ދުނިޔޭގެ ވެރިކަން ގިނަ ބައަކު ކޮށްފިއެވެ. އެމީހުން ވެރިކަން ކުރި ގޮތް ތާރީޚް ފޮތްތަކުން ފެންނަން އެބަހުއްޓެވެ. ދުނިޔެ ސިއްސުވަލި ކަމަށް ބުނާ އެތައް ބައެއްގެ ނަންތައް ވެސް ފޮތްތަކުން ފެންނަން އެބެހުއްޓެވެ. ތެދެކެވެ. އެމީހުން މުޅި ދުނިޔެއަށް ބާރު ހިންގިއެވެ. ނުފޫޒު ފެތުރިއެވެ.
ވިސްނަންވީ ކަމަކީ ތާރީޚު ފޮތްތަކުން ފެންނަން އެހެރަ ގަދަފަ އެއްވެސް ލީޑަރަކު މިއަދު ދުނިޔޭގައި ނެތްކަމެވެ. ހަމަ އެންމެ ނިކަމެތި މީހާ ފަދައިން މަރުވެ ގޮސްފައިވާ ކަމެވެ. އަދި މިއަދުވެސް މުޅި ދުނިޔެއަށް ބާރާ ނުފޫޒު ފޯރުވާ ލީޑަރުންތައް އުމުރު ހަމަވުމުން މަރުވެގެންދާނެކަމެވެ. ދާދި އިހަށް ދުވަހު ޢަރަބި ކަރައަށް ލަޝްކަރު ފޮނުވައި ތަޅައި ސުންނާފަތިކޮށްލި ޖޯޖް ބުޝް މިހާރު ކޮބައި ހެއްޔެވެ؟ އޭނާގެ އަމުރަށް ކުރި ހަނގުރާމަތަކުގައި މަރުވެ ދިއައީ ކިތައް ހާސް މުސްލިމުންކަންވެސް އެނގޭނެ ގޮތެއް ނެތެވެ.
ދުނިޔެ ފެށުނީންސުރެ ޖައްބާރުކަން ދެއްކި އެންމެންނާއި މިހާރު ދުނިޔޭގައި ތިބި އެފަދަ އެންމެންނާއި ޤިޔާމަތަށް ދާންދެން އަންނަންތިބި އެފަދަ އެންމެންގެ ބަރުދަން ކިރައިލި ނަމަވެސް ﷲ ތަޢާލާގެ ކުރިފުޅުމަތީގައި މަދިރިއެއްގެ ފިޔައިގެ ބަރުދަންވެސް ނުހުންނާނެއެވެ! ވީއިރު މާ ބާރުގަދަ މީހަކަށް ހެދިގެން އެހެން މީހުންނަށް އަނިޔާވެރިވުމުގައި އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟
މިކަންކަމަކީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަންކަމެވެ. ގޭންގްސްޓާރުން މިދަނީ ގިނަވަމުންނެވެ. އެމީހުންނަކީ މާމުހިންމު ބައަކަށް މިދަނީ ވަމުންނެވެ. އެމީހުންނަކީ އެހައި މުހިންމު ބައަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟ ހަޤީޤަތަކީ ތިމާ ކުރާ ހުއްދަ ނޫން ކަންކަން ހިމާޔަތް ކުރަން ބައަކު އެމީހުންގެ ބޭނުންކުރާ ކަމެވެ.
މިސާލަކަށް ކޮންމެ ޤައުމެއްގައި ހިންގާ ނައިޓްކްލަބަކަށް ވަން ނަމަވެސް ވަންނަ ހިސާބުން ފެށިގެން އާދައާއި ޚިލާފަށް ވަރުގަދަ ބައަކު ފެންނާނެއެވެ. ސަފާރީސޫޓް ފަދަ ހެދުންތައް ލައިގެން އުޅޭ ބައަކު ފެންނާނެއެވެ. އެފެންނަނީ މިބުނި މީހުންނެވެ. ގޭންގްސްޓަރުންނެވެ. ގުންޑާއިން ކަމަށްވެސް ކިޔައިފާނެއެވެ.
އަމިއްލަ ޢާއިލާއަށް ބަލައިލި ނަމަވެސް މިފަދަ ބައަކު ފެންނާނެއެވެ. ކިރިޔާ ކަމެއްވާއިރަށް އަތުމުލައްދަނޑީގެ ބާރުގަދަކަން ދައްކާ ބައަކު އުޅޭނެއެވެ. އަތް އިސްކޮށް އަމިއްލަ މައިންބަފައިންނަށާއި އަނބިދަރިންނަށް އަނިޔާކުރާ ބައަކު އުޅޭނެއެވެ. އެމީހުންނަށް ހީވެފައި އޮންނަނީ އެމީހުންނަކީ އެންމެ ބާރުގަދަ މީހާ ކަމަށެވެ. އަދި ޢާއިލާގެ އެންމެން ދުނިޔޭގައި އުޅެން ޖެހޭނީ އެމީހާ ބުނާ ގޮތަށް ކަމަށެވެ.
އެއީ ވަރަށް ގޯސް ވިސްނުމެކެވެ. އެއްވެސް މީހަކަށް އަނިޔާވެރިވެފައިވާނަމަ އެކަމާއި ކުރިމަތިލާންޖެހޭނެއެވެ. ބަދަލުވެސް ދޭން ޖެހޭނެއެވެ. އަނބިދަރިންނަށް ނަމަވެސް އަދި މައިން ބަފައިންނަށް ނަމަވެސް މެއެވެ. މިކަންކަމަށް ފުންކޮށް އިތުރަށް ވިސްނާށެވެ! ގޭންގްސްޓާރުންނަކީ ހަމައެކަނި ހަތިޔާރު ހިފައިގެން މަގުމަތީގައި އުޅޭ މީހުންނެއް ނޫނެވެ. އަމިއްލަ ގޭތެރޭގައި ވެސް އަނިޔާވެރިވާނަމަ އެމީހަކީ ހަމަ ގޭންގްސްޓާރެކެވެ. އެމީހާ އެކުރަނީ ހަމަ ގޭންގްސްޓާރުން މަގުމަތީގައިވެސް ކުރާ ކަންކަމެވެ. ނަމަވެސް ކޮންމެ އަހަރެއް ނިމިގެންދާއިރު ޢާއިލާގެ ތެރެއިން ބަޑި ޖަހައި ނުވަތަ އަނިޔާކޮށް މަރައިލެވެނީ ކިތައް ހާސް މީހުން ހެއްޔެވެ؟
އެއްވެސް މީހަކަށް އަނިޔާވެރިވުން ހުއްދައެއް ނޫނެވެ، ހަމައެއާއިއެކު އަމިއްލަ ޢާއިލީންނަށް އަނިޔާކުރުމުން ގޭންގްސްޓާރުކަން އަދި މާބޮޑުވާނެއެވެ. އެހެނީ އެމީހާ އެ އަނިޔާވެރިވަނީ ޢާއިލީންނަށް ކަމަށްވާތީ އެވެ. ޢާއިލީންގެ ތެރޭގައި ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ލޯބިވާންޖެހޭ އަނބިދަރިންނާއި މައިން ބަފައިންނާއި ރަހިމުގެ ގުޅުން އޮތް މީހުން ހިމެނޭތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން