ނަމާދާ ކައިރިވާނަމަ ފާހިޝް އަމަލުތަކާ މުންކަރާތްތަކަށް އަރައިގަތުމުން ސަލާމަތް ވެވޭނެ: ޝައިޚް ޢާދަމް ނިޝާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ނަމާދާ ކައިރިވާނަމަ ފާހިޝް އަމަލުތަކާ މުންކަރާތްތަކަށް އަރައިގަތުމުން ސަލާމަތް ވެވޭނެ: ޝައިޚް ޢާދަމް ނިޝާން

"ފަހެ، އެބޭކަލުންނަށްފަހު އެހެން ބައަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި ހަވާ ނަފްސުގެ އެދުންތަކަށް ތަބަޢަވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާއި ކުރިމަތިލާހުއްޓެވެ." (މަރްޔަމް ސޫރަތް: 59) 

މިއާޔަތުން އެނގެނީ ފަހުން އަންނާނެ ބައަކު ނަމާދާއި ދުރުހެލިވާނެ ކަމެވެ. މާނައަކީ ނަމާދު ނުކޮށް ނަމާދަށް ފަރުވާ ކުޑަކުރާނެ ކަމެވެ. އަދި އެފަދަ މީހުން އަދި ހަވާ ނަފްސުގެ އެދުންތަކަށް ތަބަޢަވެ ފާހިޝް އަމަލުތައް ކޮށް މުންކަރާތްތަކަށް އަރައިގަންނާނެ ކަމެވެ. 

އިންސާނުންނަކީ ބަލިކަށި ބައެކެވެ. އެހެންކަމުން ފާފަތައް ކުރެވޭނެ އެވެ. ފާފައެއް ކުރެވުމަށްވުރެ ނުބައިކަން ބޮޑީ ފާފަކުރުންމަތީގައި ދެމިހުރުމެވެ. ހަމަކަށަވަރުން ނަމާދަކީ މިފަދަ ހުރިހައި ކަމަކުން އިންސާނާ ސަލާމަތްކޮށްދޭ އެއްޗެކެވެ. (މަތީގައި ބަޔާން ކުރި އާޔަތުންވެސް މިކަން އެނގިގެންދެއެވެ. ފުރަތަމަ ކަމެއްގެ ގޮތުން އެމީހުން ނަމާދާއި ދުރުހެލިވާނެ ކަމަށް އޮތުމުންނެވެ.) 

އެމީހަކީ ނަމާދުތައް ފުރިހަމައަށް ކުރާ ތަޤްވާވެރިއެއް ނަމަ ފާހިޝް އަމަލަކަށް ނުވަތަ މުންކަރަތާތަކަށް އަރައިގަނެވޭނަމަ ލަދުވެތިވާނެއެވެ. ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ކުރެވިއްޖެނަމަ އެމީހުންގެ ބޯމައްޗަށް ބޮޑު ފަރުބަދައެއް ވެއްޓެން އުޅޭ ކަމުގެ އިޙްޞާޞް ކުރެވި އެހައިވެސް ބިރުގަންނާނެއެވެ. އެކަމާއި ދެރަވެ ހިތާމަކޮށް އަވަހަށް ތައުބާ ވުމަށް މަސައްކަތް ކުރާނެއެވެ. ރަސޫލް (ޞޢވ)ގެ ހަޔާތްޕުޅުގައި ވެސް މިފަދަ ހާދިސާތައް ވަނީ ހިނގައިފައެވެ.

ނަމަވެސް މުނާފިޤަކަށް ފާފައެއް ކުރެވުނު ނަމަވެސް އޭނާހެ ނޭފަތު ކުރީގައި މެއްސެއް ޖެއްސިކަންވެސް އޭނާއަށް އިޙްޞާޞެއް ނުވާނެއެވެ. މާނައަކީ އެއްވެސް ނުބައި އަމަލެއް ކުރެވުނުކަން އޭނާއަށް އިޙްޞާޞް ވެސް ނުކުރެވޭނެ ކަމެވެ. 

ނަމާދުކުރުމަށް ސަމާލުކަން ދޭށެވެ. ޚާއްޞަކޮށް ޖަމާއަތުގައި ނަމާދުކުރުމަށް ސަމާލުކަން ދޭށެވެ. ނަމާދުކުރުމަކީ ފާފަތައް ފޮހެވި ފާފަތަކުން މީހާ ސަލާމްތްކޮށްދޭ ކަމެކެވެ.

- ހުކުރު ދުވަހުގެ ރޭ މަޣްރިބް ނަމާދަށްފަހު މަސްޖިދު އަޒީޒާ މޫސާގައި ޝައިޚް ޢާދަމް ނިޝާން ދެއްވި ދަރުސުން

މިއަދު އޮންލައިން