެމެން ކޮންމެ މީހަކުވެސް ވިސްނައި ފިކުރުކުރުން ވަރަށް މުހިންމު ކަމެކެވެ. ޖާހިލު ޖައްބާރުންނަށް އެމީހުންގެ ޖާހިލުކަމާއި ކިބުރުވެރިކަމާއި ބޮޑާކަމާއި އަނިޔާވެރިކަން މަތީގައި އުޅުމުގެ ފުރުޞަތު ﷲ ތަޢާލާ ދެއްވަވާ ކަމެވެ. ދުނިޔޭގައި އުޅުމަށް ﷲ ތަޢާލާ ދެއްވަވާ ފުރުޞަތުގެ ބޭނުން އެމީހަކު ހިފަން ބޭނުން ގޮތަކަށް ހިފުމުގެ ފުރުޞަތު ދުނިޔޭގައި ދެއްވަވާނެ ކަމެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާއީ ހުރިހާ ކަމަކުން ފުދިވޮޑިގެންވާ އިލާހެވެ. އެއްވެސް އެހެން ފަރާތަކުން އެއްވެސް ކަމަކަށް ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. ވީމާ ނަރަކައަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުޞަތުވެސް ޢާންކޮށް ހުޅުއްވަވައި ލައްވަވައިފައިވަނީއެވެ!

މިދެއްކި ހުރިހާ ވާހަކައެއްގެ ބޭނުމަކީ ގިނަގިނައިން ތައުބާވުމަށް ނަޞޭޙަތްތެރިވުމެވެ. ކުށެއް ކުރެވުނު ނަމަވެސް އެކުށަކަށް ވަގުތުން ތައުބާވެ އެފަދަ ކުށެއް ދެން ދުވަހަކުވެސް ނުކުރުމަށް އަޒުމް ކަނޑައަޅައިގެން ދުނިޔޭގައި އުޅުމަށް ނަޞޭހަތްތެރިވުމެވެ. 

-  އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން