އައްޔޫބްގެފާނުގެ ޖަވާބުން ޢިބްރަތް ޙާޞިލުކުރާ މީހުން ތަނަވަސްކަމާ މަޤާމަށް ޖެހިލުމެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
އައްޔޫބްގެފާނުގެ ޖަވާބުން ޢިބްރަތް ޙާޞިލުކުރާ މީހުން ތަނަވަސްކަމާ މަޤާމަށް ޖެހިލުމެއް ނުވާނެ!

ބައެއް ރިވާޔަތްތަކުގައި ބުނެވޭ ގޮތުން އައްޔޫބްގެފާނު އިމްތިޙާން ކުރެއްވެވުމުގެ ގޮތުން ﷲ ތަޢާލާ އައްޔޫބްގެފާނަށް ދެއްވެވި ތަނަވަސްކަން އަނބުރައި ގެންދެވުމުން އިންސާނެއްގެ ސިފައިގައި އިބިލީސް އައްޔޫބްގެފާނުގެ އަރިއަހަށް ގޮސް ފާޑުފާޑުގެ ވާހަކަތައް ދައްކައި ﷲ ތަޢާލާ އާއި މެދު ޝައްކުތައް އުފައްދުވަން މަސައްކަތް ކުރިއެވެ.

އިބިލީހަށް އައްޔޫބްގެފާނު ދެއްވެވި ޖަވާބަކީ "މުދަލަކީ ﷲ ތަޢާލާގެ މިލްކެކެވެ. އަހަރެންގެ އަތްމަތީގައި މުދައު ހުރީ ﷲ ތަޢާލާ ޙަވާލުކުރެއްވެވި އަމާނާތެއްގެ ގޮތުގައެވެ. މުދައު ދެއްވަވަނީވެސް އަދި ގެންދަވަނީ ވެސް ﷲ ތަޢާލާއެވެ. ﷲ ތަޢާލާ އިރާދަ ކުރެއްވެވި އަޅަކަށް މުދައު، ތަނަވަސްކަން ދެއްވަވައެވެ. އަދި އިރާދަ ކުރައްވަވަވއިފި އަޅެއްގެ އަތުން އަނބުރައި ގެންދަވައެވެ. ވީމާ ﷲ ތަޢާލާގެ މިލްކެއް ﷲ ތަޢާލާ ގެންދެވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ!"

ހަޤީޤަތަކީ މިއީއެވެ. ކަން އޮތް ގޮތަކީވެސް މިއީއެވެ. މުދަލާއި މަތީ މަޤާމާއި ދެރަ މަޤާމާއި ބޮޑު މުސާރައާއި ކުޑަ މުސާރަ މިންވަރު ކުރައްވަވަނީ ހަމަ ﷲ ތަޢާލާއެވެ. އިންސާނުންނަށް އޮތީ ނިޢްމަތްތައް ހޯދަން ގަދައަޅައި މަސައްކަތް ކުރުމެވެ. އެހެންކަމުން ﷲ ތަޢާލާ އަންގަވާފައިވާ މަގުގައި ސާބިތުކަމާއިއެކު ކުރިއަށް ދާން މަސައްކަތް ކުރާމީހާ އެމީހާގެ މަސްއޫލިއްޔަތު އަދާކުރަމުން ގެންދާއިރު އަބަދުވެސް ބަލާނީ ތެދުވެރިކަމާއި އަދި އިޚްލާޞްތެރިކަމާއިއެކު މަސައްކަތް ކުރުމަށެވެ.

ފުރިހަމަ އީމާންކަންމަތީގައި ހުންނަ މީހާ، އެއްވެސް ފަރާތަކުން ދައްކާ ބިރަށް މަޤާމު މަސްއޫލިއްޔަތު އަދާކުރަން ފަހެއް ނުޖެހޭނެއެވެ. އޭނާ އަބަދުވެސް ހުންނާނީ ﷲ ތައާލާއަށް ވަކީލުކޮށްގެންނެވެ. ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވި ކަމެއް ނޫނީ މެދުވެރި ނުވާނެކަން ޔަޤީންކޮށްގެންނެވެ. އެއް ދޮރު ބަންދުވެއްޖެ ނަމަ 7 ދޮރު ހުޅުވޭނެކަން ޔަޤީންކޮށްގެންނެވެ. އަދި އެއްވެސް ދޮރެއް ބަންދުވެއްޖެ ނަމަ ޔަޤީން ކުރާނީ އެއީ ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވި އިމްތިޙާނެއް ކަމަށެވެ.

މުދައު ދެއްވަވާ ފަދައިން މަޤާމްތައްވެސް ދެއްވަވަނީ ހަމަ ﷲ ތަޢާލާއެވެ. އެކަލާނގެ އިރާދަ ކުރައްވަވައިފި އަޅަކަށެވެ. އަނބުރައި ގެންދަވަން އިރާދަ ކުރެއްވެވުމުން ގެންދަވާނެއެވެ. ކޮންމެ މަޤާމެއް އަދާކުރި ނަމަވެސް އެކަން ޔަޤީންކޮށްގެން މަސައްކަތް ކުރާނަމަ މާޔޫސްވާކަށް ނުޖެހޭނެއެވެ.

މުސްލިމުން އަބަދުވެސް ތެދުވެރިވާން ޖެހޭނީ ﷲ ތަޢާލާއަށެވެ. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރާއިރު ތިމާ ކިތަންމެ ސިއްރުން ކަމެއް ކުރި ނަމަވެސް އެކަން ﷲ ތަޢާލާ ބައްލަވައި ވޮޑިގަންނަވާކަން ހިތުގައި ބާއްވާނަމަ ހުރިހައި ކަމެއްވެސް ކުރެވެމުންދާނީ އެންމެ ރަގަޅު ގޮތުގައެވެ. ޤަބޫލުކުރަންޖެހޭނެ ކަމަކީ ވަޒީފާ ދިން ފަރާތަކީ މެދުވެރިއެއް ކަމަށާއި ވަޒީފާ ދެއްވެވި ފަރާތަކީ ﷲ ތަޢާލާ ކަމެވެ. އޮޅުވައިލެވޭނީ ވަޒީފާ ލިބުމުގައި ﷲ ތަޢާލާ މެދުވެރި ކުރެއްވެވި ފަރާތަށް ކަމަށާއި ވަޒީފާ ދެއްވެވި ﷲ ތަޢާލާއަށް އެއްވެސް ކަމެއް އޮޅުވައި ނުލެވޭނެ ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން