އިސްލާމް ދީނުގައި ބަޔާންވެގެންވާ ފަދައިން ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަންހެނުން ނިވާވުމާއިމެދު ވަރަށް ގިނަ ބަހުސްތައް ދަނީ ކުރެވެމުންނެވެ. އެހެންކަމުން މިބަލައިލަނީ އެކަމުގައި އަހުރެންނަށް ފެންނަގޮތެވެ. އަހުރެންނަށް އިސްލާމީ ޝަރީއަތުން ފެންނަން އޮތް ގޮތެވެ.
"ޙައްޖަތުލްވިދާޢުގައި ޞަހާބީން ޠަވާފް ކުރައްވަމުން ގެންދެވިއިރު އަންހެން ބޭކަނބަލުންގެ ހިޖާބު ތިރިއަށް ޖެހުން ފަދަ މައްސަލަތައް ދިމާވިއެވެ. އެވަގުތު ޞަހާބީ ބޭކަލުންގެ ލޯފުޅުތައް އެކަނބަލުންނަށް އަމާޒުވިއެވެ. އެކަމާއި ގުޅިގެން ރަސޫލް (ޞޢވ) އެކަނބަލުންނަށް އަމުރުފުޅު ކުރެއްވެވީ ޙިޖާބްތައް ރަނގަޅުކުރެއްވުމަށެވެ."
މިއީ ވިސްނައިލުން ހަމަ ވަރަށް މުހިންމު ހާދިސާއެކެވެ.
ފުރަތަމަ ކަމަކީ ޙިޖާބް ރަނގަޅު ކުރައްވަވަން އެކަނބަލުންނަށް އެންގެވި ސަބަބެވެ. އަހުރެންގެ ނަޒަރުގައި އެގޮތަށް އަމުރުފުޅު ކުރެއްވެވީ އެތިއްބެވި މާތް ޞަޙާބީންނަށްވެސް އެފަދަ ތަނެއް ފެނިވަޑައިގަތުމުން އިސް ތިރިކުރެއްވެވުމުގެ ބަދަލުގައި ވައްކަޅިން ނަމަވެސް ބެއްލެވުމުން، ޙައްލަކީ އެކަނބަލުން ނިވާވުންކަމެވެ. އެކަނބަލުން ފުރިހަމައަށް ނިވާވެވަޑައި ނުގަންނަވާނަމަ މައްސަލަ ހައްލުނުވާނެ ކަމެވެ.
މިއީ މިއަދު އަދި މާބޮޑަށް ވިސްނަން ޖެހޭނެ މައްސަލައެކެވެ. މިއަދު މިތިބަ އެންމެ މާތް ފިރިހެނުންނަކީ ވެސް ޞަހާބީންނާއި އަޅައިބަލާއިރު ކޮން ފަދަ ދަށުދަރަޖައިގެ ބައެއް ހެއްޔެވެ؟ އެހެންކަމަށްވާއިރު ޢާންމުންގެ ޙާލު ހުންނާނީ ކިހިނަކުން ހެއްޔެވެ؟
ފިރިހެނުންނަށް އޮތީ އިސް ތިރިކުރުމެވެ. އެއްވެސް ޙާލެއްގައި އިސް އުފުލައި އެފަދަ ކަންކަން ބެލުމެއް ނޫނެވެ. ނަމަވެސް ދުނިޔެއަކީ ދުނިޔެކަމަށްވެފައި އިންސާނުންނަކީ އިންސާނުން ކަމަށްވުމުން ބަލައިގެން ނުވި ނަމަވެސް ބެލެނީއެވެ. ވީއިރު މައްސަލައަށް އޮތް ހަޤީޤީ ހައްލަކީ ހަމަ އެކަނބަލުން އިސްލާމް ދީނުގައިވާ ފަދައިން ނިވައިވުމެވެ.
މިކަމުގެ ބަހުސްތައް ކޮންމެ ކޮޅަކަށްވެސް ކުރެވިދާނެއެވެ. ކޮންމެ ގޮތަކަށް ބަހުސްކުރި ނަމަވެސް ޤަބޫލުކުރަންޖެހޭނީ އިސްލާމީ ޝަރީއަތަކީ ކޮންމެ ކަމެއްގައިވެސް އަމަލުކުރަން އޮތް އެންމެ މޮޅު ގޮތް ކަމަށެވެ. އިސްލާމީ ޝަރީއަތުގެ ކުރިއަށް ޒަމާނާއި މަކާނެއް ނުނެރެވޭނެއެވެ. ކޮންމެ ކަމެއްވެސް ނެރެވޭނީ އިސްލާމީ ޝަރީއަތުގެ ފަހަތުންނެވެ. އެކަން މުސްލިމުން ކަށަވަރުކުރަން ޖެހޭނެއެވެ. ހިތުގެ އަޑިން ޤަބޫލުކުރަންވެސް ޖެހޭނެއެވެ. އަދި އަމަލު ވެސް ކުރަން ޖެހޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން