މިއަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިރޭ ހުޅުވާލައިފިއެވެ.
މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިރޭ ހުޅުވާލާފައިވަނީ، އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އެވެ.
އީސީގެ އައު ލޯގޯ އާއި ކުލަ އިފްތިތާހް ކުރުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވަނީ މަޖިލިސް އިންތިހާބަށް ކުރިމަތިލުން ރަސްމީކޮށް ހުޅުވާދެއްވާފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ކޮމިޝަންގެ ރައީސް ނުދެއްވައެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އަމްޖަދު މުސްޠަފާ ވިދާޅުވީ މަޖިލިސް އިންތިހާބުގެ ތައްޔާރީތައް ވަމުން ގެންދާއިރު، ވީހާވެސް ފަސޭހައިން ވޯޓު ލެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މީގެއިތުރުން ވީހާވެސް ގިނަ ރިސޯޓުތަކުގައި ވޯޓުފޮށިތައް ބެހެއްޓުމަށް ފުރުސަތު ދިނުމުގެ ގޮތުން، ރިސޯޓުތަކުގައި ވޯޓުފޮށި ބެހެއްޓުމަށް ރެޖިސްޓްރީ ކުރަންޖެހޭ މީހުންގެ އަދަދު މަދުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އަމްޖަދު ވިދާޅުވިއެވެ.