ޢިއްފަތް ފޭރެން ފިރިހެނުން ކިތަންމެ ބޮޑު ބިރެއް ދެއްކި ނަމަވެސް އަމާން ނުދޭތި! - ސަލާމަތުގެ މަގު މިއޮތީ ފެންނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ޢިއްފަތް ފޭރެން ފިރިހެނުން ކިތަންމެ ބޮޑު ބިރެއް ދެއްކި ނަމަވެސް އަމާން ނުދޭތި! -  ސަލާމަތުގެ މަގު މިއޮތީ ފެންނަން!

މިއަދުގެ ދަރުސް ފަށަމުން ފުރަތަމަ ކިޔައިދޭނީ ކުރު ވާހަކައެކެވެ. އުމުރުން އެންމެ 16 އަހަރުގެ ޝަމީމާގެ ވާހަކައެވެ. 

ޝަމީމާގެ އިއްފަތްތެރިކަމަށް އަރައިގަތުމަށްޓަކައި ބިޔަ 3 ފިރިހެނުން އޭނާ ވަގަށް ނެގިއެވެ. އަދި ފަޅު ގެއަކަށް ގެންދިއައެވެ. ބުނީ ރުހުމުގައި އެމީހުން ބުނާ ކަމެއް ކޮށް ނުދީފިނަމަ ބަޑިޖަހައި މަރާލާނެ ކަމަށެވެ. އަދި އެގޭގެ ގޯތި ތެރޭގައި ވަޅުލައި މަސްގަނޑުވެސް ފޮރުވާނެ ކަމަށާއި އޭނާއަށް ވީގޮތް އެއްވެސް މީހަކަށް ނުއެނގޭނެ ކަމަށެވެ. 

މިވާހަކަތައް ދެއްކީ 3 މީހުންގެ އަތަށް ވެސް ފިސްތޯލަ ލައިގެން ތިބެއެވެ. ޝަމީމާއަށް އަމާޒުކޮށްގެން ތިބެއެވެ. 3 މީހުންވެސް ތިބީ މަސްތުގެ ހާލަތުގައެވެ. ޝަމީމާ ކިތަންމެ ވަރަކަށް އާދޭސްކުރި ނަމަވެސް އެމީހުންގެ ވިސްނުން އެ ހާލަތުގައި ބަދަލު ނުކުރާނެކަންވެސް އެނގުނެވެ. 

ޝަމީމާ ފުރަތަމަވެސް ޖެހީ ސަޖިދައެވެ. ސަޖިދައިގައި އޮވެ އޭނާއަށް ކުރިމަތިވެފައިވާ ހާލަތުން ސަލާމަތް ކޮށްދެއްވަވާތޯ ﷲ ތަޢާލާއަށް ދުޢާކުރީއެވެ. ދުޢާކުރުމަށްފަހު ތެދުވެ ދެއަތް އުފުލައިގެން އިނދެވެސް ދުޢާކުރަން ފެށީއެވެ. 3 މީހުންނަށް ލިބުނު ހައިރާން ކަމާއިއެކު ބަލަހައްޓައިގެން ތިބީއެވެ. 

ކަންތައްތައް މެދުވެރި ކުރެއްވެވި ގޮތް އެނގޭ ހެއްޔެވެ؟ ކުއްލިއަކަށް އިވުނީ ގޭގެ ތަޅަށް ބަޑިޖެހި އަޑެވެ. އެއާއިއެކު ދޮރު ހުޅުވާފައި އެތެރެއަށް ވަނީ ފުލުހުންނެވެ. ފުރަތަމަވެސް އައިސް އެ 3 މީހުންގެ އަތުގައި ބިޑި އަޅުވައި ހައްޔަރުކުރީއެވެ. ސުވާލު ކުރީވެސް ބިޑި އެޅުވުމަށްފަހު އެވެ. 

ޝަމީމާ އޭނާގެ ހާލަތާއި އެ މީހުން ކަންތައް ކުރި ގޮތް ކިޔައި ދިނުމުން ފުލުސް އޮފިސަރު ބުނީ ފުލުހުން އެގެއަށް ވަނީ އެ 3 މީހުން ހޯދަން ނޫން ކަމަށެވެ. އެހެން ބައަކު ހޯދަން ކަމަށެވެ. އަދި ބިޑިއެޅުވީވެސް އެހެން ބައަކު ކަމަށް ބަލައިގެން ކަމަށެވެ. ނަމަވެސް ޝަމީމާގެ ވާހަކަތަކަށްފަހު ބިޑި އެޅުވި މައްސަލަ މިހާރު އެވަނީ އޮޓޮމެޓިކުން ބަދަލުވެފައި ކަމަށާއި މިހާރު ބިޑިއަޅުވާފައި އެތިބީ 16 އަހަރުގެ އަންހެން ކުއްޖަކު ވަގަށް ނަގައި އިއްފަތް ފޭރިގަންނަން އުޅުނު މައްސަލައިގައި ކަމަށެވެ.

ޒަމާނަށާއި ދިރިއުޅުމަށް އަންނަމުން މިދާ ބަދަލުތަކާއިއެކު ނުރައްކައުތެރި ޙާލަތުތައް އެންމެ ގިނައިން ކުރިމަތިވަމުން މިދަނީ އަންހެނުންނަށެވެ. އެކަމުގައި ސަބަބުތަކެއް އެބަހުއްޓެވެ. ހޭލުންތެރިވާންޖެހޭ ކަންތައްތަކެއްވެސް އެބަހުއްޓެވެ. 

ބައެއް އަންހެނުން އެމީހުންގެ ހަޔާތް ނުރައްކަލުގެ ތެރެއަށް ވައްޓައިލަނީ އަމިއްލައަށެވެ. ﷲ ތަޢާލާ ދެއްވަވާފައި ނުވާ މިނިވަންކަމުގެ ބޭނުން އަމިއްލައަށް ހިފަނީއެވެ. ނަތީޖާއަކަށް ވެގެންދަނީ މިނިކާވަގު އިންސާނުން އަތުލައިގަނެ ކައިލާ ފަދައިން ފިރިހެނުން އެކަނބަލުންނާއިމެދު އަމަލުކުރުމެވެ. 

ދެވަނަ ގޮތަކަށް ބަލައިފިނަމަ މަޖުބޫރީ ހާލަތްތައް ކުރިމަތިވެ ޢިއްފަތް ފޭރިގަނެވޭ އަންހެނުންގެ އަދަދު މަދެއް ނޫނެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އިންސާނުންގެ ސިފައިގައި ތިބެ މިފަދަ އަމަލުތައް ކުރަން ލަދުގަންނަން ޖެހޭނެއެވެ. ހަމަ ޔަޤީނުންވެސް އެނގޭ ކަމަކީ ﷲ ތައާލާއަށް ބިރުވެތިވާ އެއްވެސް މީހަކު މިފަދަ އަމަލެއް ނުކުރާނެ ކަމެވެ. 

ކޮންމެއަކަސް ކިތަންމެ ބަލައިގެން އުޅުނު ނަމަވެސް މިފަދަ ނުރައްކައުތެރި ހާލަތު ދަނީ ކުރިމަތިވަމުންނެވެ. މަދަކުން ނޫނެވެ. ހަމަ ގިނައިންނެވެ. އެފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް ތިމާ މިހުރީ އެކަނި ކަމަށް ޤަބޫލުކޮށް މާޔޫސް ނުވާށެވެ. ބިރުން ނޫނީ ދެރަވެ ރުއިމަކުން ނުފުދޭނެއެވެ. އެކަމުން ކުރާނެ އެއްވެސް ފައިދާއެއްވެސް ނުއޮވެދާނެއެވެ. 

ލޮބުވެތި ކަނބަލުންނޭވެ! އެފަދަ ހާލަތުގައި ހިތަށް ގެންނަންވީ ޔޫސުފްގެފާނު ހިތަށް ގެންނެވިފަދައިންނެވެ. ކުރިމަތިވެފައިވާ އެހާލަތު ﷲ ތަޢާލާ ހަމަ ވަގުތުން ބައްލަވައި ވޮޑިގެންވާ ކަމެވެ. ދަންނަވާށެވެ! އާދޭސް ދަންނަވާށެވެ! އިނބަ ﷲ މެނުވީ މިއަޅާއަށް ހިމާޔަތް ދޭނެ އެއްވެސް ފަރާތެއް ނެތް ކަމަށް ވެސް ދަންނަވާށެވެ! ﷲ ތަޢާލާ އެ އަޑު އައްސަވައި ވޮޑިގެންވާނެއެވެ. ތިބާއަށް އެކަމުން ސަލާމަތް ވެވޭނެ މަގެއް ދައްކަވާނެއެވެ. 

މިކިޔައިދިން ފަދައިން ހިތްވަރާއި ސާބިތުކަން ލިބިގަނެ ﷲ ތަޢާލާގެ މަދަދަށް އެދި ދެންނެވުމުން އެ ހާލަތުން ސަލާމަތްކަން ދެއްވެވި އެތައް އަންހެނެއްގެ ކިބައިން ވަނީ އެކަމުގެ މައުލޫމާތު ލިބިފައެވެ. ވީމާ އެ ސާބިތުކަން ލިބިގަތުމަށް ގަދައަޅައި ހިތްވަރުކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން