ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވައި ގޮނޑި ކާމިޔާބުކުރައްވައިގެން މަޖިލީހަށް ވަދެ ވަޑައިގަންނަވާނެ ކަމަށާއި ދައުލަތުގެ ތެރެއިން ވައްކަން ކުރުން ހުއްޓުވާނެ ކަމަށް ރައީސް މުޙއްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފޯކައިދޫ ދާއިރާއަށް ވާދަކުރައްވަމުން ގެންދަވާ ޙުސައިން ވަޙީދު މިރޭ ބޭއްވެވި ހަފްލާގައި ރައީސް ނަޝީދު ވިދާޅުވީ ކަންކަން ބަލަން ހުރި، ފާރަވެރިވާން ހުރި މުއައްސަސާތަކަށް ބާރު ލިބި ކަންކަން ބެލެމުން އަންނަނީ މަޖިލިސް ތެރެއިން އެކަންކަން ކުރުމުގެ ބާރު މުއައްސަސާތަކަށް ދިން ވަރަކުން ކަމަށެވެ. އެހެންކަމުން މަޖިލީހުގައި އިންނަވައިގެން ވަރަށް ގާތުން ކަންކަން ބައްލަވާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވައުދުތައް މިއަންނަނީ ފުއްދައިދެވެމުން ކަމަށެވެ. އެގޮތުން ދަރިވަރުންގެ މަތީ ތައުލީމަށް ކުރާ ހޭދަ ފުރަތަމަ ސެމިސްޓަރގައި ޚަރަދު ކުރަން ފެށޭނެ ކަމަށާއި އެކަމުގެ ސަބަބުން ކޮންމެ ދަރިވަރަކަށް އަހަރަކު 15000 ރުފިޔާވަރު ލިބި އެދަރިވަރުން މުއްސަނދިވާނެ ކަމަށެވެ. ހަމަ އެއާއިއެކު ހެނދުނުގެ ނާސްތާ ދޭން މިހާރުވެސް ވަނީ ފެށިފައި ކަމަށާއި އެކަމުގެ ސަބަބުން ކުދިންގެ ކިޔެވުމަށާއި ހެދިބޮޑުވުމަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.