ލިޔުނީ: ޒިދާން މުހައްމަދު
ވަޒީފާ އަދާކުރާ ކޮންމެ މީހަކަށް ވެސް ދުވާލެއްގެ މައްޗަށް އެންމެ ކުޑަކޮށް ލިބޭ އުޖޫރައިގެ ގޮތުގައި 200ރ. ކަނޑައެޅުމަށް މޯލްޑިވްސް ޑިމަކްރެޓިކް ޕާޓީ (އެމްޑިޕީ) އިން ނިންމައިފިއެވެ. އެމްޑީޕީން މިހެން ނިންމާފައިވަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ކުރާނެ ކަންތައްތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައިއެވެ.
އެ ޕާޓީން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ކުރާނެ ކަންތައްތައް ހިމެނޭ ގޮތަށް ތައްޔާރުކުރި ހާއްސަ ކަރުދާހެއްގައި ވަނީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ނިންމައި، އެންމެ ކުޑަކޮށް އުޖޫރަ ދެވޭނެ އުސޫލުތައް ވަރަށް ތަފްސީލްކޮށް ހިމަނައިފަ އެވެ. އެގޮތުން، ދަތުރުފަތުރުގެ ސިނާއަތުގައި އުޅޭ މީހުންނަށާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގައި އުޅޭ މީހުންނަށާޢި، ސިއްހީ ހިދުމަތް ދޭ ތަންތަނުގައި އުޅޭ މީހުންނަށް އަދި ތައުލީމީ ހިދުމަތް ދޭ ތަންތަނުގައި އުޅޭ މީހުންނަށް އެއްމެ ކުޑަ އުޖޫރައެއްގެ ގޮތުގައި އެ ކަރުދާހުގައި ލިޔެފައި ވަނީ ދުވާލަކަށް 266 ރުފިޔާއެވެ. އަދި ރިޒޯޓް މުވައްޒިފުންނަށް 333 ރުފިޔާ ކަނޑައަޅާފައި ވާއިރު، އެ ޕާޓީން ބުނީ ކޮންސްޓްރަކްޝަން އަދި ޓޫރިޒަމާ ގުޅޭ ދާއިރާތަކުގައި އުޅޭ މީހުނަށް، އެއްމެ ކުޑަ އުޖޫރައަކީ 200 ރުފިޔާ އެވެ.
އެމްޑީޕީގެ މި ކަރުދާހަށް ހިޔާލު ހުށައެޅުމަށް ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. މީގެ އިތުރުން މިއީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދު ތަކުގެ ތެރޭން އެއް ވައުދުކަން ފާހަގަކޮށްލެވެއެވެ.