އޭނާއަކީ ވަރަށް ބޮޑު ތަޤްވާވެރިއެކެވެ. ނަމާދުކުރުމާއި ރޯދަ ހިފުމާއި އެނޫން ވެސް ވީހައި ގިނަ އަޅުކަން ކުރުމުގައެވެ. އެހެންވެ ހުންނަނީ ވަރަށް ހިތް ހަމަޖެހިގެންނެވެ. އޭނާއަށް ކަންބޮޑުވާން ޖެހުނީ އެއް ރޭ ފެނުނު ހުވަފެނެއްގެ ސަބަބުންނެވެ.
ހުވަފެނުގައި މީހަކު އައިސް ބުނީ އޭނާއަށް ވުރެ މިވެނި މީހަކު މާ ތަޤްވާވެރި ކަމަށެވެ. މިއީ އޭނާއަށް ޙަޖަމު ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ. ހެނދުނު ފުރަތަމަވެސް ދިއައީ އޭނާ ހޯދާށެވެ. ދިއައިރު އެމީހާ ފިހާރަ ހުޅުވައިގެން ހަމަ ވިޔަފާރިކުރަނީ އެވެ. އަޅުކަން ކުރާ ތަނެއް ނުފެނެއެވެ. އެހެންކަމުން ވިޔަފާރިވެރިޔާގެ ޚާއްޞަކަމަކީ ކޮބައިކަން ބެލުމުގެ ޝައުޤުވެރިކަމުގައި ހުއްޓައި މެންދުރުވުމުން ދިއައީ ނަމާދަށެވެ. ވިޔަފާރިވެރިޔާވެސް ދިއައީ ނަމާދަށެވެ.
ނަމާދުން ފައިބައިގެން އައިސް ފިހާރަ ހުޅުވިއިރު ވިޔަފާރިވެރިޔާއަށްވުރެ ކުރިން އޭނާ ގޮސް އެތަނުގައި ހުއްޓެވެ. އޭނާ އެތަނުގައި އެހުންނަނީ ހެނދުނުންސުރެކަން ފާހަގަކުރެވުމުން އޭނާ އާއި ސަލާންކޮށް އޭނާ އެތަނުގައި ހުންނަ ބޭނުމާއިމެދު ސުވާލުކުރިއެވެ. ޖަވާބުގައި ވެގެން އުޅޭ ގޮތް ކިޔައި ދިނުމުން ވިޔަފާރިވެރިޔާ އޭނާގެ އަތަށް ދިނީ ޖޯޑުވަތުތަށްޓެކެވެ. ދީފައި ބުނީ މިވަތުތަށީގައި އޮތް ދިރޭރަހަކޮޅު ވައްޓާނުލައި ތަށި ހިފައިގެން މަގުކޮޅަށް ގޮސްފައި 30 މިނިޓް ތެރޭގައި އެނބުރި އައުމަށެވެ. ވައްޓާނުލައި އަތުވެއްޖެނަމަ ކިޔައިދޭނެ ކަމަށެވެ.
އެކަމެއް އޮޅުންފިލުވުމުގެ ދަހިވެތިކަން އޮތް މިންވަރު ބޮޑުކަމުން ވަރަށް މަސައްކަތުން އޭނާ އެކަން ވިޔަފާރިވެރިޔާ ބުނި ގޮތަށް ފުރިހަމަކުރިއެވެ. އަދި އެވާހަކަ ކިޔައި ދިނުމަށް އެދުމުން ޖަވާބުގައި ވިޔަފާރިވެރިޔާ ކުރީ ސުވާލެކެވެ. "ތަށި ހިފައިގެން އުޅުނުއިރު ﷲ ތަޢާލާ މަތިން ހަނދާންވިތޯއެވެ؟" ޖަވާބުގައި އެ ވަގުތުތަކުގައި ﷲ ތަޢާލާ މަތިން ހަނދާން ނުވާ ކަމަށް ބުނުމުން ވިޔަފާރިވެރިޔާ ކިޔައިދިނެވެ.
"އަހަރެން ﷲ ތަޢާލާގެ މަތިން ހަނދާން ކުރަނީ މިސްކިތުގައި އެކަންޏެއް ނޫނެވެ. އަދި އެކަނިވެރިވާ ވަގުތުތަކުގައެއްވެސް ނޫނެވެ. ވިޔަފާރިކުރާއިރުވެސް އަދި ކޮންމެ ކަމެއް ކުރި ނަމަވެސް ކުރަނީ ﷲ ތަޢާލާ މަތިން ހަނދާންކޮށްގެން ހުރެއެވެ. އެކަން ހިނދުކޮޅަކަށް ނަމަވެސް ހަނދާނުން ފިލުވައެއް ނުލަމެވެ. އެހެންކަމުން ތިއަ ފެނުނު ހުވަފެނުގެ ހަޤީޤަތަކީ މިއީ ކަމަށްވެދާނެއެވެ." ދެން ކިޔައިދިނީ ނޫރް ސޫރަތުގެ 37 ވަނަ އާޔަތާއި 38 ވަނަ އާޔަތެވެ. "އެއީ، ފިރިހެނުން ތަކެކެވެ. (އެބަހީ: ތަޞްބީޙަ ކިޔައި ނަމާދުކޮށް އުޅެނީ ފިރިހެނުން ތަކެކެވެ. ވިޔަފާރިއެއް ނުވަތަ އެހެންވެސް ވިއްކުމެއް ﷲ ގެ މަތިން ހަނދުމަ ކުޅައުމުންނާއި، ނަމާދު ޤާއިމުކުޅައުމުންނާއި، ޒަކާތް ދިނުމުން، އެއުރެން މަޝްޣޫލްކޮށް ދުރުކޮށެއް ނުލަތެވެ. އެދުވަހެއްގައި، ހިތްތަކާއި ލޯތައް އުފުށް މިފުށަށް އެނބުރި އުޅޭ ދުވަހަށް އެއުރެން ބިރުވެތިވެއެވެ. އެއުރެން އަމަލުކުޅަ އެންމެ ހެޔޮ ގޮތަށް، ﷲ އެއުރެންނަށް ހެޔޮ ޖަޒާ ދެއްވެވުމަށްޓަކައެވެ. އަދި، އެކަލާނގެ ފަޟްލްވަންތަ ކަމުގެ ތެރެއިން، އެއުރެންނަށް އިތުރުކޮށް ދެއްވެވުމަށްޓަކައެވެ. ﷲ، އެކަލާނގެ އިތުރު ކުރައްވަވާ މީހަކަށް، ވަކި މިންވަރެއް ނެތި ރިޒްޤް ދެއްވަވައެވެ."
ވިޔަފާރިވެރިޔާ ގިނަ ވަގުތު ހޭދަކުރަނީ ފިހާރައިގައެވެ. ވިޔަފާރިކުރުމުގައެވެ. ނަމަވެސް އޭނާ އަބަދުވެސް ހުންނަނީ ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ކަމަށްވުމުން ކޮންމެ ކަމެއްވެސް ކުރެވޭނީ ކުރަން އޮންނަ އެންމެ ރަނގަޅު ގޮތުގައެވެ. ތެދުވެރިކަމާއިއެކުގައެވެ. އެގޮތުގައި ކުރާ ކޮންމެ މަސައްކަތަކީވެސް (ﷲ ތަޢާލާ ހުއްދަކުރެއްވި) އަޅުކަމެކެވެ. މިވާހަކައިން އަންގައިދެނީ އަބަދުވެސް ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ހުރުމުގެ މުހިންމު ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން