ތިބާގެ ހިމާޔަތުގައި އަބަދުވެސް 5 މަލާއިކަތުން ތިއްބަވައެވެ. އެއީ ތިބާ ކުރާ އަމަލުތައް ލިޔުއްވާނެ ދެ މަލާއިކަތުންނާއި ކުރިމަތީގައާއި ފަހަތުގައި 2 މަލާއިކަތުންނާއި އަދި ތިބާގެ ކަންފަތް ކައިރީގައި ހެޔޮ އަމަލުތައް ކުރަން އަބަދުވެސް ވިދާޅުވާނެ މަލާއިކަތެކެވެ.
ދުނިޔެއަށް އުފަންވާ ކޮންމު ކުއްޖަކާއިއެކު އިތުރުވާނީ އެންމެ ޝައިޠާނެކެވެ. ވީމާ ކޮންމެ މީހަކު މަގު ފުރައްދަން ވެސް ހުންނާނީ ހަމަ އެންމެ ޝައިޠާނެކެވެ.
މީސްތަކުން މަގުފުރެދިގެން ދިއުން ހުއްޓުވުމަށްޓަކައި 5 މަލާއިކަތުން ލައްވަވައި ދެއްވެވީ އަދަމްގެފާނުގެ އެދިވަޑައިގަތުމަށެވެ. މަގުފުރެދި ނަރަކައަށް ދާނެ މީހުން މަދު ކުރެއްވެވުމަށެވެ. ނުވަތަ ނަރަކައަށް ދިއުމުގެ ފުރުޞަތު ހަނިކުރެއްވެވުމަށެވެ. ނަމަވެސް މީސްތަކުންގެ ޖާހިލުކަން ބޮޑުކަމުން ފާފަތަކަށް އަރައިގަންނަނީ އެވެ. އަދި ނިމިގެންދާއިރު ސުވަރުގެ ދެވޭ މީހުންގެ އަދަދު ކޮންމެ 1000 މީހަކުން އެކަކަށް މަދުވަނީއެވެ.
މިފަދަ ކަންކަން އެނގެންހުރިއިރުވެސް ދުނިޔަވީ އެދުންތައް ގިނަވެ، ޝައިޠާނާގެ ބަހަށް ހެއްލި ގިނަ ފާފަތަކެއް ކުރުމަށްފަހު ނުވަތަ ފާފަކުރަމުން އަހަރެން ކުރާނީ ކީއްހޭ؟ އެބަ ބުނެއެވެ. އަޅެ ނިކަން ބުނެބަލާށެވެ! އެހެން ބުނަން ލަދުގަންނަން ނުޖެހޭނެ ހެއްޔެވެ؟
މީސްތަކުންނޭވެ! އަދި މިވަރުންވެސް ﷲ ތަޢާލާ އަހަރެމެން ދޫކޮށްލެއްވެވީއެއް ނޫނެވެ! މި ބުނަނީ 5 މަލާއިކަތުން ލައްވަވާފައި ނިންމަވައިލެއްވެވީ ނޫނެވެ. ކުށެއް ކުރެވިއްޖެނަމަ ތައުބާ ވުމުގެ ފުރުޞަތު މިވަނީ ޢާންމުކޮށް އެންމެންނަށް ވެސް ހުޅުއްވަވައިލައްވަވައިފައެވެ. އެމީހާ ދުނިޔޭގައި ހުރިހާ ދުވަހަކު އެ ފުރުޞަތު ވަނީ ދެއްވަވައިފައެވެ. އެ ފުރުޞަތު ބަންދުވެގެން މިދަނީ މަރުގެ މަލާއިކަތާ މަރު ހިއްޕަވަން ވަޑައިގެން އެމީހެއްގެ ލޮލަށް ފެންނަ ހިސާބުންނެވެ. އެވަރުންވެސް ތައުބާ ނުވެފައި އެހެން ފަރާތެއް ކުށްވެރިކުރެވިދާނެ ހެއްޔެވެ؟
ރަނގަޅަށް ވިސްނާށެވެ! ފާފައަކަށް އަރައިގަންނަން އުޅޭ އިރަށް އެއީ ފާފައެއް ކަމާއި އަރައިގަތުމުން އަޒާބު ލިބޭނެކަން ހިތަށް އަރާނެއެވެ. އެއީ ކަންފަތް ކައިރީ ހުންނަވާ މަލާއިކަތާ އެކަން އަނގަވައި ދެއްވަވާތީއެވެ. އެ އަޑު ނުއަހައި، މަލާއިކަތާ ދެއްވަވާ ނަޞޭޙަތް ޤަބޫލުނުކޮށް އަމިއްލަ އެދުން ކުރިއަށް ނެރެ ފާފަތައް ކުރަނީ އެވެ.
ނިކަން ރަނގަޅަށް ވިސްނައިބަލާށެވެ! ހަނދާން ނެތުމަކީ ވެސް އޮތް ކަމެކެވެ. ނަމަވެސް އެއީ ވަރަށް މަދުފަހަރަކުއެވެ. ޢާންމު ގޮތެއްގައި ނަމާދުވަގުތު ވުމުން އެކަން މަލާއިކަތާ ހަނދާންކޮށްދެއްވާނެއެވެ. ނަމަވެސް މަލާއިކަތާގެ ބަސްފުޅު ޤަބޫލުނުކޮށް، ޝައިޠާނާގެ ބަސް ޤަބޫލުކޮށް ފަހުން ކޮށްލަން މަޑުކުރަނީ ނޫން ހެއްޔެވެ؟ އެންމެފަހުން ވަގުތު ފާއިތުވެގެންދާއިރުވެސް ނުކުރެވި ދަނީ ނޫންހެއްޔެވެ؟
ވިސްނައިދޭން މިމަސައްކަތް ކުރަނީ ފާފަކުރުމުން ދުރުހެލިވެ ﷲ ތަޢާލާ އަންގަވާފދައިވާ މަގުގައި ކުރިއަށް ދިއުމަށް ﷲ ތަޢާލާ މީސްތަކުންނަށް ފަހިކޮށްދެއްވަވާފައިވާ ކަންތައްތައް ގިނަ ކަމުގެ ވާހަކައެވެ. އެ ފުރުޞަތުތަކުގެ ބޭނުން ނުހިފާ ކަމުގެ ވާހަކައެވެ. ވީމާ އަހަރެންގެ އާދޭހަކީވެސް ނަޞޭޙަތަކީވެސް ބަޔާން މިކުރި ކަންކަމަށް ވިސްނައި އަމަލުތައް އިޞްލާޙްކުރަން މަސައްކަތް ކުރުމެވެ. ކޮންމެ ހާހަކުން ނަރަކައަށް ދާންޖެހޭ 999 މީހުންގެ ތެރޭގައި ނުހިމެނި ސުވަރުގެ ވަދެވޭ އެކަކު ކަމުގައި ވުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. ހަމަ ޔަޤީނުންވެސް އެ ފުރުޞަތު ލިބޭނީ ގަދައަޅައި މަސައްކަތްކުރި މީހަކަށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން