ނަމާދު ކުރި ނަމަވެސް ހިތްހަމަ ޖެހުން ނުލިބޭ، ދުޢާ އިޖާބަ ނުކުރައްވަވާ ސަބަބުތަކަށް ބިރުވެތިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ނަމާދު ކުރި ނަމަވެސް ހިތްހަމަ ޖެހުން ނުލިބޭ، ދުޢާ އިޖާބަ ނުކުރައްވަވާ ސަބަބުތަކަށް ބިރުވެތިވޭ!

މީހަކު ބުނެފާނެއެވެ. އަހަރެން ނަމާދުކުރަމެވެ. ނަމަވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. ކުރާ ދުޢާ އިޖާބައެއްވެސް ނުކުރައްވަވައެވެ. މިހާލަތުގައި ވިސްނައިލަންވީ އެމީހަކަށް ނަމާދުކުރެވޭ ގޮތާއިމެދުގައެވެ. 

ނިކަން ވިސްނައި ފިކުރުކޮށްލަބަލާށެވެ! ރަސޫލް (ޞޢވ) ނަމާދަށް ހުންނަވާއިރު ﷲ ތަޢާލާއަށް ބިރުފުޅުން ކީރިތި ކުރައްވަމުން ވަޑައިގެން ތުނބުޅިފުޅުން ކަރުނަފޮދު އޮހެރެއެވެ. ބައެއް ޞަޙާބީން ބަޔާން ކުރައްވަވާ ގޮތުގައި މީހެއްގެ ބޮލަށް ފެން އެއްޗެއް އޮއްސައިލުމުން ފެން އޮހެރޭ ފަދައިން ރަސޫލް (ޞޢވ)ގެ ތުނބުޅިފުޅުން ކަރުނަފޮދު ފައިބާތަން އެބޭކަލުންނަށް ވަނީ ފެނިވަޑައިގެންފައެވެ.

އަޅުގަނޑުމެން ވެސް މިކުރަނީ ހަމަ އެ ނަމާދަށެވެ. ހަމަ ﷲ ތަޢާލާ އަށެވެ. ހަމަ ނަރަކައިން ސަލާމަތް ކުރެއްވެވުމަށާއި ސުވަރުގެ އެދިގެންނެވެ. ނިކަން ބުނެބަލާށެވެ! އަހަރެމެންގެ ހިތަށް އަޅެ އެއްވެސް ބިރުވެރިކަމެއް ވަދޭހެއްޔެވެ؟ އެންމެ ކުޑަމިނުން ނަމާދު މިކުރަނީ ކޮން ބޭނުމެއްގައިކަން ހިތަށް އަރާހެއްޔެވެ؟ އެންމެ ކުޑަމިނުން އެއް ރުކުނު އަނެއް ރުކުނަށް ނަޤްލްވާހިނދު ކިޔާ ތަކްބީރުގެ މާނަ ހިތަށް ގެނެވޭ ހެއްޔެވެ؟ 

ދެން ހުރީ ސުންނަތް ނަމާދުތަކެވެ. ރަސޫލް (ޞޢވ) ދަމުނަމާދުގައި ބަޤަރާ ސޫރަތާއި އިތުރު ސޫރަތްތައް ކިޔަވައިވިދާޅުވާއިރު ނަރަކައިގެ ވާހަކަ އަތުވެއްޖެނަމަ ނަރަކައިން ސަލާމަތް ކުރެއްވެވުން އެދިވަޑައިގެން ދުޢާ ކުރެއްވެވިއެވެ. ސުވަރުގޭގެ ވާހަކަ އަތުވެއްޖެނަމަ ސުވަރުގެ ދެއްވެވުން އެދިވަޑައިގެން ދުޢާ ކުރެއްވެވިއެވެ. އަހަރެމެން ކޮންމެ މީހަކަށް ޢަރަބި ބަސް ނުއެނގޭތީ މިފަދައިން ދުޢާ ނުކުރެވިދާނެއެވެ. އެންމެ ރަނގަޅެވެ. ކިޔަވަމުންދާއިރު ކިޔޭ އަކުރުތައް ހިތަށް ގެނެވޭ ހެއްޔެވެ؟ 

ހިތްހަމަ ޖެހުން ލިބޭނީ ނަމާދުގެ ފޮނިމީރުކަން ހިތަށް ލިބިގެންނެވެ. އެކަން ޙާޞިލުކުރެވޭނީ ނަމާދަކަށް ނަމާދެއް ކުރުން ހުއްޓާލައި ނަމާދު ފުރިހަމަ ގޮތުގައި އަދާކޮށްގެންނެވެ.

ނިކަން ވިސްނައިބަލާށެވެ. ފަރިއްކުޅުއްވަވާނެ އެއްޗެއް ލިބިވަޑައި ނުގަތުމުގެ ސަބަބުން 3،4 ދުވަހު ހައި ހޫނުކަމުގައި ހުންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް ދުޢާ ކުރެއްވެވީ ގިނަ އަދަދަކަށް މީރުފުޅުހައި ތަކެތި ދެއްވެވުމަކަށް ނޫނެވެ. ދުޢާ ކުރައްވަވަމުން ގެންދެވީ ފާފަ ފުއްސަވައި ދެއްވެވުމަށެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅު މިންވަރު ކުރެއްވެވުމަށެވެ. ﷲ ތަޢާލާގެ ކޯފާއަށް ބިރުވެތިވެވަޑައިގަންނަވާ ކަމަށާއި ކޯފާއިން ސަލާމަތްކޮށްދެއްވެވުމަށެވެ. 

ވިސްނާށޭ މިބުނަނީ މިހެންވެގެންނެވެ. މިބޮޑު ޖަމާއަތުގައި ޙާޒިރުވެ ހުރި އެއްވެސް މީހަކީ ނުކައި އެންމެ ދުވަހަކުވެސް ހުންނަން ޖެހުނު މީހަކަށް ނުވެދާނެއެވެ. ނަމަވެސް ނަމާދެއްގައި މިފަދަ އެއްވެސް ދުޢާއެއް ކުރިން ހެއްޔެވެ؟ އަދި ނަމާދު ނިމިގެންވެސް ދުޢާކޮށްލަން މަޑުކޮށްލާނެ ވަގުތުކޮޅެއް ލިބެނީ ކިތައް މީހުންނަށް ހެއްޔެވެ؟

އެއްވެސް ޙާލެއްގައި މިބުނަނީ ރަސޫލް (ޞޢވ) ކުރެއްވެވި ގޮތަށް އެ ފެންވަރުގައި އަޅުކަންކޮށް ނަމާދުކުރެވޭނެ ވާހަކައެއް ނޫނެވެ. ނަމަވެސް އަހަރެމެންނަށް ވެސް ކުރެވޭނެ ފެންވަރު ހުންނާނެ ނޫން ހެއްޔެވެ؟ ކުރުން ލާޒިމް ފެންވަރަށް ނުކޮށް ނަމާދު ނަމާދަކަށް ނުވާނެ ނޫން ހެއްޔެވެ؟ 

ވީމާ ފުރަތަމަ ކަމަކަށް ތިބާގެ ނަމާދު ނަމާދަކަށް ހަދާށެވެ. އެއަށްފަހު ހިތް ހަމަ ޖެހުން ހޯދަން މަސައްކަތް ކުރާށެވެ! ހަމަ ވަރަށް ޔަޤީންކަމާއިއެކު ބުނަމެވެ. ނަމާދު ނަމާދުގެ ގޮތުގައި ނަމާދުކުރަން ޖެހޭ ގޮތަށް ކުރާމީހާގެ ޙަޔާތުން ބަދަލުތަކެއް ފެންނާނެއެވެ. އަޅެ ނިކަން ތަޖުރިބާކުރަން މަސައްކަތް ކޮށްލަބަލާށެވެ! 

-   ތައުފީޤް ޗައުދްރީގެ ދަރުސަކުން  

މިއަދު އޮންލައިން