ރަޖަމްގެ އާޔަތަކީ ކައު އިތުރު ރަސޫލާ މީސްތަކުންނަށް ބަޔާން ކޮށްދެއްވެވި އާޔަތެއް ނޫންކަމަށް ބުނުމަކީ މުސްލިމަކު ކުރާނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ރަޖަމްގެ އާޔަތަކީ ކައު އިތުރު ރަސޫލާ މީސްތަކުންނަށް ބަޔާން ކޮށްދެއްވެވި އާޔަތެއް ނޫންކަމަށް ބުނުމަކީ މުސްލިމަކު ކުރާނެ ކަމެއް ނޫން!

ރަޖަމްގެ އާޔަތަކީ ކައު އިތުރު ރަސޫލާ މީސްތަކުންނަށް ބަޔާންކޮށްދެއްވެވި އާޔަތެއް ނޫންކަމަށް ބުނުމަކީ އެއްވެސް މުސްލިމަކު ކުރާނެ ކަމެއް ނޫނޫނެވެ. އެހެނީ އެއާޔަތަކީ ﷲ ތައާލާ ބާވައިލެއްވެވުމުން ކީރިތި ޤްރްއާނުގެ އަހްޒާބް ސޫރަތުގައި ހިމެނި ޞަހާބީން ވިދާޅުވަމުން ގެންދެވި އާޔަތެކެވެ.

އަދި ކީރިތި ޤްރްއާނުން އެ އާޔަތް މިހާރު ފެންނަން ނެތުމަކީ އެ ޢާޔަތް ކައު އިތރުު ރަސޫލާ (ޞޢވ) ބަޔާން ކޮށްދެއްވަވާފައި ނުވާކަމުގެ ހެއްކެއް އަދި ދަލީލެއް ވެސް ނޫނެވެ. އެއާޔަތް ބާވައި ލެއްވެވި ކަމަށާއި އެ ޢާޔަތް ކީރިތި ޤްރްއާނުގައި މިއަދު ފެންނަން ނެތް ނަމަވެސް އެ އާޔަތުގެ ޙުކުމް ދެ އެބަ އޮތް ކަމަށް ދީނުގެ ހުރިހާ ޢިލްމުވެރިން އިއްތިފާޤްވެ ވަޑައި ގަންނަވައެވެ.

މުސްލިމުންގެ ދެ ވަނަ ޚަލީފާ ޢުމަރުގެފާނަކީ ކީރިތި ޤްރްއާނަށް ލޯބިފުޅު ކުރައްވަވައި އަދި ޢަމަލުފުޅު ކުރެއްވެވުމުގައި މީސްތަކުންނަށް ނަމޫނާ ދެއްކެވި ބޭފުޅެކެވެ. ޢުމަރުގެފާނު ބައެއް ކަންކަން ކުރައްވަން އުޅުއްވަނިކޮށް ވެސް ޞަޙާބީން އެކަމުގައި ކީރިތި ޤްރްއާނުގައި އޮންނަ ގޮތް ބަޔާންކޮށް ދެއްވެވުމުން އެކަމެއް ވަގުތުން ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ގޮތަށް ބަދަލުކުރައްވަވައި ކީރިތި ޤްރްއާނަށް ފުރިހަމައަށް އަމަލު ކުރެއްވެވި ބޭކަލެކެވެ.

ޢުމަރުގެފާނަކީ އެބޭކަލެއްގެ އެދިވަޑައިގަތުން ﷲ ތައާލާ ވަގުތުން ހިންމަވައި ދެއްވަވަމުން ގެންދެވި ބޭކަލެއްކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތުން ސާބިތުވެއެވެ. ޢުމަރުގެފާނަށް ކުށޭއް ކުރެއްވެވުމުން ވަޑައިގެން ތައުބާއަށް އެދިވަޑައިގެން ރަސޫލް (ޞޢވ) އަށް ދެންނެވުމުން އެއިރު އެކަމުގައި އިސްލާމް ދީނުގައި އޮތް ޙުކުމް ވަގުތުން ބަދަލު ކުރައްވަވައި ﷲ ތަޢާލާ ވަނީ 7 އުޑުމަތިން ވަޙީ ބާވައިލައްވަވައިފައެވެ.

އެއީ ރަމަޟާން މަހު އަނބިންގެ އުފާ ޙާޞިލު ނުކުރެވޭ ގޮތަށް އޮތް ޙުކުމް ރޭގަނޑުގެ ވަގުތުގަތުގައި އަނބިންގެ އުފާ ޙާޞިލު ކުރެވޭނެ ގޮތަށް ބަދަލު ކުރައްވަވައި ވަގުތުން ވަޙީ ބާވައިލެއްވެވުމެވެ. މިފަދަ އެތައް ކަމެއް ސުންނަތުން ފެންނަން އެބަހުއްޓެވެ.

ﷲ ތައާލާ މިފަދަ މަތިވެރި ދަރަޖައާއި މާތްކަން ދެއްވެވި ބޭކަލަކަށް ނިޞްބަތްކޮށް ރަސޫލް (ޞޢވ) މީސްތަކުންނަށް ފައުޅުކޮށް ނުދެއްވަވާ އާޔަތެއް، ޢުމަރުގެފާނު ފައުޅު ކުރެއްވެވުމުން ﷲގެ ވަހީ ބަސްފުޅު މީސްތަކުންނަށް ގެންނެވުމުގެ މެދުވެރިއަކަށްވީ ކާކު؟" ކަމާއިމެދު ސުވާލު އުފައްދައި ފެތުރުމަކީ އެނގިހުރެ ކޮށްފިނަމަ މުރުތައްދުވުމުގެ އަމަލެކެވެ.

އޮތީ އަވަހަށް ތައުބާވުމެވެ. ނުއެނގި ހުރެ ކުރެވުނު ނަމަވެސް މިއީ ބިރުވެރިކަން ބޮޑު ކަމެކެވެ. ކީރިތި ޤްރްއާނުގެ ޢާޔަތްތަކާއިމެދު ފަތުވާ އާއި ސުވާލުތައް ނެރެންޖެހޭނީ ކީރިތި ޤްރްއާނުގެ ޢިލްމް ރަނގަޅަށް އެނގިވަޑައިގެން ތިއްބެވި ދީނީ ޢިލްމްވެރިންނެވެ. އެހެން މީހުންނަށް އޮތީ ދީނުގެ ޢިލްމުވެރިންގެ އަރިއަހުން ދަސްކޮށް އޮޅުން ފިލުވުމެވެ.

--މައުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން