އަހަރެމެން ނަމާދަށް މިފަށަނީ "ﷲ އަކްބަރު" ކިޔަމުންނެވެ. ނަމަވެސް ނިކަން ބުނެބަލާށެވެ! އިމާމް މީހާ "ﷲ އަކްބަރު" ކިޔުމުން ފަހަތުން "ﷲ އަކްބަރު" ކިޔައި ހަރަމް ބަންނައިރު މިކިޔުނީ ކީކޭކަމާއިމެދު ވިސްނައިލަނީ ކިތައް މީހުން ހެއްޔެވެ؟
އަދަދު ބުނާކަށް ނުއެނގެއެވެ. ނަމަވެސް މިކިޔުނީ "އެންމެހައި މަތިވެރިކަމެއް ލިބިވޮޑިގެންވަނީ، އަދި އެންމެހައި ނިޢްމަތްތަކެއް މިންވަރު ކުރައްވަވަނީ ﷲ ތަޢާލާ ކަމާއި އަހަރެމެން ހާޒިރުވެ މިތިބީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައިކަން، އަދި އަހަރެމެންނަށް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން" ހިތް މައްޗަށް ގެންނަނީ ހާދަހައި މަދު މީހެކެވެ.
މީސްތަކުންނޭވެ! ނަމާދުގައި "ﷲ އަކްބަރު" ކިޔާ ކޮންމެ ފަހަރަކު މިކަންކަން ހިތްމައްޗަށް ގެންނަން ކޮންމެހެންވެސް ޖެހޭނެއެވެ. ތިމާ ނަމާދުކުރާ ގޮތާއި ނަމާދުގައި ހުރެ ތިމާގެ ހިތަށް އަރުވާ ކަންކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާ ކަމާއި ކުރި ނަމާދަށް "މާކްސް" ދެއްވަވާނީ އެކަންކަމަށް ބައްލަވައިގެންކަން ހިތްމައްޗަށް ގެނެސްގެން ނަމާދު ކުރުމުން ނޫނީ ނަމާދު ނަމާދަކަށް ނުވާނެއެވެ.
އަބަދުވެސް ބުނާފަދައިން ނަމާދު ނަމާދުގެ ގޮތުގައި ކުރެވޭނީ ނަމާދުގައި ކިޔާތަކެތި ދަސްކޮށް ހިތްމައްޗަށް ގެނެސްގެން ނަމާދުކުރުމުންނެވެ. ނޫން ނަމަ ހަމަ ކުރެވޭނީ ޙަރަކާތްތަކެކެވެ. އެނގޭ ހެއްޔެވެ؟ ނަމާދުގައި ކިޔާތަކެތި ދަސްކޮށް ހިތްމައްޗަށް ގެންނަމުން ނަމާދުކުރުމަކީ ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތްވުމަށްވެސް އޮތް އެންމެ ރަނގަޅު ޙައްލެވެ.
އަލްޙަމްދަކީ ކިހައި ރީތި، ފުރިހަމަ ކަލިމަތަކެއް ހެއްޔެވެ؟ އެކަންވެސް އިޙްޞާޞް ކުރެވޭނީ އަލްޙަމްދުގެ މާނަ އެނގިގެންނެވެ. ވީމާ މި ކިޔައިދިން ކަންކަމަށް ސަމާލުކަން ދީގެން ނަމާދު ކުރެވޭތޯ ގަދައަޅައި މަސައްކަތް ފަށާށެވެ! މަސައްކަތް ފެށުމުން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ!
- މުފްތީ މެންކުގެ ދަރުސަކުން