ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކޮށްފައިވާ އެއްވެސް ބޭފުޅަކަށް، ރައްޔިތުންގެ މަޖިލީހުގައި ވާދަ ނުކުރެވޭ ގޮތަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއިބެހޭ ގާނޫނަށް މިއިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުޙައްމަދު އެވެ.
ރައްޔިތުންގެ މަޖިލިހަށް އަބްދުއްލަތީފު ހޮވިވަޑައިގެންނެވީ އަމިއްލަ ގޮތުން ވާދަ ކުރައްވައިގެންނެވެ. ފަހުން އޭނާ ވަނީ ޕީޕީއެމް އާއި ގުޅިވަޑައިގެން، އޭގެ ފަހުނ ޖޭޕީ އަށް ސޮއި ކުރެއްވިއެވެ. އަދި ދާދިފަހުން އޭނާ ވަނީ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އުފައްދާ އެމްޓީޑީ ރެޖިސްޓަރ ކުރުމަށް ބޭއްވި ޖަލްސާއަށް ވަޑައިގެން ވާހަކަ ވެސް ދައްކަވާފައެވެ.
އިންތިހާބާއިބެހޭ ގާނޫނަށް މިފަދަ އިސްލާހެއް ހުށަހަޅާފައިވާއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ މިއަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވާ، އެމްޑީޕީގެ ޕްރައިމެރީ ގައި ވާދަ ވެސް ކުރައްވަމުންނެވެ.
ރައީސް ނަޝީދުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެސް، މަޖިލިސް އިންތިހާބަށް ވާދަ ކުރައްވަން ނިންމަވާފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.