މިސްކިތައް ދާ މީހުންނަށް، މަސްތުގެ ހާލުގަ ހުރެ ޖެއްސުންކޮށް ފުރައްސާރަކުރަމުން އައި މީހަކު ކުއްލިއަކަށް ބަދަލުވި ގޮތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
މިސްކިތައް ދާ މީހުންނަށް، މަސްތުގެ ހާލުގަ ހުރެ ޖެއްސުންކޮށް ފުރައްސާރަކުރަމުން އައި މީހަކު ކުއްލިއަކަށް ބަދަލުވި ގޮތުގެ ވާހަކަ!

އޭނާއަކީ އިރާޤްގެ ވެރިރަށް ބަޣްދާދުގެ މަގުތަކުގައި އުޅުނު މީހެކެވެ. ރޭވެއްޖެނަމަ ފެންނާނީ މަސްތުވެގެން ހުއްޓައެވެ. އަދި އެވަރުން ފުދެނީއެއްވެސް ނޫނެވެ. މިސްކިތަށް ނަމާދަށް ދާ މީހުންނަށް ފުރައްސާރަކޮށް ޖެއްސުންވެސް ކުރެއެވެ. 

މިގޮތުގައި އަހަރުތަކެއް ފާއިތުވިފަހުން ކުއްލިއަކަށް އެއް ރޭ ފެނުނީ ރީތިވެ ނަލަހެދިގެން ފަތިސް ނަމާދަށް ގޮސް އިންދައެވެ. މީސްތަކުންނަށް ފުރަތަމަ ހީވީ އޭނާއަށް ގެއަށް ދާން ނުއެނގިގެން އަރައި މިސްކިތުގައި އިނީ  ކަމަށެވެ. އެހެންވެ އެއްވެސް މީހަކު އޭނާއަށް ސަމާލުކަމެއް ނުދެއެވެ. ނަމަވެސް މެންދުރު ނަމާދުގައިވެސް އޭނާ ފެނުމުން އިމާމް މީހާ އޭނާ އާއި ބައްދަލުކޮށް އޭނާގެ ކަންކަން އޮޅުން ފިލުވިއެވެ. 

އޭނާ ކިޔައިދިނެވެ. 

"އަހަރެންނަކީ ކާކު ކަމާއި އަހަރެން މިހައި ދުވަސްވަންދެން އުޅުނު ގޮތް މި ބަޣްދާދުގެ އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ނަމަވެސް ރެއަކީ ކަންކަން މުޅިން ބަދަލުވިރެއެވެ. ޢިޝާ ނަމާދުގެ ބަންގީގައި "ﷲއަކްބަރް" ގޮވާލި އަޑު ތާޅަފިލިން އިވުމުން އަހަރެންގެ ކަންފަތް ދިއައީ ގުގުމައިގެންނެވެ. ބަންގީގެ އަޑު އިވުމުން އެހައި ތަނަށް ދުވަހަކުވެސް ނުކުރާ ފަދަ އަސަރުތަކެއް ކުރިއެވެ. އަހަރެންގެ ހިތަށް އެރިއެވެ. އެ މަތިވެރިވަންތަ ﷲ އަށް އަހަރެންނަށް މިވަނީ ވަރަށް ބޮޑަށް އުރެދެވިފައެވެ. އަހަރެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއިއެވެ.

ބަންގި ނިމުމުން ދެކަންފަތުގައި އަތް އަޅައިގެން ހުރެ ގެއަށް ދިއައިމެވެ. ގޮސް ފުރަތަމަ ނިދީއެވެ. ނިދީން ހޭލެވުމުން ފެންވަރައި ވުޟޫކޮށްލައިގެން ޢިޝާ ނަމާދުކުރީމެވެ. އަދި ސުންނަތް ނަމާދުވެސް ކުރީމެވެ. އެއަށްފަހު ދެއަތް އުފުލައި ﷲ ތަޢާލާއަށް ދެންނެވީމެވެ. "މިއަޅާ އާއި އިނބަ ﷲ އާއި ދެމެދުގައި ހުރަހެއް އެބަވެއެވެ. އެ ހުރަސް ނައްތަވައިލަ ދެއްވެވޭނީ ހަމަ އިނބަ ﷲ އަށެވެ. މިހާލަތުން މިއަޅާ ސަލާމަތް ކޮށްދެއްވަވާނދޭވެ!" 

އަހަރެން ޤަބޫލުކުރަނީ މިހާރު އެހުރަސް އެއްގޮތަކަށްވެސް ނެތް ކަމަށެވެ. ދެން އަހަރެން ފެންނާނީ މިސްކިތުންނެވެ. މަސްތުވެ އާވާރާވެގެން މަގުތަކުގައި ހޫރޭ ތަނެއް ނޫނެވެ."

މީސްތަކުންނޭވެ! ނިކަން ވިސްނައިބަލާށެވެ! އެގޮތަށް އުޅެމުންދިއަ މީހަކުވެސް ތައުބާވެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދި ދެންނެވުމުން އޭނާއަށް ލިބިގެންދިއަ ހިދާޔަތާއިމެދުގައެވެ. ހަމަ އެއާއިއެކު ނިކަން ވިސްނައިލަބަލާށެވެ! އޭނާ މަސްތުގެ ހާލުގައި ހުއްޓައި ވެސް ބަނަގީގެ އަޑު އިވުމުން އޭނާއަށް އެކުރި އަސަރާއިމެދުގައެވެ. އަހަރެމެން މިތިބެނީ މަސްތުވެގެނެއް ނޫނެވެ. ބަނަގީގެ އަޑު މާފުރިހަމައަށް އިވޭނެއެވެ. ކުރަނީ ކޮން އަސަރެއް ހެއްޔެވެ؟ ފަލާޙް ލިބިގަތުމަށް މިސްކިތަށް އެބަ ދެވޭ ހެއްޔެވެ؟ 

ވީމާ އެނެމެންނަށްވެސް ބުނަން އޮތް ބަހަކީ ފާފައެއް ކުރެވެމުން އައި ނަމަވެސް މާޔޫސްވެގެން ނުހުންނާށެވެ! އަވަހަށް ތައުބާވާށެވެ! ތައުބާ ވުމުން އެމީހަކަށް ﷲ ތަޢާލާ މަގު ދައްކަވާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން    

މިއަދު އޮންލައިން