ކީރިތި ޤްރްއާނުގެ އާޔަތްތަކެއް ރަސޫލް (ޞޢވ) ފޮރުއްވަވާފައިވާ ކަމަށް ބުނުމަކީ ﷲ ގެ ވަޙީ ޤަބޫލު ނުކުރުމެވެ. އެފަދަ ބަހެއް ބުނާނަމަ އެ މީހަކު އެ އިންކާރު ކުރަނީ ﷲ ތަޢާލާގެ ވަޙީއަށެވެ.

އެކަމުގެ ދަލީލަކީ އިސްލާމް ދީން ވަނީ ފުރިހަމަ ކުރައްވަވާފައި ކަމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައި އޮތުމެވެ. އަލްމާއިދަތު ސޫރަތުގެ 3 ވަނަ އާޔަތުގައި "---މިއަދު ތިއަބައިމީހުންގެ ދީން، ތިއަބައިމީހުންނަށް ތިމަން ރަސްކަލާނގެ ފުރިހަމަކޮށް ދެއްވަވައިފީމެވެ." ވަޙީ ކުރައްވަވާފައި އޮތުމުންނެވެ.
އިސްލާމް ދީނަކީ ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތެވެ. އެހެންކަމުން އިސްލާމް ދީނަކީ ކީރިތި ޤްރްއާނުން ބައެއް ނޫނެވެ. އެ ފޮތް އެކުގައެވެ. ވީމާ ކީރިތި ޤްރްއާނުގައި އެންމެ އަކުރެއް އަދި ފިއްޔެއްވެސް މަދުވުމަކުން އެ ޤްރްއާން ފުރިހަމައެއް ނުވާނެއެވެ. ޤްރްއާން ފުރިހަމަ ނުވެ އިސްލާމް ދީން ފުރިހަމައެއް ނުވާނެއެވެ. ވީއިރު "--މިއަދު ތިއަބައިމީހުންގެ ދީން، ތިއަބައިމީހުންނަށް ތިމަން ރަސްކަލާނގެ ފުރިހަމަކޮށް ދެއްވަވައިފީމެވެ." ވަޙީ ކުރައްވަވާފައި އޮތުމުން ކީރިތި ޤްރްއާނުގެ އެންމެ އާޔަތެއްވެސް މަދު ކަމަށް ޤަބޫލުކުރެވޭނީ ކޮން ހަމައަކުން ހެއްޔެވެ؟
މިފަދަ ވާހަކަތައް ދައްކާ މީހުން އުޅޭނެ ކަމާއި އެމީހުން ވަނީ މާޔޫސްވެފައި ކަމަށާއި އެމީހުންނަށް ބިރު ގަނެ ފަސް ނުޖެހުމަށްވެސް ހަމަ މިއާޔަތުގައި ވަނީ އަންގަވައިފައެވެ. އަދި އެފަދަ މީހުންނަށް އިސްލާމް ދީނަށް އެއްވެސް ގެއްލުމެއް ނުދެވޭނެކަންވެސް ވަނީ ބަޔާން ކުރައްވަވައިފައެވެ. "—މިއަދު ތިއަބައިމީހުންގެ ދީނާއިމެދު (އެބަހީ އެދީނަށް ގެއްލުމެއް ދެވިދާނެ ކަމާއިމެދު) ކާފިރުން، ނާއުންމީދު ވެއްޖެއެވެ. ފަހެ، އެއުރެން ދެކެ ތިއަ ބައިމީހުން ބިރު ނުގަންނާށެވެ. އަދި ތިމަން ރަސްކަލާނގެއަށް ތިއަ ބައިމީހުން ބިރުވެތިވާށެވެ!"
ކީރިތި ޤްރްއާނުގެ މާނަ ކިޔައި އުޅޭ ކޮންމެ މީހަކަށްވެސް މިކަންކަން ރަނގަޅަށް އެނގޭނެއެވެ. ކީރިތި ޤްރްއާނުގެ އާޔަތްތަކަށް ވިސްނައި އުޅޭ ކޮންމެ މީހަކަށް ވެސް މިކަންކަން ވިސްނޭނެއެވެ. ވީމާ ކުފުރުގެ ބަސްތައް ބުނުމުން އެކަން ކުށްވެރިކުރާ މީހާ ޝަރީއަތަށް ގެންދާނަމޭ، އދ އޭ، ޑިމޮކްރަސީއޭ، ޙައްޤުތަކޭ، މިވެނި ގޮތެއް ހަދާނަމޭ، ފިޔަވަޅު އަޅުވާނަމޭ ބުނުމުން ބިރުގަންނާނީ ކޮން މުސްލިމަކު ހެއްޔެވެ؟
އަހަރެމެން އީމާންވެގެން ތިބި ﷲ އަހަރެމެންނަށް އަންގަވަނީ "--ފަހެ، އެއުރެން ދެކެ ތިއަ ބައިމީހުން ބިރު ނުގަންނާށެވެ. އަދި ތިމަން ރަސްކަލާނގެއަށް ތިއަ ބައިމީހުން ބިރުވެތިވާށެވެ!" މިފަދައިންނެވެ. ވީމާ ﷲ ތަޢާލާއަށް އީމާންވެގެން ތިބި މީހުން ބިރުގަންނަވަން، މާޔޫސް ކުރުވަން މަސައްކަތް ނުކުރާށެވެ. އެކަން ކާމިޔާބެއް ނުކުރެވޭނެއެވެ. އިން ޝާ ﷲ!
--މިއަދުނޫހުގެ ކިޔުންތެރިއަކު ފޮނުވާފައިވާ ލިޔުމެއް.