ދަތި އުނދަގޫ ކޮންމެ ޙާލަތެއް ކުރިމަތިވި ނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި އެއީ ﷲ ތަޢާލާ ދެއްވަވާ ޢަޒާބެކެވެ. ނަމަވެސް ދަތި އުނދަގޫ ކޮންމެ ޙާލަތަކީ ޢަޛާބެއް ނޫނެވެ. އެއީ ތިބާއަށް ސުވަރުގެއިން ލިބޭ ދަރަޖަ މަތިވެރިކުރެއްވުމަށް ލެއްވެވި ސަބަބަކަށް ވެސްވެދާނެއެވެ.
ބަލިމަޑުކަމެއް، މާލީ ދަތިކަމެއް ނުވަތަ ކާރިސާއަކުން ގެއްލުމެއް ލިބުނު ނަމަވެސް ބައެއް މީހުން ދެކެނީ އެއީ ﷲ ތަޢާލާ ދެއްވެވި ޢަޛާބެއް ކަމަށެވެ. އަދި ބައެއް ފަހަރު އެކަންކަމަށް ޝަކުވާވެސް އެބަ ކުރެވެއެވެ. އެފަދަ މީހުން އިތުރަށް ވިސްނައިލުން ރަނގަޅުވާނެއެވެ.
ވިސްނާށެވެ! ދުނިޔޭގައި ކަން ހިނގަމުންދާ ގޮތަށް ބަލާށެވެ! ކިރިޔާވެސް ތަނަވަސްކަމެއް ލިބިއްޖެނަމަ މިސްކިތަށް ދިއުމަށް ލަދުގަނެއެވެ. ތިމާގެ ހައިބަތު މިސްކިތަށްވުރެ މަތިވެރި ނުވަތަ މިސްކިތަށްވުރެ މާބޮޑު ކަމަށް ޤަބޫލުކުރެވެނީ ކަމަށް ވެދާނެއެވެ. އެނާއަށް ތަނަވަސްކަން ދެއްވެވީ އިމްތިޙާނަކަށްކަން ހަނދާނަކު ނުހުރެއެވެ.
އޭނާއަށް ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން މިފަދައިން އަމަލުކޮށްފިނަމަ އެމީހަކު އެހިސާބުން ފެއިލްވީއެވެ. އިމްތިހާނުން ފާސް ނުވީއެވެ. އެހާލަތުގައި ބައެއް މީހުން އިމްތިޙާން ކުރެއްވެވުން އެހެން ގޮތަކަށް އެބަ ބަދަލު ކުރައްވަވައެވެ. ދަތި އުނދަގޫ ހާލަތްތައް އެބަ ކުރިމަތިކުރައްވަވައެވެ.
ހަމަ އެއާއިއެކު ބައެއް މީހުންނަށް މުޅި އުމުރުގައިވެސް ދަތި އުނދަގޫ ހާލަތްތަކުގައި އުޅެން އެބަޖެހެއެވެ. އެފަދަ މީހުންނަށް ދުނިޔޭގައި އުޅެންޖެހިފައި އޮންނަނީ ވަރަށް ގިނަ ތަކްލީފްތަކާއި އެކުގައެވެ. މިއިން ކޮންމެ ހާލަތެއްގައި ވެސް ދެވަނަ ވިސްނުމަކުން ވިސްނައިލާށެވެ.
މިސާލަކަށް ތިބާޢަށް ލިބުން ޙައްޤުވެގެންވަނީ ސުވަރުގޭގެ މަތިވެރި ދަރަޖައެއް ކަމަށްވެދާނެއެވެ. ތިބާ ހުރީ ހުރިހައި ކަންކަން މިދުނިޔޭގައި ފުރިހަމަވެފައި ކަމަށްވާނަމަ ތިބާއަށް ކުރެވޭ އަޅުކަން މަދުވެދާނެއެވެ. ތިބާއަށް ކުރިމަތިވެފައިވަނީ ދަތި އުނދަގޫ ހާލަތެއް ކަމަށް ވެއްޖެނަމަ ތިބާއަށް ﷲ ތަޢާލާގެ މަތިން ހަނދުމަ ކުރެވޭ މިންވަރު އިތުރުވެދާނެއެވެ. އަޅުކަން ކުރެވޭ މިންވަރު ގިނަވެދާނެއެވެ. އެކަމުގެ ސަބަބުން ތިބާއަށް ސުވަރުގޭގެ މަތީ ދަރަޖައަކަށް ވާސިލުވެވިދާނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ ތަޢާލާއެވެ.
ވީމާ ދަތި އުނދަގޫ ހާލަތެއް ކުރިމަތިވާ ކޮންމެ ފަހަރަކު ނުވަތަ ދަތި އުނދަގޫ ހާލަތެއްގައި އުޅެން ޖެހިއްޖެ ނަމަ އެއީ ﷲ ތަޢާލާ ދެއްވެވި ޢަޛާބެއް ކަމަށް ނުދެކޭށެވެ! އެއީ ތިބާއަށް މިންވަރު ކުރެއްވެވި ނިޢްމަތެއް ކަމަށް ދެކޭށެވެ! އެއިރުން އެއްވެސް ކަމަކާއިމެދު ހިތް ހަމަ ނުޖެހި މާޔޫސްވާކަށް ނުޖެހޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން