އިސްލާމް ދީނުގެ އެއްވެސް ކަމެއްގައި އެއްވެސް ސުވާލެއް އުފެދޭނަމަ އިސްލާމިކް މިނިސްޓރީގެ ޢިލްމުވެރިން ޖަވާބު ދެއްވާނެ ކަމަށާއި ސުވާލު ކުރައްވަމުން ގެންދެވުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު އެދިވަޑައިގެންފިއެވެ.
މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުވަން ބޭނުންވާ މީހުންނަށްޓަކައި އިސްލާމިކް މިނިސްޓްރީގެ ދޮރުތައް ވަނީ ހުޅުވައިލެވިފައި ކަމަށެވެ.
"ދިނުގެ ކަންކަމުގައި ސުވާލުކުރަން ބޭނުން މީހުން، އަދި ކަމެއް ދަސްކުރަން ނުވަތަ އޮޅުންފިލުވަން ބޭނުންވާ މީހަކު ނަމަވެސް އިސްލާމިކް މިނިސްޓްރީއަށް އައުމުން ޖަވާބު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ. އަދި ފޭސްބުކް ޕޭޖެއް ވެސް ހިންގަމުން މިދަނީ. ހިލޭ ގުޅޭ ނަމްބަރު 8003008901 އިން ވެސް ގުޅޭނެ." ޑރ. އަޙްމްދު ޒާހިރު ވިދާޅުވިއެވެ.
ރާއްޖޭގެ ދީނީ ބައެއް ޢިލްމުވެރިން ވިދާޅުވަނީ ސޯޝަލް މީޑިއާއަކީ މުސްލިމުން ކަންބޮޑުވާ ފަދަ ސުވާލުތައް ޝައިޚުންނާއި ކުރަން އޮތް ޕްލެޓްފޯމެއް ނޫން ކަމަށެވެ.
މިއަދުނޫހަށް މައުލޫމާތު ދެއްވި ބައެއް ޢިލްމުވެރިން ވިދާޅުވީ ޢާންމު ކަމެއްގައި ސޯޝަލް މީޑިއާގައި ސުވާލުކުރި ނަމަވެސް ޝައިޚަކު ދެއްވާ ފަތުވާ އަކާއި ގުޅިގެން ނަމަވެސް އިސްލާމް ދީނަށް ލޯބިކުރާ މީހުން ކަންބޮޑުވެ ހިތްހަމަ ނުޖެހޭނެ ފަދަ ސުވާލުތައް ސޯޝަލް މީޑިއާގައި ކުރުމުން މައްސަލަތައް އުފެދޭ ކަމަށެވެ. އަދި އެފަދަ ކަންކަން ހޫނުވާ ކަމަށެވެ.
"އެހެންވީމާ ހަމަ ހަޤީޤަތުގައިވެސް އެފަދަ ކަންބޮޑުވުމެއް އޮންނަ ކަމެއްގައި ސުވާލެއް އުފެދި ޖަވާބު ބޭނުންވާނަމަ ދީނީ ޢިލްމްވެރިންނާ ސީދާ ސުވާލުކުރުން ރަނގަޅުވާނެ. ހުރިހާ ޢިލްމުވެރިންވެސް ފޯނުވެސް ގެންގުޅުއްވާ. ކުރާ ހުރިހާ ކޯލުތަކެއް ނުނެންގެވިދާނެ. ނަމަވެސް ކޮންމެ އިލްމުވެރިއަކުހެން ސޯޝަލް މީޑިއާ އެބަ ބޭނުންކުރައްވާ. ފޭސްބުކާއި ވައިބަރ ގްރޫޕުތައް ގެންގުޅުއްވާ. ޓްވިޓަރވެސް ހަމަ ގިނަ ބޭފުޅުން ގެންގުޅުއްވާ. ޓްވިޓަރގައިވެސް ޕްރައިވެޓްކޮށް މެސެޖު ކުރެވޭނެ. ވީމާ ޕްރައިވެޓްކޮށް ސުވާލުކުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް މިވަނީ ހުޅުވާ ލެވިފަ. ވީމާ އެފަދަ ސުވާލުތައް ޕްރައިވެޓްކޮށް ކުރެއްވީމަ ޖަވާބު ދެއްވާނެ. އެއް ބޭފުޅަކު ނުދެއްވައިފިނަމަ އެހެން ބޭފުޅަކާއި ވެސް ސުވާލުކުރެވޭނެ. ކޮންމެވެސް އެއް ބޭފުޅަކު ޖަވާބު ދެއްވާނެ."
"ކީއްކުރަންތޯ ކޮންމެހެން ސޯޝަލް މީޑިއާގަ އެފަދަ ސުވާލުތައް ކުރައްވަންވީ. އިސްލާމިކް މިނިސްޓްރީން ވަނީ އެކަން ވަރަށް ފަސޭހަކޮށްދެއްވާފަ. އެ ފުރުޞަތުގެ ބޭނުން ކުރެއްވޭނެ ހަމަ ކޮންމެ ބޭފުޅަކަށްވެސް."
\މިހުރިހާ ވަސީލަތްތަކެއް ހުރިއިރު އެހެން ބައަކު ކަންބޮޑުވާނެ ފަދަ އިބާރާތްތައް ލިޔެ ސުވާލުކުރަނީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޢާންމުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ދީނީ ޢިލްމުވެރިން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.