"ﷲ ތަޢަލާ އެންމެ ލޯބިވެވޮޑިގަންނަވަނީ ކޮން ބައަކަށްތޯ؟" ސުވާލު ދެންނެވުނު ހިނދު ރަސޫލް (ޞޢވ) "އެއީ އެމީހެއްގެ ކިބައިން އެހެން މީހުންނަށް މަންފާ ކުރާ މީހާ" ކަމަށް ހަދީޘް ކުރައްވަވާފައި އޮތުމުން އެހެން މީހުންނަށް އެހީތެރިވުމުގެ މުހިންމުކަން އެނގިގެންދެއެވެ. އަދި އެހެން މީހުންނަށް އެހީތެރިވެގެން ތިމާއަކީ ﷲ ތަޢާލާ އެންމެ ލޯބިވެވޮޑިގަންނަވާ މީހަކު ކަމުގައި ވެވިދާނެކަން ވެސް އެނގިގެންދެއެވެ.
ބައެއް މީހުން ޙަދީޘަށް ސަމާލުކަން ދެނީ ވަރަށް ކުޑަކޮށެވެ. އެމީހުންނަށް ހީވެފައި އޮންނަނީ ﷲ ތަޢާލާގެ ލޯބި ހޯދަން ކުރަން އޮތް ކަމަކީ ހަމައެކަނި އަޅުކަން ކުރުން ކަމަށެވެ. ރަނގަޅެވެ. ވީހައި ގިނަގިނައިން ހަމަ އަޅުކަންކުރަންވީއެވެ. ބަލައިލަންވީ އަޅުކަމަކީ ކޮބައިތޯއެވެ.
ތިބާ ނަމާދުކޮށް ނިމިގެން މިސްކިތުން ފެއިބީއެވެ. އެވަގުތު މަގު ހުރަސް ނުކުރެވިގެން އުޅޭ މީހަކު ފެނިދާނެއެވެ. ނޫނީ ޓެކްސީއަކަށް ލަގެޖްތައް ނުއެރުވިގެން އުޅޭ މުސްކުޅިއެއް ނުވަތަ އެނޫންވެސް މީހަކު ފެނިދާނެއެވެ. މިސްކިތުން ފެއިބީ ގިނަ އަޅުކަންތައްތަކެއް ކޮށްފައި ކަމަށް ބަލައި އަޅައިވެސް ނުލައި ދާންވީއެއް ނޫނެވެ. އަވަހަށް ގޮސް އެމީހަކަށް އެމީހަކަށް އެހީތެރިވެދޭންވީއެވެ. އެއިރުންވެސް އެ ކުރެވެނީ ހަމަ އަޅުކަމެވެ. ތިބާގެ ކިބައިން އެހެން މީހަކަށް އެހީތެރިވެދެވެނީއެވެ.
ތިބާ ދަނީ ކާރުގައެވެ. ނުވަތަ ސައިކަލުގައެވެ. ހިނގާފައި ގޮސްގޮސް ހުރި މީހަކު ކާރަށް އަރުވައިގެން ނުވަތަ ސައިކަލް ފަހަތަށް އަރުވައިގެން ގެންގޮސްދީފިނަމަ އެހެން މީހަކަށް ތިބާގެ ކިބައިން ފައިދާއެއް ކުރީއެވެ. ﷲ ތަޢާލާ އެންމެ ލޯބިވެވޮޑިގަންނަވާ ފަދަ އަމަލެއް ކުރެވުނީއެވެ.
އެކި ޤައުމުތަކުގައި މީހުންނަށް އެހީތެރިވުމުގެ ގޮތުން ކޮށްދެވިދާނެ ކަންކަން ތަފާތުވެދާނެއެވެ. ކޮންމެ ޤައުމެއްގައި ނަމަވެސް އަވަށްޓެރިންނަކީ އެންމެ ގާތް މީހުން ކަމުގައި ބަލަން ޖެހެއެވެ. އަވަށްޓެރިންގެ ހާލު ބަލައި އެހީތެރިވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ވަނީ ލައްވަވައިފައެވެ. އެހެންކަމުން އަވަށްޓެރިއަކަށް އެހީތެރިވެދެވިއްޖެ ނަމަ އެކަމުން ލިބޭ ސަވާބާއި ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ.
ބައެއް މީހުންނަށް ހީވެފައި އޮންނަނީ އެހީތެރިވުމަކީ ހަމައެކަނި ފައިސާތަކެއް ދިނުން ކަމަށެވެ. ފައިސާ ހުރިނަމަ ފައިސާއިން އެހީތެރިވެދޭންވީއެވެ. ބަދަޤާތް ކުރުމަކީ ކިތަންމެހައިވެސް މަތިވެރި އަޅުކަމެކެވެ. ހަމަ އެއާއިއެކު ވިސްނަންވީ އެހީތެރިވުމަކީ ހަމަ އެކަނި ފައިސާއިން ކުރެވޭނެ ކަމެއް ނޫން ކަމެވެ. މީހަކަށް ކިތަންމެ ކުޑަ ކަމެއް ނަމަވެސް، އެމީހަކަށް އެކަމުން ފައިދާ ކުރާނެ ކަމެއް ކޮށްދެވިއްޖެ ނަމަ އެއޮތީ އެހީތެރިވެވިފައެވެ.
ބަލަންވީ ކޮންމެވެސް ގޮތަކުން މީހަކަށް އެހީތެރިވެދީގެން ﷲ ތަޢާލާ އެންމެ ލޯބިވެވަޑައިގަންނަވާ މީހުންގެ ތެރޭގައި ހިމެނޭތޯއެވެ. އެފަދައިން ހިމެނިއްޖެ މީހަކަށް އިތުރަށް އެހެން މީހެއްގެ ނުވަތަ ލޯބި ބޭނުމެއްވެސް ނުވާނެއެވެ. ހުންނާނީ ފުދި އިތުރުވެފައެވެ.
މީސްތަކުންނޭވެ. މިހާރަކަށް އައިސް އެންމެން ބިޒީވެ މިއުޅެނީ އަމިއްލަ މަސައްކަތްތައްވެސް ކޮށް ނުލެވިގެންނެވެ. އެކަށީގެންވާ ގޮތަކަށް އަޅުކަންވެސް ކޮށްނުލެވިގެންނެވެ. ވީމާ މި ކިޔައިދިން ކަންކަން ހަނދާނުގައި ބަހައްޓާށެވެ. ވީވަރަކުން އެހެން މީހުންނަށް ފައިދާހުރި ކަންކަން ކޮށްދޭ މީހަކު ކަމުގައިވާށެވެ! ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބި ތިބާއަށް ދާނީ ކަންކަން ފަހިވަމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން