މުސްލިމުންނަށް މިސްކިތެއް ހޯދައިދޭން އިސްނެގި ޒުވާނަކު ޖެހިގެން އައި އަހަރު ޢަރަފާތު ބިމުގައި މަރުވި ގޮތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
މުސްލިމުންނަށް މިސްކިތެއް ހޯދައިދޭން އިސްނެގި ޒުވާނަކު ޖެހިގެން އައި އަހަރު ޢަރަފާތު ބިމުގައި މަރުވި ގޮތުގެ ވާހަކަ!

މިއީ އެމެރިކާގައި ހިނގި ކަމެކެވެ. މުސްލިމުން ނަމާދުކުރަމުން ދިއައީ ޔަހޫދީއެއްގެ ގެ ކުއްޔަށް ހިފައިގެންނެވެ. ނަމާދަށް ދާ މީހުންގެ އަދަދު އިތުރުވަމުން ދާ ވަރަކަށް އެމީހާ ދިއައީ ކުލި ބޮޑުކުރަމުންނެވެ. ވަކި ހިސާބަކަށް ދިއުމުން އިމާމް އެއް ރޭ އިއުލާނުކުރީ ކުލި ދެއްކޭ ވަރަށް ފައިސާ ނެތުމުން އަންނަ މަހު މިސްކިތް ބަންދުކުރާނެ ވާހަކައެވެ. 

އެވަގުތު މިސްކިތުގައި އިން ވިއްސަކަށް އަހަރުގެ ޒުވާނަކު ތެދުވެފައި ބުނީ މިސްކިތް ބަންދުކުރުމުގެ ބޭނުމެއް ނެތް ކަމަށާއި މި އިމާރާތް ނުވަތަ އެހެން އިމާރާތެއް ގަތުމުން ކުލި ދައްކަން ނުޖެހޭނެ ކަމަށެވެ. 

ޒުވާނާގެ ޚިޔާލު ބައެއް މީހުންނަށް ވީ ހެއްވާ ވާހަކައަކަށެވެ. އެމީހުން ސުވާލު އުފެއްދީ މިސްކިތުގެ ކުލި ނުދެއްކޭއިރު އިމާރާތެއް ގަންނާނެ ގޮތަކާއި މެދުގައެވެ. ޒުވާނާ ބުނީ ﷲ ތަޢާލާގެ މަގުގައި ކަމެއް ކުރިމަތިލައިފިނަމަ ހިންމަވައި ދެއްވަވާނެ ކަމަށާއި އޮންނާނީ ސާބިތުކަމާއިއެކު ކުރިއަށް ދާން މަސައްކަތް ކުރުން ކަމަށެވެ. 

ޖެހިގެން އައި ރޭގެ ޢިޝާ ނަމާދަށްފަހު އެ ޒުވާނާ ޑޮލަރުތަކެއް އިމާމް މީހާ އާއި ހަވާލުކުރުމަށްފަހު ބުނީ މިއީ އޭނާ ކުރާ މަސައްކަތުން މިހައިތަނަށް ފާއިތުވި މުއްދަތުގައި ޖަމާކުރެވިފައި ހުރި ފައިސާކޮޅު ކަމަށެވެ. އަދި ފައިސާ ބޭނުން ނުކޮށް ބަހައްޓައިގެން މިހުރީ ﷲ ގެ މަގުގައި ރަނގަޅު ކަމެއް ކުރުމުގެ ނިޔަތުގައި ކަމަށާއި މި ފައިސާކޮޅަކީ އިމާރާތް ގަންނަން ހުޅުވާ ފަންޑުގެ ފެށުން ކަމަށް ބެލުމަށެވެ. 

ޒުވާނަކު އިސްނަގައި އެފަދަ ކަމެއް ކުރުމުން އިމާމް މީހާވެސް ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތްފުޅަށް އެދެމުން އެ ފައިސާގައި ހިފިއެވެ. ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅުން އެ ފަންޑު ވެގެން ދިއައީ ވަރަށް ބަރަކާތްތެރި ފަންޑަކަށެވެ. 2،3 މަސް ދުވަސްތެރޭ ގިނަ އަދަދެއްގެ ފައިސާ ލިބި ހަމަ އެއިމާރާތް ގަނެވޭނެ މަގު ފަހިވެގެންދިއައެވެ. 

އިމާރާތް ގަނެވުމުން ބައެއް މީހުން އެޒުވާނާއަށް ނިޞްބަތްކޮށް ދައްކަން ނުވާނެ ފަދަ ވާހަކަތައްވެސް ދެއްކިއެވެ. އެއީ ދެއްކުން ތެރިއެއް ކަމަށާއި އޭނާ ބޭނުންވީ މަޝްހޫރުވާން ކަމަށް ވެސް ކިޔައި އުޅުނެވެ. ނަމަވެސް ޒުވާނާ އެކަންކަން އެނގޭ ކަމަށްވެސް ނުހަދައެވެ. އަޑެއް އިވޭ ކަމަށްވެސް ނުހަދައެވެ. 

ޖެހިގެން އައި އަހަރު ޒުވާނާ ހައްޖަށް ދިއައެވެ. ޢަރަފާތު ދުވަހު ޢަރަފާތު ބިމުގައި ދުޢާކުރަން އިންދައި ﷲ ތައާލާ ވަނީ އެ ޒުވާނާގެ ފުރާނަ ގެންދަވައިފައެވެ. ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހު، އެންމެ މާތް ބިމުގައި އެންމެ މަތިވެރި އަޅުކަމުގައި އިންދައެވެ. ކޮން ފަދަ ހެޔޮ ނަޞީބެއް ހެއްޔެވެ! 

އެ ޒުވާނާގެ ނަމަކީ އަޙްމަދެވެ. އަހަރެމެން އެންމެން ވެސް މަސައްކަތް ކުރަންވީ އަޙްމަދު ފަދައިން އިސް ނަގައިގެން އިސްލާމް ދީނަށް ޚިދުމަތް ކުރާނެ މީހަކަށް ވުމަށެވެ. މަރުވާނެ ދުވަހެއް އުމުރެއް ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. ވީމާ ކިތަންމެ ޒުވާން ނަމަވެސް މަރަށް ތައްޔާރުވެ ވީހައި ގިނަ ހެޔޮ އަމަލުކުރަމުން ގެންދިއުމަށް ވަޞިއްޔަތް ކުރަމެވެ. 

-  އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން