ދުނިޔޭގައި ހުރެ ނަރަކައަށް ބިރުނުގަނެފައި ޤިޔާމަތް ދުވަހު ނަރަކައަށް ދާން ނުޖެހޭނެ ކަމަށް ހީކުރާ މީހާއަށްވުރެ ބޮޑު މޮޔައަކީ ކާކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ދުނިޔޭގައި ހުރެ ނަރަކައަށް ބިރުނުގަނެފައި ޤިޔާމަތް ދުވަހު ނަރަކައަށް ދާން ނުޖެހޭނެ ކަމަށް ހީކުރާ މީހާއަށްވުރެ ބޮޑު މޮޔައަކީ ކާކު؟

ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނީ ކާކަށްކަން އެނގޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އަހަރެމެން މިދުނިޔޭގައި ވާހަކަ ދައްކައި މިއުޅެނީ ހަމަ އެކަނި ކީރިތި ޤްރްއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތުން އޮޅުންފިލަންހުރި ކަންކަމުގެ މައްޗަށެވެ. އެ މިންތަކުން ބަލައިފި ނަމަ ﷲ ތަޢާލާ އަށާއި ﷲ ތަޢާލާގެ ޢަޛާބަށާއި ނަރަކަށް ބިރު ނުގަނެ ސުވަރުގެ ލިބޭނެ ކަމަށް އުންމީދު ކުރުމެއް ނެތެވެ. 

ﷲ ތަޢާލާއަށް ބިރުވެތިވުމަށް ﷲ ތަޢާލާ ވަނީ އަނގަވައިފައެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމަކީ ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިވުމެވެ. ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަމެއް ކުރުމުން މިންވަރު ކުރައްވަވައިފާނެ ގަދަފަދަ ކޯފާއަށް ބިރުވެތިވުމެވެ. ނަރަކައަށް ބިރުވެތިވުމެވެ. ނަރަކައަށް ބިރުވެތިވުމަކީ ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށް ބިރުވެތިވުމެވެ. 

ﷲ ތަޢާލާއީ "ރަޙްމާން ވަންތަ، ދީލަތިވަންތަ" އިލާހް ކަމުގައިވެ ވޮޑިގަތުމުގެ މާނަ ބައެއް މީހުން ވަރަށް ބޮޑަށް އެބަ އޮޅުވައިލައެވެ. އެމީހުން ހީކުރަނީ އެމީހުން ދުނިޔޭގައި ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް "ރަޙްމާން ވަންތަ، ދީލަތިވަންތަ" ﷲ އެމީހުން ސުވަރުގެ ވައްދަވާނެ ކަމަށެވެ. ނަރަކައަށް ވަންނަން ނުޖެހޭނެ ކަމަށެވެ. މިއީ ޝައިޠާނާ ފިޔަވައި އެހެން އެއްވެސް ފަރާތަކުން އަންނަ ވަސްވާސްތަކެއް ނޫނެވެ. 

ތަޤްވާ ވެރިވުމަކީ ﷲ ތަޢާލާއަށް ބިރުވެތިވެ ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުންކަމަށްވާއިރު ކީރިތި ޤްރްއާނުގެ އާޔަތްތަކަށް ނިކަން ވިސްނައިބަލާށެވެ. ތަޤްވާވެރިވުމަށް ވަޞިއްޔަތް ކުރައްވަވާފައިވަނީ ކިތައް ފަހަރު ހެއްޔެވެ؟ ގަދައަޅުއްވަވައި އަމުރުފުޅު ކުރައްވަވާފައިވަނީ ކިތައް ފަހަރު ހެއްޔެވެ؟ ދެން ނިކަން ބަޤަރާ ސޫރަތުގެ 24 ވަނަ އާޔަތް ކިޔައިބަލާށެވެ. "-- ފަހެ ތިއަ ބައިމީހުން ނަރަކައަށް ބިރުވެތިވެ ރައްކައުތެރިވާށެވެ! އެ ނަރަކައަކީ، މީހުންނާއި ހިލަ، އެއިގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރުކުރައްވަވާފައިވަނީ ކާފިރުންނަށްޓަކައެވެ." މިފަދައިން ވަހީ ކުރައްވަވާފައި ނުވޭހެއްޔެވެ؟ 

މިފަދައިން ބަޔާންކުރައްވަވައި އިންޒާރުތައް ދެއްވަވާފައިވާއިރު ދުނިޔޭގައި ހުރެ ނަރަކައަށް ބިރުނުގަނެ ހިތަށް އެރިހައި ގޮތަކަށް އުޅުމަށްފަހު ޤިޔާމަތް ދުވަހު ނަރަކައަށް ދާން ޖެހުމުން ސަލާމަތް ކޮށްދެއްވަވާތޯ އެދެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ތިއަ ކުރަނީ ހައުދަހައި ދެކޮޅު ނުޖެހޭ އުންމީދެކެވެ! 

ދުނިޔަވީ ނަޒަރަކުން ނިކަން ބަލައި ވިސްނައިލަބަލާށެވެ! ޤާނޫނުތައް ހުންނަ، އަދަބު ކަނޑައެޅިފައިވާ ކަންކަމުގައި ޤާނޫނާއި ޚިލާފަށް ކަންކަން ކުރުމުން އަދަބު ދިނުމަށް ކޯޓަށް ގެންދިއުމުން ތިމަންނާއަށް އަދަބު ނުދޭށޭ ބުނެވިދާނެ ހެއްޔެވެ؟ ކިތަންމެ ވަރަކަށް ބުނި ނަމަވެސް ފަނޑިޔާރުން އަޑު އަހާނެ ހެއްޔެވެ؟ ޤާނޫނުގައިވާ ގޮތުގެމަތިން އަދަބު ނުދޭނެ ހެއްޔެވެ؟ 

ދުނިޔެގައި މިތިބައިރު ޤާނޫނުތަކާއި ޚިލާފްވުމުން ޖަލަށްލާނެ މުއްދަތު އެނގެއެވެ. ނަމަވެސް ޤިޔާމަތް ދުވަހުން އެމީހަކަށް ލިބޭނެ ސަވާބާއި ޢަޒާބް އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ އެވެ. އަހަރެމެންނަށް އެނގޭ މިންވަރަކީ ނަހީ ކުރެއްވެވި ކަންކަން ކުރުމުން ޢަޛާބު ދެއްވަވާނެ ކަމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރުމުން ސަވާބު ދެއްވަވާނެ ކަމެވެ. އިތުރަކަށް އެއްވެސް ކަމެއް އެއްވެސް މީހަކަށް ނުއެނގޭނެއެވެ. ވީމާ ނަރަކައިން ސަލާމަތްވުމަށް އެދޭނަމަ އޮތީ ﷲ ތަޢަލާ އަށާއި ނަރަކައަށް ފުރިހަމައަށް ބިރުވެތިވުމެވެ. ސުވަރުގެ ލިބުން އޮތީ އެމަގުން އަމަލުކޮށްގެންނެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން