މީހަކަށް ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ރުއްސަވާ ނުވަތަ އިރާދަ ކުރައްވަވައިފި އަޅެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. ހަދީޘްގައި ބަޔާންވެގެންވަނީ މުޅި ދުނިޔެ ފުރޭހައި ގިނައިން ފާފަ ކުރެވިފައިވީނަމަވެސް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ރުއްސަވާ ނުވަތަ އިރާދަ ކުރައްވަވައިފި އަޅެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށެވެ.
އެހެން ނަމަވެސް ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލު ނުކުރާ މީހަކަށް އެ ފުރުޞަތެއް ނެތެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރުމަކީ ހަމަ އެކަނި ޝަހާދަތް ބަލައި ގަތުމެއް ނޫނެވެ. ﷲ ތަޢާލާގެ އެންމެހައި އެންމެހައި އެންގެވުންތައް ބަލައިގަތުމެވެ. އިސްލާމީ ޝަރީއަތުގައި ބަޔާންވެގެންވާ އެންމެހައި ކަންކަން ޤަބޫލުކުރުމެވެ.
ވީމާ އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ އެއްވެސް ކަމަކަށް ދެކޮޅު ހަދައި ޤަބޫލު ނުކުރުމަކީ ވަރަށް ނުރައްކައުތެރި ކަމެކެވެ. ވަރަށް ގެއްލުން ބޮޑު ކަމެކެވެ. ދެދުނިޔެއިން ތިމާ ގެއްލިގެން ހިނގައިދާނެ ކަމެކެވެ.
ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތް ފުރިހަމައަށް ޤަބޫލުކުރާ މީހަކަށް ވާންޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ. އިންސާނުންނަކީ ފާފަ ކުރެވޭނެ ބައެކެވެ. ފާފައެއް ކުރެވުމުން އޮތީ އަވަހަށް ތައުބާވުމެވެ. ތައުބާ ވުމަށްޓަކައި ތިމާއަށް ކުރެވުނު ކުށް ޤަބޫލުކުރަންޖެހޭނެއެވެ. އެ ކުށް ކުރެވުނު ކަމަށްޓަކައި ހިތުގެ އަޑިން ހިތާމަކުރާ މީހަކު ކަމުގައިވުމެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތައް ފުރިހަމައަށް ޤަބޫލުނުކުރާ އެއްވެސް މީހަކީ ކުށް ޤަބޫލުކުރާ މީހަކަށް ނުވާނެއެވެ. ވީމާ ފުރަތަމަވެސް އޮތީ ކުށް ޤަބޫލު ކުރާ މީހަކަށްވުމެވެ.
އިސްލާމްކަން މިފެށެނީ އީމާންކަމުންނެވެ. އީމާންކަމުގެ އެންމެ ފުރަތަމަ އަސާސަކީ ޝަހާދަތް ދުލުން ކިޔުމާއި އެއިގެ މާނަ ހިތުގެ އަޑިން ޤަބޫލުކުރުމެވެ. އެކަން ފުރިހަމަވާނީ ﷲ ތަޢާލާ ބާވައި ލެއްވެވި ކީރިތި ޤްރްއާން ފުރިހަމައަށް ޤަބޫލުކުރުމާއިއެކު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތް ވެސް ޤަބޫލުކޮށް އެކަންކަމަށް އަމަލުކުރުމުންނެވެ.
--މުފްތީ މެންކުގެ ދަރުސަކުން