އެއްވެސް ދެވަނަ ފަރާތެއް މެދުވެރިނުކޮށް ދުޢާ ކުރެވޭ ގޮތަށް އޮތުމަކީ ﷲ ދެއްވަވާފައިވާ އެންމެ ބޮޑު އެއް ނިޢްމަތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 30ސ
އެއްވެސް ދެވަނަ ފަރާތެއް މެދުވެރިނުކޮށް ދުޢާ ކުރެވޭ ގޮތަށް އޮތުމަކީ ﷲ ދެއްވަވާފައިވާ އެންމެ ބޮޑު އެއް ނިޢްމަތް!

އެއްވެސް ދެވަނަ ފަރާތެއް މެދުވެރިކޮށް ނުވަތަ ބައިވެރިކޮށްގެން ﷲ ތަޢާލާއަށް އެއްވެސް ކަމަކު ދެންނެވުމެއް ނެތެވެ. އެހެނީ ކޮންމެ މީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައިވެސް ވެސް އޮތީ ސީދާ ގުޅުމެކެވެ. އެހެންކަމުން އެއްވެސް ކަމެއްގައި ދެވަނަ މެދުވެރިއެއް ނުވަތަ ބައިވެރިއެއް ހޯދާކަށް ނުޖެހޭނެއެވެ. އެމީހަކު އެދޭ ކަމަކަށް ސީދާ ﷲ ތަޢާލާއަށް ދަންނަވަމުން ގެންދަންވީއެވެ. މާނައަކީ ދުޢާ ކުރަމުން ގެންދަންވީއެވެ.

ޤިޔާމަތް ދުވަހުން ރަސޫލް (ޞޢވ) ގެ ޝަފާޢަތް ލިބޭމީހުންގެ ތެރޭގައި ހިމެނޭތޯ ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ. ނަމަވެސް އެފަދަ މީހުންގެ ތެރޭގައި ހިމަނުއްވަވައި ދެއްވެވުން އެދި ވެސް ދުޢާ ކުރަން ޖެހޭނީ ﷲ ތަޢާލާއަށެވެ.

ރަސޫލް (ޞޢވ) އަކީވެސް ﷲ ތަޢާލާ އުފެއްދެވި އިންސާނެކެވެ. އެއްވެސް މީހަކަށް އެއްވެސް ކަމެއް ހިންމަވައި ދެއްވެވުމުގެ ބާރު ރަސޫލް (ޞޢވ) އަށް ވެސް ﷲ ތަޢާލާ ދެއްވަވާފައެއް ނުވެއެވެ. އެކަން އެނގޭ ހެކިތައް ވަރަށް ގިނައެވެ. "ތިމަން ރަސޫލާ އަށް ޤިޔާމަތް ދުވަހު އެއްވެސް މީހަކަށް އެއްވެސް ކަމެއް، އެއީ އެންމެ ލޯބިފުޅުވާ ދަރިކަނބަލުން ފާޠިމަތުގެފާނަށް ނަމަވެސް އެއްވެސް ކަމެއް ކޮށް ނުދެއްވެވޭނެ" ކަމަށް ޙަދީޘްފުޅު ކުރައްވަވާފައި އޮތް އޮތުން އެކަމުގެ ހެއްކަކަށް ފުދެއެވެ.

ކޮންމެ މީހަކަށް ވެސް ސީދާ ﷲ ތަޢަލާއަށް ދެންނެވޭ ގޮތަށް އޮތުމުންނާއި ޖިބްރީލްގެފާނު މެދުވެރި ނުކުރައްވަވައި ރަސޫލުންނަށް ސީދާ ބަސްފުޅު ވަޙީ ކުރެއްވެވުމުން ބައެއް އެހެން ދީންތަކުގެ މީހުން ވަރަށް ގިނަ ސުވާލުތައް އުފައްދައެވެ. އެއީ އެމީހުންގެ ދީންތަކުގައި އޮންނަގޮތާއި ތަފާތުވުމުންނެވެ. އެމީހުން ޤަބޫލުކުރާ ގޮތާއި ތަފާތުވުމުންނެވެ.

ދުނިޔަވީ މިސާލެއް ބުނެފާނަމެވެ. ކޯޓުތަކުގައި ޝަރީޢަތްކުރާއިރު ޤާނޫނީ ވަކީލުން އެބަ ބޭނުންކުރަމުއެވެ. އެއީ އެކަމެއް ހިނގައި ގޮސްފައިވާ ގޮތް ފަނޑިޔާރަށް ނުއެނގޭތީ އިތުރު ތަފްޞީލުތައް ހޯދަން ޖެހޭތީއެވެ.

އެކަމެއް ހިނގައި ގޮސްފައިވާ ގޮތް ފަނޑިޔާރުންނަށް އެނގޭނަމަ އެއްވެސް ވަކީލަކު ބޭނުމެ2 ނުވާނެއެވެ. ވަގުތުން ޙުކުމް ކުރެވޭނެއެވެ. ނަމަވެސް ﷲ ތަޢާލާ އީ އެންމެހައި މީސްތަކުންގެ ހުރިހާ އަމަލުތަކާއި އެންމެހައި ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ.

އަހަރެމެންނަށް ކުރެވޭ ބައެއް ކަންކަން އަހަރެމެންގެ ހަނދާނަކު ނުހުރެއެވެ. ނަމަވެސް އަހަރެމެންނަށް ކުރެވިފައިވާ އެއްވެސް ކަމެއް ﷲ ތަޢާލާގެ "ދަފްތަރުން" ފޮހެވިގެނެއް ނުދާނެއެވެ. އަހަރެމެން ކުރާ އެންމެހައި އަމަލުތައް ﷲ ތާޢާލާގެ "ރެކޯޑް" ތަކުގައި ވަނީ ބަރާބަރަށް، އަކުރުން އަކުރަށް ބިންވަޅު ނެގިފައެވެ. ވީމާ އެއްވެސް ކަމެއްގައި އެއްވެސް މެދުވެރިއަކަށް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެން ނުވަނީއެވެ.

ދީނުގެ ޢިލްމުވެރިންގެ އަރިހުންވެސް އަދި ކޮންމެ މީހެއްގެ ކައިރިންވެސް ތިމާއަށްޓަކައި ހެޔޮ ދުޢާއެއް ކޮށް ދިނުމަށް އެދެވިދާނެއެވެ. ނަމަވެސް ޔަޤީންކުރަންވީ ކަމަކީ ކިތަންމެ މާތް މީހަކު ކުރިނަމަވެސް ދުޢާ އިޖާބަކުރައްވަވާނީ ތަޢާލާ ކަމެވެ. ކިތަންމެ މާތް މީހަކު ނަމަވެސް ވާގިއެދެންޖެހޭނީ ހަމަ ﷲ ތަޢާލާގެ ޙަޟްރަތުން ކަމެވެ.

ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ކޮންމެ މީހަކަށްވެސް، ކޮންމެ ތަނެއްގައި ހުރެގެންވެސް ސީދާ ﷲ ތަޢާލާއަށް ދަންނަވައި ދުޢާ ކުރެވޭ ގޮތަށް އޮތުމަކީ މީސްތަކުންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ އެންމެ ބޮޑު އެއް ނިޢްމަތެވެ. އެ ނިޢްމަތުގެ ބޭނުން ވީހައި ގިނައިން ހިފުމަކީ ﷲ ތައާލާ އެންމެ ބޮޑަށް ލޯބިކުރައްވަވާ އެއް ކަންތަކެވެ.

ވެރިންގެ ނުވަތަ މުއްސަނދިންގެ ގާތުން ނަމަވެސް މާ ގިނައިން އެކަކު ކަމަކު ކިޔާނަމަ އެމީހަކު ދެކެ ފޫހިވެއެވެ. އަޅައިވެސް ނުލައި ދޫވެސް ކޮށްލައެވެ. ނަމަވެސް ﷲ ތަޢާލާ އަށް ކިތަންމެ ގިނައިން ކަމަކަށް އެދި ދެންނެވި ނަމަވެސް އެހެނެއް ނުވާނެއެވެ! ވީހައި ގިނައިން ކަންކަމަށް އެދި ﷲ ތަޢާލާއަށް ދެންނެވުމަށް ﷲ ތަޢާލާ ލޯބިކުރައްވަވައެވެ.

މިކަން އެންމެ ރަނގަޅަށް އެނގޭނީ ނަމާދުންނެވެ. ނަމާދުގެ ކޮންމެ ރަކްޢަތެއްގައި އަލްޙަމްދު ކިޔަވަން ޖެހެއެވެ. "ސީދާވެގެންވާ ތެދުމަގު ދެއްކެވުން" އެދި ދުޢާކުރަމުއެވެ. ފާފަ ފުއްސެވުން އެދި ވީހައި ގިނައިން ދުޢާ ކުރުމަށް ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ. އަހަރެމެން އެދޭ ކަންކަމަށް އެދިގެންވެސް އޮތީ ހަމަ ވީހައި ގިނައިން ދުޢާ ކުރުންކަން މިކަމުން އެނގިގެންދެއެވެ.

ޚުލާޞާ ކޮށްލާފައި ބުނާނަމަ ބުނަން ޖެހެނީ ކަމަކަށް އެދި ދުޢާކުރަން ބޭނުންވުމުން އެއްވެސް މެދުވެރިއަކު ހޯދަން އުޅުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. ސީދާ އެމީހާ އެކަމަށް އެދި ދުޢާކުރުން ގިނަ ކުރުމަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން