ނަމާދު ވަގުތުތައް ފާއިތުވެގެންދާއިރު ރައްޓެހިންނާއިއެކު ވަގުތުތައް ހޭދަކުރަމުން ގެންދާ މީހުން ވިސްނާށެވެ. ޤިޔާމަތް ދުވަހާއިމެދުގައެވެ.
އެދުވަހުން ތިބާއަށް ސުވަރުގެ ވަނުމަށް މަދުވަނީ އެންމެ ހެޔޮ އަމަލެއް ކަމަށްވެދާނެއެވެ. އެހިނދު އެންމެ ހެޔޮ އަމަލެއް ދޭތޯ އެންމެ ލޯބިވާ މައިމިހާ ގާތަށް ދިއަ ނަމަވެސް ކުރާނީ އިންކާރެވެ! ނުދޭނެއެވެ! ބައްޕަވެސް ނުދޭނެއެވެ! ކުރާނީ އިންކާރެވެ! ނަމާދު ވަގުތުތައް ފާއިތުވެގެން ދިއައިރު އެމީހަކާއި އެކީގައި އުޅުނު އެންމެ ގާތް ރަޙްމަތްތެރިޔާ ގާތަށް ދިއުމުން ވެސް ކުރާނީ ހަމަ އިންކާރެވެ! ނުދޭނެއެވެ.! ބުނާނީ މިއަދު އޮތީ "ނަފްސީ، ނަފްސީ" ކަމަށެވެ. މިއީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތުން ސާބިތުވާން ހުރި ކަންކަމެވެ.
ވީއިރު ނިކަން ބުނެބަލާށެވެ! ނަމާދު ނުކޮށް އެކުވެރިންނާއިއެކު ވަގުތުތައް ހޭދަކުރުމަށްވުރެ މޮޔަ ކަމަކީ ކޮބައި ހެއްޔެވެ؟ ޖީބުގައި ހުރި ފައިސާއިން އަނބިދަރިންނަށް ހޭދަ ނުކޮށް، އަދި ޞަދަޤާތް ނުދީ ރައްޓެހިންނަށް ކޮފީ ދޭ މީހާއަށްވުރެ ބޮޑު މޮޔައަކީ ކާކު ހެއްޔެވެ؟
އަދިވެސް ވިސްނައިލާށެވެ! އަނބި ދަރިން ގާތަށް ގޮސް، މައިން ބަފައިން ގާތަށް ގޮސް ވަގުތު ހޭދަކުރުމަކީ މަތިވެރި އަޅުކަމެކެވެ. އެކަން ނުކޮށް ގޮސް ރައްޓެހިންނާއިއެކު ވަގުތުތައް ހޭދަކުރުން ވާނީ ކިހައި ބޮޑު މޮޔަކަމަކަށް ހެއްޔެވެ؟ ލިބެން އޮތް ސަވާބު ލިބި ނުގަނެ ދޫކޮށްލާނީ ކިހައި މިޔަވީމައި ހެއްޔެވެ؟
މީސްތަކުންނޭވެ! މިކަންކަމަށް ވިސްނާށެވެ! ޤިޔާމަތް ދުވަހު މީޒާނުގައި ތިބާގެ ކޮޅަށް ހެޔޮ ކަމުގެ ޢަމަލުތައް ބުރަވާނެ ހަމަ އެންމެ އަމަލެއްވެސް ނުކޮށް ދޫކޮށް ނުލާށެވެ! އެދުވަހުން ތިބާއަށް އެހީތެރިވާނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އެމީހަކަށް ލިބޭނީ ހަމަ އެމީހަކު ގެންދިއަ މިންވަރެކެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން