އެހެން ދީން ތަކުގެ ކަންކަން އޮޅުން ފިލުވުމަކީ އެއްގޮތަކުން ބަލައިފިނަމަ މައްސަލައެއް ނޫނެވެ. ނަމަވެސް އިސްލާމް ދީން ރަނގަޅަށް ނުއެނގި ތިބެ އެހެން ދީންތަކުގެ ފަތުވާތައް ބެލުމަކީ ގިނަ ފަހަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމެކެވެ. ހިތުގައި ޝައްކުތައް އުފެދޭ ގޮތް މެދުވެރިވާތީއެވެ.
އިސްލާމީ މުޖުތަމައުތަކުގައި މިއަދު މި މައްސަލަ ވަނީ ވަރަށް ބޮޑު މައްސަލައަކަށްވެފައެވެ. ކޮންމެ ޒުވާނެއްގެ އިތުރުން ދަރިވަރެއްގެ އަތުގައި އޮންނަ ފޯނުން އަބަދު ތިބެނީ އޮންލައިން ވެގެންނެވެ. ތިބޭއިރު ލިބޭ މެސެޖުތައް ކިޔަމުން ދިއުމުން ޙައްޤާއި ބާޠިލު ވަކިކުރަން ނުއެނގޭ ހިސާބަށް ކަންތައްތައް އެބަ ދެއެވެ.
އެންމެ ބޮޑު އެއް މައްސަލައަކަށް ވަނީ ތިމާގެ ގާތް މީހުން ނުވަތަ އެކުވެރިންނަށް ނުއެނގި ތިބެ އެފަދަ މެސެޖުތައް ފޮނުވޭ ކަމެވެ. ފޮނުވި މީހާއަށް އިތުބާރުކޮށް މެސެޖު ބަލައިގަނެވޭ ކަމެވެ. މިއީ ވަރަށް ބޮޑު ނުރައްކަލެކެވެ.
އިސްލާމް ދީން ރަނގަޅަށް އެނގުމަށްފަހު އެހެން ދީންތަކުގެ ކަންކަން އެނގުމުން އެހެން ދީންތަކުގައި ހުރި އުނިކަންތައްތައް ވަރަށް ރަނގަޅަށް ފާހަގަކުރެވޭނެއެވެ. އެހެންކަމުން އަބަދުވެސް ދާނީ އިސްލާމް ދީނާއިމެދު އިތުބާރު ބޮޑުވެ ޔަޤީންކަން ލިބެމުންނެވެ. މިއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އިސްލާމް ދީނުގެ ޙަޤީޤަތް އެނގުމުން އެހެން ދީންތަކުން އިސްލާމް ދީނަށް ވަންނަ މީހުންގެ އަދަދު ކޮންމެ އަހަރަކުވެސް އިތުރުވަމުން މިދަނީ އެހެންވާތީއެވެ.
ހަމަ އެއާއިއެކު މިހާރަކަށް އައިސް ފާހަގަކުރެވޭ އެއްކަމަކީ މުސްލިމް އަންހެނުންގެ ނަމުގައި ރީތި ފޮޓޯލައިގެން ފޭސްބުކުގައި ރައްޓެހިންނަށްވުމަށް މުސްލިމުންގެ ކިބައިން އެދެމުންދާ ކަމެވެ. ގިނަ ފަހަރުވާގޮތަކީ ޝައުޤުވެރިވާ ފަދަ ފޮޓޯއެއް ފެނިފައި މުސްލިމް ނަމެއް ކިޔުމުން އިތުރަށް ވިސްނާ ނުލައި ބަލައިގަނެވެނީ އެވެ. ހަޤީޤަތް އެނގެނީ ދުވަސްކޮޅެއްވެ ގުޅުން ބަދަހިވާ ފަހުންނެވެ. އެއިރު ހުންނަނީ އިސްލާމް ދީނާއި ޚިލާފް އެތައްކަމެއްގެ ތެރެއަށް މީހާގެ ވިސްނުން ވައްދުވައިފައެވެ.
އިސްލާމް ދީނަށް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ޒުވާން އިރުގައެވެ. މިބަހުގެ މާނައަކީ ޒުވާން އިރުގައި އިސްލާމް ދީނުގެ ކަންކަންކަން އުނގެނުމުގެ މުހިންމު ކަމެވެ. ހަރުދަނާ ބިންގަލެއް އެޅިގެން ދާނީ އެއިރުން ކަމުގައިވާތީއެވެ. ވީމާ ކޮންމެ ޒުވާނަކުވެސް މިކަމަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.
ހަމަ އެއާއިއެކު މުސްލިމުންގެ ނަމުގައި ތިބެ މީސްތަކުން އިސްލާމް ދީނާއި ދުރުކުރަން ވެސް ވަރަށް ގިނަ ބައަކު މަސައްކަތް އެބަކުރެއެވެ. އެކިއެކި ޤައުމުތަކުގައި ތިބެގެންނެވެ. ތަފާތު މުޖުތަމައުތަކަށް އަމާޒުކޮށްގެންނެވެ. ވީމާ އަތުގައި އޮންނަ ފޯނަށް ލިބޭ ކޮންމެ މެސެޖަކީ ރަނގަޅު މެސެޖެއް ކަމަށް ނުބަލާށެވެ. އެ މެސެޖަކާއިމެދު ފުންކޮށް ވިސްނާށެވެ!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! "ބިޒީ" ކަމަށް ބުނެ ދީނުގެ ކަންކަން އުނގުނުމަށް މަސައްކަތް ނުކޮށް ނުތިބޭށެވެ! އެހެނީ އެ މަސްއޫލިއްޔަތު އަދާ ނުކޮށްފިނަމަ ޤިޔާމަތް ދުވަހު ސަލާމަތްވެވޭނެ މަގެއް ނުއޮނަނާނެތީއެވެ. ބިޒީކަމުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ވަގުތުކޮޅެއް ހުސްކޮށްލައި ކީރިތި ޤްރްއާން އުނގެނެން މަސައްކަތް ކުރާށެވެ. ޞަޙީޙްކަން ޔަޤީން ކުރެވިފައިވާ ހަދީޘްފޮތްތައް ކިޔާށެވެ. ދުވާލަކު ހަމަ އެންމެ އާޔަތަކާއި ޙަދީޘެއް ދަސްކުރެވުނު ނަމަވެސް އެކުރެވުނީ ވަރަށް އަގުހުރި އަދި ދެ ދުނިޔޭގައިވެސް ފައިދާކުރާނެ މަސައްކަތެއްކަން ޔަޤީންކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން