މާފް ކުރުމަކީ އީމާންކަން އިތުރުކުރައްވަވާ ކަމެއް! - އަނބިން ފިރިންނަށް، ފިރިން އަނބިންނަށް މާފުކުރަން ފަސް ޖެހެނީ ކީއްވެ؟: މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
މާފް ކުރުމަކީ އީމާންކަން އިތުރުކުރައްވަވާ ކަމެއް! - އަނބިން ފިރިންނަށް، ފިރިން އަނބިންނަށް މާފުކުރަން ފަސް ޖެހެނީ ކީއްވެ؟: މުޙައްމަދު ހޮބްލޮސް

މާފް ކުރުމަކީ އީމާންކަން އިތުރުކުރައްވަވާ ކަމެކެވެ. އެއީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގެން އޮތް ކަމެކެވެ. މައްކާގެ މުޝްރިކުން ނިކަމެތިކޮށް ޤައުމުން ބޭރުކޮށްލި އަހަރެމެންގެ ލޮބުވެތި ރަސޫލް މުޙައްމަދު (ޞޢވ) އެ ޒަމާނުގައި ނުވެސް ފެންނަ ފަދަ ބިއަ ލަޝްކަރާއިއެކު ވަޑައިގެން މައްކާ ފަތަޙަ ކުރެއްވެވުމަށްފަހު އިތުރު މާތް ނަބިއްޔާ (ޞޢވ) އަށް އަނިޔާތައް ކުރި މައްކާގެ މުޝްރިކުންނަށް މަޢާފު ކުރެއްވެވި ހާދިސާ ހަނދާންކޮށްބަލާށެވެ! އެއަށްފަހު ކޮންމެ ރެއަކު ހުރިހާ އެންމެންނަށް މަޢާފް ކުރެއްވުމަށްފަހު އަވަހާރަފުޅު ލައްޕަވަމުން ގެންދެވި ޞަޙާބީއަށް (އެކަމުގެ ސަބަބުން) ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވެވި ހާދިސާއަށް ނިކަން ބަލައިބަލާށެވެ! 

މީސްތަކުންނޭވެ! އެއްވެސް މީހަކާއިމެދު ހިތްބުރަކަމެއް ނުބާއްވާށެވެ! މީހަކަށް އަނިޔާއެއް ކުރެވިފައިވާނަ، ގެއްލުމެއް ދެވިފައިވާނަމަ އަވަހަށް ގޮސް މަޢާފަށް އެދޭށެވެ. އެފަދަ ކަމެއް އެއްވެސް މީހަކު ތިބާއަށް ކޮށްފައިވާނަމަ އެމީހަކު މަޢާފަށް އެދެން އަންނަންދެން މަޑު ނުކުރާށެވެ! އަވަހަށް އެމީހެއްގެ ގާތަށް ތިބާ ގޮސް މަޢާފްކޮށް އެކަން ނިންމައިލާށެވެ! އެކަމުން ލިބޭ ހިތްހަމަޖެހުމުގެ ބޮޑުކަން އިހްޞާޞް ކުރެވޭނީ ހަމަ އެފަދަ ކަމެއް ކުރުމުންނެވެ.

މަޢާފްކުރުމުގެ ދަރަޖަ މިހައި މަތިވެރިއިރުވެސް މިއަދު އަހަރެމެންނަށް މިއުޅެވެނީ އަނބިންނަށް ފިރިން މަޢާފުނުކޮށްގެންނެވެ. ފިރިންނަށް އަނބިން މަޢާފް ނުކޮށްގެންނެވެ. ކުރެވޭ ކުޑަކުޑަ ކަމަކަށް މަޢާފް ނުކުރެވި، އެކަން ހެދި ބޮޑުވެ ފަރުބަދައެއްވަރުވަމުން ދަނީއެވެ. ފަރުބަދަ ގޮވައި ކައިވެނިތައް ރޫޅި ވަރި ގިނަވެ މުޅި މުޖުތަމައު ފަސާދަވަމުން ދަނީއެވެ. އެކަނިވެރި މައިން އިންތިހާއަށް ގިނަވަނީއެވެ. ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ނުދެވުމުގެ ސަބަބުން ދަރިންތައް ބޭކާރު ބައަކަށް ވަމުންދަނީއެވެ. 

މިހުރިހާ މައްސަލަތަކެއްގެ ވެސް އެންމެ ބޮޑު ސަބަބަކީ އެކަކު އަނެކަކަށް މާފުކުރަން ފަސްޖެހުމެވެ. މީހެއްގެ ގާތު މިވެނި މީހަކަށް މާފުކުރާށޭ ބުނުމުން އެބަ ބުނެއެވެ. "މަޢާފް ކޮށްފީމެވެ. ނަމަވެސް އޭނާއަށް އެކަން އަންގާކަށް ބޭނުމެއް ނޫނެވެ. އޭނާ އާއި ކުރިމަތިލަން ބޭނުން ނުވާތީއެވެ." ބުނަން ހެއްޔެވެ؟ މި ވިސްނުމުގެ ކޮންމެ މީހަކީ ބޮޑާކަމާއި ކިބުރުވެރިކަމުން ފުރިގެންހުރި މީހެކެވެ. ބޮޑު ތަކައްބުރެކެވެ. ހަމަކަށަވަރުން ބޮޑާކަމާއި ކިބުރުވެރިކަމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑި ނުގަންނަވާ ސިފަތަކެވެ. 

މީހުންނަށް މަޢާފް ކުރުމާއި މަޢާފަށް އެދުމަކީ ރިވެތި އަޚްލާޤްގެ ތެރޭގައި ހިމެނޭ ސިފަތަކެވެ. ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން އެންމެ މާތް ބައަކީ ތަޤްވާވެރިކަމާއިއެކު އަޚްލާޤީ ގޮތުން އެންމެ ރަނގަޅު މީހުންނެވެ. 

- މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން  

މިއަދު އޮންލައިން