ދިލަތިވުމާއި އޯގާތެރިވުމަކީ ކޮންމެ މުސްލިމެއްގެ ކިބައިގައިވެސް ހުންނަން ޖެހޭ ވަރަށް މުހިންމު ދެ ސިފައެކެވެ. ނަމަވެސް މި ދެ ސިފަ ފުރަތަމަ ފެންނަން ޖެހޭނީ އަމިއްލަ ގޭތެރެއިންނެވެ. ދައްކަން ޖެހޭނީ އަމިއްލަ ޢާއިލާއަށެވެ. ބޭރަށް ނުކުންނަން ޖެހޭނީ ގޭތެރޭގެ ކަންކަން ފުރިހަމަކޮށްފައެވެ. މީގެ މާނައަކީ ދުރު މީހުންނަށް އެހީތެރި ނުވުމެއް ނޫނެވެ. މާނަ އޮޅުވައި ނުލާށެވެ!
ނަމަވެސް ބައެއް މީހުން ފުރަތަމަ ހަދަނީ ކޮންމެވެސް ނަމެއް ކިޔާފައި އޮފީހެކެވެ. އެހީތެރިވަނީ ދުރު މީހުންނަށެވެ. ގޭތެރެއާއި އެއްވެސް ވަރަކަށް އަޅައެއް ނުލައެވެ. އެކަން ބާއްވަނީ ފަހުން ކުރާ ނުވަތަ ދެވަނަ ކަމެއްގެ ގޮތުގައެވެ.
ކޮންމެ ކަމެއް ކުރުމުގައި ވެސް ބަލަން ޖެހޭނީ އިސްލާމް ދީނުގައި އޮތް ގޮތެވެ. ތިއަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހާއަކީ އެމީހާގެ އަނބިދަރިންނަށް އެންމެ ހެޔޮ މީހާކަން ވަރަށް ސާފުކޮށް އެނގެން އޮތުމުން ފުރަތަމަ ފަށަން ޖެހޭ ހިސާބު މިއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ. ޞަދަޤާތް ކުރާއިރުވެސް ފުރަތަމަ ފަށަން މިޖެހެނީ އެންމެ ގާތުންނެވެ. ކަން މިހެން އޮތްއިރު މިއިން އެއްވެސް ކަމަކަށް ބަލައިލުމެއް ނެތި ކަންކަން ކުރުމުން ކުރާނީ ކޮން ހަޤީޤީ ފައިދާއެއް ހެއްޔެވެ؟
ތަނަވަސްކަން ހުރި މިންވަރަކުން ފުރަތަމަ އަނބިދަރިންނާއި ޢާއިލާގެ ބޭނުންތައް ފުއްދައިދޭށެވެ. މައިން ބަފައިންނާއި ގާތް ތިމާގެ މީހުންގެ ބޭނުންތައް ފުއްދައިދޭށެވެ. އެމީހުންނަށް ދީލަތިވެ އޯގާތެރިވާށެވެ. އެއަށްފަހު ދެފައަށް ބާރުލާފައި މަގުމައްޗަށް ނުކުމެ ހާލުގައި ތިބި މީހުންނަށް އެހީތެރިވެދޭށެވެ!
އަނބިދަރިންނާއި އެމީހަކު ބަލަހައްޓަން ޖެހޭ ޢާއިލީންގެ ބޭނުންތައް ފުއްދައި ނުދީ ކަންކަން ކުރާނަމަ ކަންތައް އެކުރެވެނީ ރަނގަޅަކަށް ނޫނެވެ. ޢާއިލާ ވެސް ބަލަންވީ ހަމައެކަނި ބަލަދުއަރާ ހިސާބަކަށް ނޫނެވެ. އެއަށްވުރެ ދުރު ނަމަވެސް ޢާއިލާގެ ބައަކު ހާލުގައި ތިބިނަމަ އެއަށްވުރެ ދުރަށްވެސް ބަލަންވާނެއެވެ!
މީގެ މާނައަކީ ޢާއިލާގެ އެންމެން ބޭނުންވާ "ލަގްޒަރީ" ބޭނުންތައްވެސް ފުއްދައި ދިނުމަށްފަހުގައި ނުނީ ދުރު މީހަކަށް އެހީ ނުވުމެއް ނޫނެވެ. މިޒަމާނުގައި އެއްވެސް މީހެއްގެ ހުރިހާ ބޭނުންތައް ފުއްދައިދިނުމަކީ މަދު މީހަކަށް ނޫނީ ކުރެވޭނެ ކަމެއްވެސް ނޫނެވެ.
ކޮންމެ ކަމެއްގައިވެސް އިންތަކެއް ހުންނާނެއެވެ. ހުރިހާ ކަމެއްވެސް ކުރަން ޖެހޭނީ އެ އިންތަކުގެ ތެރެއިންނެވެ. ބޭނުންވާ ބޭނުންވުންތައްވެސް ހުންނަން ޖެހޭނީ އިމުގައެވެ. އެއިމުން ބޭރުވެގެން ނުވާނެއެވެ.
ކޮންމެއަކަސް މިކަންކަމަކީ ބައެއް މީހުންނަށް މިހާރަކަށް އައިސް އޮޅުން އަރާފައިވާ ކަންކަމެވެ. އިހްމާލުވެވެމުން އަންނަ ކަންކަމެވެ. އަނބިދަރިންނަށާއި ޢާއިލާއަށް ކުރަންޖެހޭ، ކުރުން ލާޒިމު ހޭދަ ނުކޮށް އެހެން ބައަކަށް އެހީވުމަކީ ދެއްކުންތެރިކަމުގެ އަމަލަކަށް ވެދާނެ ކަމާއިމެދުވެސް ބިރުގަންނަންވާނެއެވެ!
ޞަދަޤާތް ކުރުމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަ ލިބޭނެ ކަމެއް ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. އެކަން ﷲ ތަޢާލާ ވަނީ ބަޔާންކުރައްވަވައި އަންގަވައި ދެއްވަވައިފައެވެ. ވީމާ ޞަދަޤާތް ކުރަންވާނެއެވެ. ވިސްނަންވީ ކަމަކީ ކުރާ ހޭދައެއް ޞަދަޤާތަކަށް ވާނީ ހަމައެކަނި ދުރުހިލޭ މީހަކަށް އެއްޗެއް ދިނުމުން ނޫންކަމެވެ. އަމިއްލަ ޢާއިލާއަށްވެސް ޞަދަޤާތް ކުރެވޭނެ ކަމެވެ.
މިފަދަ މަތިވެރި އުޞޫލުތައް އިސްލާމް ދީނުގައި ބަޔާންވެގެންވަނީ މުހިންމު ސަބަބުތަކެއް ހުރުމުންނެވެ. އަނބިދަރިންނާއި ޢާއިލާ ޢާއި ދެމެދު ގާތް ގުޅުމެއް އޮތުމެވެ. އެކަކު އަނެކަކަށް ލޯބި އިތުރުވެ ގުޅުން ބަދަހިވުމެވެ. ރަހިމުގެ ގުޅުމާއި ޢާއިލީ ގުޅުން ވަރުގަދަވުމެވެ. މިފަދަ އެތައް ގިނަ ސަބަބުތަކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން