ދުނިޔެއަށް އަންނަމުންދާ ފުރޮޅުންތަކާއި ޒަމާނީ ބަދަލުތަކާއެކު ވެސް، ދިވެހި ޤައުމިއްޔަތާއި މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެންމެހައި ރައްޔިތުންގެ ފިކުރާއި ޢަމަލު ސީދާ މަގަށް އަނބުރާލަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންގެ މަދަނީ އަދި ތަހުޒީބީ ހަޔާތް ކުރިއެރުވުމަށްޓަކައި އައު ފުރުސަތުތައް ފަހިކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދިވެހިންގެ ކާބަފައިން އަބަދުވެސް ސާބިތުވެ ތިބީ ޤައުމީ މަންފާއަށް އިސްކަންދީ، ތޫނުފިލި ވިސްނުންތަކާއެކު ކުރިއަށް ދިޔުމުގައެވެ.
"އަޅުގަނޑުމެންގެ ޤައުމާއި ވަޠަނުގެ ދިފާޢުގައި ފިކުރާއި ޢަމަލުތައް ސީދާކުރަން ޖެހޭނެ. އަޅުގަނޑުމެންގެ ކުރިއެރުމާއި މަދަނީ ތަހުޒީބީ ހަޔާތަށް ޖާގަ ހޯދަން ޖެހޭނެ. އަޅުގަނޑުމެންގެ ކާބަފައިން އައީ މި ތޫނު ޤައުމީ ވިސްނުން ދަމަހައްޓަމުން." ރައީސް ވިދާޅުވިއެވެ.
އިސްލާމީ ހިދާޔަތު ރާއްޖެއަށް ލިބިގެންދިޔަ ތާރީޚަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިސްލާމްދީން ދުނިޔެއަށް ފެތުރިގެން ދިޔަ ކުރީކޮޅުގައި ދިވެހިން އެ މާތް ދީން އިޚްތިޔާރުކުރީ، އެއީ ހައްޤު ތެދު ދީންކަން ދަނެގަނެ، ހިތުގެ އިޚްލާސްތެރިކަމާއެކުގައެވެ. އަދި ވަށައިގެންވާ ސަރަހައްދުތަކުގެ ސަގާފަތާއި ކުލަތައް ކޮންމެ ގޮތަކަށް ބަދަލުވަމުން ދިޔަނަމަވެސް، ދިވެހިން އަބަދުވެސް އެދިގެން ތިބީ ހަމައެކަނި ﷲ ތައާލާގެ ރަޙްމަތާއި ރައްކާތެރިކަން ކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމުތަކަށް އައި ބަދަލުތަކުގެ މައްޗަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، ދެކުނު އޭޝިއާގެ ސަރަޙައްދަށް ބެލިނަމަވެސް އެންމެ ފުރަތަމަ ލިޔެވިގެން ޤާނޫނުއަސާސީއެއް އެކުލަވާލައި އަމަލުކުރަން ފެށި ޤައުމަކީ ދިވެހިރާއްޖެ ކަމަށެވެ. އެގޮތުން، ރަސްކަމުގެ ވެރިކަމެއްގެ ތެރެއިން ވެސް ރައްޔިތުންގެ ހައްޤުތައް ޤާނޫނީ ގޮތުން ކަށަވަރުކުރުމަށްފަހު، ރައްޔިތުން އަމިއްލައަށް ވެރިން ހޮވާ ނިޒާމަކަށް ޤައުމު ފުރޮޅިގެން ދިޔައީ ދިވެހިންގެ އަމިއްލަ އިސްނެގުމާ އެކުގައެވެ.
ވާރުތަވަމުން އައި ރަސްކަމަކުން އިންތިޚާބީ ރަސްކަމަކަށް، އަދި ޖުމްހޫރީ ވެރިކަމަކުން ފެށިގެން މިއަދުގެ ޒަމާނީ ޑިމޮކްރަސީގެ ހަމަތަކަށް ދިވެހި ދައުލަތް ވާސިލުވި ގޮތް ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ހުރިހާ މަރުޙަލާއަކުން ވެސް ފެނިގެންދަނީ ދިވެހި ރައްޔިތުންގެ ހޭލުންތެރިކަމާއި ވިސްނުންތޫނުކަން ކަމަށެވެ. އަދި ޤައުމަށް އެންމެ ލާބަހުރި، ތަރައްޤީއަށް މަގުފަހިވާނެ އެންމެހައި ފުރުޞަތުތައް ދެނެގަނެ، އެ މަގުން ކުރިއަރައި ދިއުމުގައި ދިވެހިންނަކީ މުޅި ދުނިޔެއަށް ވެސް މިސާލު ދައްކަމުންދާ ބައެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.