" ފްލައިޓުތަކުގައި އެންމެ މަތިން އުދުހެނިކޮށްވެސް މަރުވަނީ ކިތައް މީހުން ހެއްޔެވެ؟ ފަލައިޓަކީ ބޭރުން ޖެހޭ ވައިކޮޅަކަށްވެސް އެތެރެއަށް ނުވަދެވޭ ގޮތަށް ބަންދުކޮށްގެން އުދުހޭ އެއްޗެކެވެ.
މަރުގެ މަލާއިކަތާ ފުރާނަ ހިއްޕަވަން ވުމުން ފްލައިޓަށްވެސް ވެދެވަޑައިގެން މަރު ހިއްޕަވަނީ ނޫން ހެއްޔެވެ؟
ފްލައިޓް ޖައްސައި މީހާ ފައިބަންދެން މަޑެއް ނުކުރައްވަވާ ނޫން ހެއްޔެވެ؟
" ދުނިޔެއަށް އުފަންވުމަށްފަހު އެންމެ ޔަޤީން، ކަށަވަރު ކަމަކީ މަރުވުމެވެ. މަރުވާނެ ވަގުތާއި ހާލަތާއި ތަން ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. ނަމަވެސް މަރުވާނެކަން އެއީ އެންމެ ޔަޤީން ކަންތަކެވެ.
ހެޔޮ ލަފާ ތަޤްވާ ވެރިންނަށް މަރު ގާތްވުމުން އެކަމުގެ އިޝާރާތްތައް ވެއެވެ. އުމުރު ހަމަވެއްޖެ ކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް މަރުވާނީ ކޮން ދުވަހަކު ކޮންވަގުތަކު ކޮން ތަނެއްގައި ކަމެއް ނުއެނގޭނެއެވެ.
އެކަންކަން ދެނެވޮޑިގެންވާނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީމާ ތިމާއަކީ އަދި ޒުވާނެއް ކަމަށް ބަލައި ތިމާގެ އުމުރުގައި ބާކީ އަހަރުތަކެއް އެބައޮތްކަމަށް ބަލައި ތައުބާ ނުވެ ފާފަކުރުންމަތީގައި، އަދި އަދާކުރަންޖެހޭ ފަރުޟުވެސް އަދާނުކޮށް ހުރުމަކީ ހަމަ ވަރަށް ހިތާމަހުރި ކަމެކެވެ. އާޚިރަތް އަބާއްޖަވެރިވެ ނަރަކައަށް ވަންނަން ޖެހިދާނެ ކަމެކެވެ.
އަދިވެސް ދުނިޔެއިން އިތުރަށް އުފަލެއް ހޯދާފައި ނޫނީ ތައުބާ ނުވާން ތިއަ ހުންނަނީ މަރުގެ މަލާއިކަތާ ނުފެންނާތީ ހެއްޔެވެ؟ ނޫނީ ތައުބާ ނުވެ ތިހިރީ މަރުގެ މަލާއިކާތާ ފެންނަންދެން ހެއްޔެވެ؟
މަރުގާ މަލާއިކަތާ ފެނުމުން ތައުބާއެއް ނުވެވޭނެއެވެ! މަރުގެ މަލާއިކަތާ ފެނުމުން ތައުބާވާން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ތައުބާއެއް ނުވެވޭނެއެވެ. އެއިރު ތައުބާގެ ދޮރުތައް ވާނީ ބަންދުކުރެވިފައެވެ.
ހިތާމައަކީ ކޮންމެ ދުވަހަކުވެސް އެތައް ހާސް ޒުވާނުން އެކި ގޮތް ގޮތުން ދުނިޔޭގެ ކަންކޮޅުތަކުގައި މަރުވަމުންދާއިރުވެސް މިފަދަ ކަންކަމުން ޢިބްރަތް ޙާޞިލު ނުކުރެވޭ ކަމެވެ.
މަރުގެ ވަގުތު ޖެހެންވާއިރަށް އެމީހަކު މަރުވާން ކަނޑައަޅުއްވަވާފައިވާ ތަނަކަށް ކޮންމެ ވެސް ގޮތަކުން ދެވޭނެއެވެ. މަރުވުމުގެ ވަގުތު ޖެހުމުން މަލާއިކަތާ ވަޑައިގެން މަރު ހިއްޕަވާނެއެވެ. އެކަމުގައި އެމީހާގެ ރުހުމެއް ބޭނުމެއް ނުވާނެއެވެ. މަރަށް ފިލަން ވަދެވޭނެ ތަނެއްވެސް ނުއޮންނާނެއެވެ.
ފްލައިޓުތަކުގައި އެންމެ މަތިން އުދުހެނިކޮށްވެސް މަރުވަނީ ކިތައް މީހުން ހެއްޔެވެ؟ ފަލައިޓަކީ ބޭރުން ޖެހޭ ވައިކޮޅަކަށްވެސް އެތެރެއަށް ނުވަދެވޭ ގޮތަށް ބަންދުކޮށްގެން އުދުހޭ އެއްޗެކެވެ. މަރުގެ މަލާއިކަތާ ފުރާނަ ހިއްޕަވަން ވުމުން ފްލައިޓަށްވެސް ވެދެވަޑައިގެން މަރު ހިއްޕަވަނީ ނޫން ހެއްޔެވެ؟
ފްލައިޓް ޖައްސައި މީހާ ފައިބަންދެން މަޑެއް ނުކުރައްވަވާ ނޫން ހެއްޔެވެ؟
މިހައި ވަރަށް ކޮންމެ ދުވަހަކު އެތައް އެތައް ޢިލްމުވެރިން އިންޒާރު ދެއްވަމުން ގެންދަވާއިރުވެސް ތައުބާ ނުވެ ތިތިބެނީ ހަމަ އުމުރުގައި އަދިވެސް އަހަރުތަކެއް ބާކީ އޮތްކަމަށް ބަލައިގެން ހެއްޔެވެ؟ އިތުރަށް އެއް ހާސް ފަހަރު ވިސްނައިލައިގެންވެސް ޢިބްރަތެއް ޙާޞިލުކުރެވޭތޯ މަސައްކަތް ކުރުން ބުއްދިވެރިއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން