"ﷲ އާއި ޢާޚިރަތް ދުވަހަށް އީމާންވެގެން ހުރި މީހާ ހެޔޮ ބަހެއް ބުނާށެވެ. (ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ.) ނޫން ނަމަ ހަނު ހުންނާށެވެ." ޙަދީޘް
-ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިޙަދީޘްފުޅުން އެނގިގެންދަނީ ﷲ އާއި ޢާޚިރަތް ދުވަހަށް އީމާންވެގެން ހުރި މީހާ ބުނާ ކޮންމެ ބަހަކީ ހެޔޮ ބަހަކަށް ވާން ޖެހޭނެ ކަމެވެ. އެކަން ކަށަވަރު ނުކޮށް ތަފާތު ސުވާލުތައް އުފައްދައިގެން "އެއާޔަތުގައި އެބުނަނީ މިހެންހޭ އެހެންހޭ" ކިޔައިގެން އިސްލާމް ދީނުގެ އަސާސްތަކާއި ޚިލާފްވާފަދަ ވާހަކަތައް ދައްކައިގެން ނުވާނެ ކަމެވެ. އެމީހަކަށް އެކަމެއްގެ މައުލޫމާތު ލިބިފައި ނުވާނަމަ އޮތީ ހަނުހުރުންކަމެވެ. ނޫންނަމަ އެނގޭ ބައެއްގެ ކިބައިން ޞައްޙަ މައުލޫމާތު ހޯދައިގެން ވާހަކަ ދެއްކުން ކަމެވެ.
ރާއްޖެއަށް ބަލައިފިނަމަ ދީނުގެ ކަންކަމުގައި އެއްވެސް އޮޅުމެއް އަރާނަމަ އެކަމެއް ސާފުކޮށް ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހޮޓްލައިނެއްވެސް ޤާއިމުކޮށްފައެވެ. 8003008901 އަށް ގުޅުއްވުމުން ކޯލަށް އެންމެ ލާރިއެއްވެސް ޚަރަދުކުރައްވަން ޖެހިވަޑައެއް ނުގަންނަވާނެއެވެ. ހިލޭ ގުޅުއްވައި މައުލޫމާތު ހޯއްދެވޭނެއެވެ.
މީގެ އިތުރުން ރާއްޖޭގެ ދީނީ ޢިލްމްވެރިން ގެންދަވަނީ އިސްލާމް ދީނާއިމެދު ޞައްހަ މައުލޫމާތު ފަތުރަން ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ. ފޯނުކޯލުތަކަށް ޖަވާބު ދެއްވުމުގެ އިތުރުން ވައިބަރ ގްރޫޕުތަކުގައި ކުރާ ސުވާލުތަކަށްވެސް ގެންދަވަނީ ޖަވާބު ދެއްވަމުންނެވެ.
މިހައި ފަސޭހައިން މައުލޫމާތު ލިބެންހުރިއިރު އިސްލާމް ދީނުގެ ކަންކަމުގައި ރައްޔިތުންގެ ހިތްތަކަށް އޮޅުން އަރާ ގޮތަށް، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭ ގޮތަށް، ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ގެއްލޭ ގޮތަށް ވާހަކަތައް ފަތުރާނަމަ އެމީހަކު ވާނީ އިސްލާމް ދީނުގެ ޢަދާވާތްތެރިއަކަށް ކަމަށް ޤަބޫލުކުރެވެއެވެ.