ނިކަން ވިސްނައިބަލާށެވެ! މީސްތަކުންގެ ވެރިއަކު ނުވަތަ މަތީ މަޤާމެއްގައި ހުންނަ މީހަކު ނުވަތަ ތަނަވަސްކަމުގެ އަހުލުވެރިއަކު މީހަކަށް ހިނިތުންވެލައިފިނަމަ މީސްތަކުން ތިބެނީ އުފަލުން ފުރިފައެވެ. އެފަދަ މީހަކު ކިރިޔާ ހިނިތުންވެލާއިރަށް އުފަލުން ގޮސް އަހަރެމެންގެ ކޮލުގެ އެންމެ އެތެރެއަށް އިންނަ ދަތް ފެންނަވަރަށް އެބަ ހިނިއާދެއެވެ.
އެހެންކަމަށްވާއިރު ﷲ ތަޢާލާގެ ޙަޟްރަތުން މީހަކަށް ހިނިތުންވެވޮޑިގަތުން ލިބިއްޖެ ނަމަ ލިބެންޖެހޭނެ އުފާވެރިކަން ނިކަން ހިތަށް ގެނެސްބަލާށެވެ! އެފަދަ ކަމަކަށް އަހަރެމެންނަށް ބޭނުންތެރިކަން ބޮޑުވެގެންވާ މިންވަރާއިމެދު ނިކަން ވިސްނައިލަބަލާށެވެ!
އިމާމް އަޙްމަދު ރިވާ ކުރައްވަވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ. މީހަކު ދުނިޔޭގައި ހުއްޓައި އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިގެން ހިނިތުންވެވޮޑިގެންފިނަމަ އެމީހަކަށް އާޚިރަތް ދުވަހު އެއްވެސް ތަކްލީފަކާއި ކުރިމަތިލާކަށް ނުޖެހޭނެއެވެ. އެމީހަކަށް ހިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވަދެވޭނެއެވެ.
މިއީ ކޮން ފަދަ މަތިވެރި ނިޢްމަތެއްތޯއެވެ؟ ހަމަކަށަވަރުން އެފަދަ ނަޞީބެއް ލިބުނު މީހާ ވާހުށީ އެންމެ ބޮޑު ބާއްޖަވެރިއަކު ކަމުގައެވެ. މި ނަޞީބު ލިބޭނެ އެކަކީ ﷲ ތަޢާލާއަށްޓަކައި ރޭގަނޑުގެ އަރާމު ނިންޖާއި އަރާމު ތަންމަތި އަދި އެމީހާގެ ލޯބިވާ އަނބިމީހާ ދޫކޮށް ރޭ އަޅުކަން ކުރުމަށް ހޭލި މީހާއެވެ.
މިކަމަކީ ހަމަ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. ހަމަ ކުޑަކުޑަ ހިތްވަރެއް ކޮށްލައިގެން ޙާޞިލުކުރެވެން އޮތް ކަމެކެވެ. ނުހަނު ފަސޭހައިން ކުރެވެން ވެސް އޮތް ކަމެކެވެ. ފުރަތަމަ ކަމަކަށް ކޮށްލަން ޖެހޭ ކަމަކީ އަވަހަށް ނިދުމެވެ. އެއިރުން ރޭގަނޑުގެ ފަހު ބައިގައި ހޭލުމަކީ ހަމަ އެއްވެސް ބުރަކަމަކަށް ނުވާނެއެވެ.
ރޭ އަޅުކަން ކުރަން ކޮންމެހެން މިސްކިތަށް ދިއުމެއް ނެތެވެ. ގޭގައިވެސް ހަމަ ކުރަންވީއެވެ. ފަތިސް ނަމާދު ވަގުތުވުމުގެ ހަމަ ކުޑައިރުކޮޅެއް ކުރިއަށް ހޭލައިގެންވެސް ދަމުނަމާދު ކުރެވޭނެއެވެ. އެހެނީ ދަމު ނަމާދުގެ ވަގުތު ނިމޭނީ ފަތިސް ނަމާދަށް ގޮވުމުން ކަމަށްވާތީއެވެ. ފަތިސް ނަމާދަކީ ކޮންމެހެން ކުރަންޖެހޭ ނަމާދެކެވެ. ޚާއްޞަކޮށް ފަތިސް ނަމާދު ޖަމާއަތުގައި ކުރުމަކީ އެހައިމެ މުހިންމު ކަމެކެވެ. އެހެންކަމަށްވާއިރު ފަތިސް ވުމުގެ ކުޑަ އިރުކޮޅެއް ކުރިން ހޭލައި ދަމުނަމާދުކޮށް ޤިޔާމަތް ދުވަހުގެ އެ ބިރުވެރިކަމުން ސަލާމަތްވެ ހިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވަދެވޭ މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރުން ކީއްހެއްޔެވެ؟
- އުސްތާޛް ޢަލީ ހައްމުދާގެ ދަރުސަކުން
)މިކަމާއި ގުޅިގެން ދީނީ ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި ޙަދީޘްފުޅުގައި ފިރިހެނުންގެ ވާހަކަ ބަޔާންކުރައްވަވާފައި އޮތް ނަމަވެސް އަންހެންކު ނަމަވެސް ޙަދީޘްފުޅުގައިވާ ގޮތަށް ޢަމަލުކޮށްފިނަމަ ހަމަ އެ ނިޢްމަތްތައް ﷲ ތަޢާލާ ދެއްވަވާނެ ކަމަށެވެ. އެހެންކަމުން މިއީ އަންހެނުންނަށްވެސް ލިބިގަނެވެން އޮތް ނިޢްމަތެއް ކަމަށެވެ. (