ދިވެއްސަކަށްވުމަކީ ގައިގަ އިސްލާމްކަން ތަތްލާ ސަބަބެއް ނޫން!: އާދަމް ނިޝާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ދިވެއްސަކަށްވުމަކީ ގައިގަ އިސްލާމްކަން ތަތްލާ ސަބަބެއް ނޫން!: އާދަމް ނިޝާން

ދިވެއްސަކަށްވުމަކީ އެމީހެއްގެ ގައިގައި އިސްލާމްކަން ތަތްލާ ސަބަބެއް ނޫނެވެ. އިސްލާމްކަން ލިބޭނީ އެދީނުގެ މަތީގައި ސާބިތުވެ އިސްލާމް ދީނަށް އަމަލުކުރި ވަރަކުންނެވެ. އަދި ދީނުގައި ސާތުކަން އިތުރުވާނީ އިސްލާމް ދީނަށް ޢަމަލުކުރަން މަސައްކަތްކުރި ވަރަކުންނެވެ. 

ތިމާއަކީ މުސްލިމެއް ކަމަށް ކިތަންމެ ގިނައިން ބުނި ނަމަވެސް އިސްލާމް ދީނުން ބޭރުވާފަދަ ކަންކަން އެމީހެއްގެ އަމަލުތަކުން ފެންނަނަމަ އެމީހަކު އިސްލާމް ދީނުން ބޭރުވެގެން ހިނގައިދާނެއެވެ. 

ﷲ ތަޢާލާ އަށާއި އިސްލާމް ދީނަށް އަދި ކީރިތި ޤްރްއާނަށް އިމާންވެގެން ތިބި ކަމަށް ބުނަމުން ދީނުގެ އެއްވެސް ކަމަކަށް މަލާމާތްކޮށް ފުރައްސާރަކުރުމަކީ ހަމަ އެކަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫނެވެ. މިފަދަ ކަންކަން ކުރަނީ އިސްލާމް ދީނުން ބޭރު ވުމަށެވެ. އިސްލާމް ދީނުގެ އެއްވެސް ކަމަކަށް މަލާމާތްކޮށް ފުރައްސާރަކުރުމާއި ޖޯކް ޖެހުން ފަދަ ކޮންމެ ކަމަކީ އެމީހަކު ދީނުން ބޭރުވެގެންދާނެ ކަންކަމެވެ. 

"އަދި، އީމާންވެގެންވާ ބައަކު ކަމުގައި ނުވެ ތިބެ، ތިމަންމެން ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވެއްޖައީމުއޭ ބުނާ ބައަކު، މީސްތަކުންގެ ތެރެއިންވެއެވެ. (8) (އެއުރެން ހީކުރާ ގޮތުގައި) ﷲ އަށާއި އީމާންވެގެން ތިބި މީހުންނަށް އޮޅުވައިލަނީއެވެ. އެއުރެން އެ އޮޅުވައިލަނީ، އެއުރެންގެ އަމިއްލަ ނަފްސްތަކަށް ކަމުގައި މެނުވީ ނުވެއެވެ. އެއުރެންނަށް (އެކަންވެސް) ނުއެނގެނީއެވެ. (9) (ބަޤަރާ ސޫރަތުގެ 8،9) 

މިއާޔަތްތަކުން އެނގިގެން މިދަނީ ތިމާއަކީ މުސްލިމެއް ކަމަށް ބުނުމަކުން އޭނާއަކީ މުސްލިމަކު ކަމުގައި ނުވާކަމެވެ. އަދި އިސްލާމް ދީނަށް ފުރައްސާރަކުރަމުން ތިމާޢަކީ މުސްލިމަކު ކަމަށް ބުނާ މީހުން އެހަދަނީ ކަނޑައެޅިގެން ބޮޑު ދޮގެއްކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާ ކަމެވެ. 

އިސްލާމް ދީނުގެ ކަންތައްތަކަށާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށާއި ޞަހާބީންނަށް ފުރައްސާރަކުރުމުގެ ކަންކަން ފެށުނީ މިއަދަކު ނޫނެވެ. އިސްލާމް ދީން ބާއްވަވައި ލެއްވެވުނު ދުވަހުން ފެށިގެން އެކަންކަން އަންނަނީ ހިނގަމުންނެވެ. އެހެންކަމުން އެކަންކަމަކީ ކައު އިތުރު ރަސޫލާގެ ޙަޔާޕްޕުޅުގައި ކުރިމަތިލައްވަވަން ޖެހިވަޑައިގެންނެވި ކަންތައްތަކެކެވެ. 

އިސްލާމް ދީން ދިރި، ކުރިއަރައި މިއަދާއި ހަމައަށްވެސް މިއައީ އެކަމުގެ ގޮންޖެހުންތަކާއިއެކުގައެވެ. އެގޮންޖެހުންތަކަށް ކުރިމަތިލައްވަވައި ޞަހާބީން ކުރެއްވެވި މަތިވެރި މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ. ޞަހާބީންނަށްފަހު ދީނުގެ ޢިލްމުވެރިންނާއި މުސްލިމުން ގަދައަޅައި ކުރި މަސައްކަތްތަކުގެ ސަބަބުންނެވެ. ފާއިތުވި 900 ވަރަކަށް އަހަރު ރާއްޖޭގައި އިސްލާމް ދީން ދެމިއޮތީ ކާބަފައިން ކުރި މިންނަތް މަސައްކަތްތަކުގެ ސަބަބުންނެވެ. 

މިއީ ކައު އިތުރު ރަސޫލް (ޞޢވ) އަށް އެކަނި ކުރިމަތިވެވަޑައިގެންނެވި މައްސަލަތަކެއް ނޫނެވެ. އެއިގެ ކުރިން ވަޑައިގެންނެވި ރަސޫލް ބޭކަލުންނަށްވެސް ހަމަ މިމައްސަލަތައް ކުރިމަތިވެވަޑައިގެންނެވި ކަމާއި އެކަންތައްތައް އެމީހުންނާއި އަރައި ހަމަކޮށް ބައްދަލުކުރިކަން ކީރިތި ޤްރްއާނުން އެނގެން އެބަ އޮތެވެ. 

މިބިންމައްޗަށް ފޮނުއްވެވުނު އެންމެ މާތް ނަބިއްޔާ (ޞޢވ) އަށް ނުކުރާ ފުރައްސާރައެއް ނެތެވެ. ނުކިޔާ ހަޑި ހުތުރު އެއްޗެއް ނެތެވެ. ވީމާ މިއަދު ބައަކު ފުރައްސާރަކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. އެދުވަހު މާތް ނަބިއްޔާ (ޞޢވ) އަށް ފުރައްސާރަކޮށް އުޅުނީ އިސްލާމް ދީން ޤަބޫލުނުކުރާ މުޘްރިކުންނެވެ. ނަމަވެސް މިއަދު ރާއްޖޭގައި މިފެންނަނީ ތިމަންމެންނަކީ ﷲ ތަޢާލާއަށް އީމާންވެގެން ތިބި ބައަކު ކަމަށް ބުނާ ބައަކު މާތް ނަބިއްޔާ (ޞޢވ) އަށާއި އިސްލާމް ދީނަށް ފުރައްސާރަކުރަމުން ގެންދާ ތަނެވެ. މިއީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އިސްލާމް ދީނަށާއި ﷲ ތަޢާލާގެ އާޔަތްތަކަށް ފުރައްސާރަކޮށް ދީނުގެ ޙުކުމްތަކަށް ގޮންޖަހައި މަލާމާތް ކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ވީމާ އެފަދަ އެންމެ އަމަލެއްވެސް ނުކުރާށެވެ!

 

-  "އަލް ހިޖުރަ" ޖަމިއްޔާއިން އިންތިޒާމުކޮށްގެން ރޭގެ ޢިޝާ ނަމާދަށްފަހު ހުޅުމާލޭ ވަގުތީ މިސްކިތުގައި ޝައިޚް އާދަމް ނިޝާން ދެއްވި ދަރުސުން

މިއަދު އޮންލައިން