19 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އައްޔަނު ކުރުމަށް ބޭއްވޭ މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފަނީ މިއަހަރުގެ އޭޕްރިލް މަހުގެ ހަވަނަ ދުވަހުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެެވެ.
މިކަން ހާމަ ކުރައްވާ އެކޮމިޝަނުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ވަނަ އަހަރުގެ އޭޕްރިލް 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން އެއިއުލާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖީލީހުގެ 87 ދާއިރާއަށް ކުރިމަތިލުމުގެ ގޮތުން އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް، މިއަދު ހެނދުނު 8:30 އިން ފެށިގެން 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އާއި، އެފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށްވުމަށް އަންނަނިވި ޝަރުތުތައް ފުރިހަމަވާން ޖެހެއެވެ.
· ދިވެހި ރައްޔިތަކަށްވުން
· ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން
· މުސްލިމެއް ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހެއް ކަމުގައިވުން.
· އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން
· ބުއްދި ހަމައަށް ހުރި މީހެއް ކަމުގައިވުން.
އިލެކްޝަންސް ކޮމިޝަންގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ބޭރު ޤައުމެއްގެ މީހަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ، އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވެވޭނީ، ދިވެހިރައްޔިތަކަށް އެމީހަކު ވީތާ ފަސް އަހަރުވުމަށް ފަހުއެވެ. އަދި އެމީހަކީ ދިވެހި ރާއްޖޭގައި ދިރިއުޅެމުންދާ މީހެއް ކަމުގައި ވެސް ވާންވާނެ ކަމަށް އީސީން ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބައިވެރިނުވެވޭނެ މީހުން:
· އަދާކުރަންޖެހޭ ސަބިތު ދަރަންޏެއް އޮތް މީހެއް ނަމަ، ހުކުމާއި އެއްގޮތަށް އެދަރަނި އަދާކުރަމުން ނުދާ މީހުން.
· ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޛު ކުރަމުންދާ މީހުން.
· ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެހުކުމެއް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެހުކުމުން ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ނުވާ މީހުން.
· ފަނޑިޔާރުން.