މިރޭ މަލާއިކަތުންގެ ކުރިފުޅުމަތީގަ ހުރެފައި މާދަމާ ރޭ ޝައިޠާނުންގެ ތެރޭގަ ހުންނަ މީހަކަށް ވެވޭ ގޮތް އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
މިރޭ މަލާއިކަތުންގެ ކުރިފުޅުމަތީގަ ހުރެފައި މާދަމާ ރޭ ޝައިޠާނުންގެ ތެރޭގަ ހުންނަ މީހަކަށް ވެވޭ ގޮތް އެނގޭހެއްޔެވެ؟

މިރޭ ތިއަބައިމީހުން ތިއަ ތިބީ މި އިއްޒަތްތެރި މަޖިލީހުގައެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް އެކަލާނގެ މަތިވެރިކުރުމުގެ މަޖިލީހުގައެވެ. މިރޭ ތިއަބައިމީހުންގެ ހިތްތައް ފުރިފައިވަނީ ތަޤްވާވެރިކަމުންނެވެ. ހިތްތަކުގައި ވަނީ ﷲ ތަޢާލާއަށް އޮތް ބިރުވެތިކަމެވެ. މިރޭ ތިއަބައި މީހުން ތިއަ ގެންދަނީ ޛިކްރްކުރަމުންނެވެ. ރަސޫލް (ޞޢވ) ގެ މައްޗަށް ޞަލަވާތް ކިޔަވްމުންނެވެ. 

މިރޭގެ މި މަޖިލިސް ވަށާލައްވަވައިގެން އެ ތިއްބެވީ މަލާއިކަތުންނެވެ. އަހަރެމެންނަށް ނުފެންނަނީއެވެ. ނަމަވެސް މިފަދަ މަޖިލިސްތަކުގެ ވަށައިގެން މަލާއިކަތުން ތިއްބަވާނެކަން އެނގެން އޮތުމުން އެކަމަށް ޝައްކުވެސް ކުރުމެއް ނެތެވެ. 

ތިއައިގެ ތެރެއިން ބައަކު މާދަމާ ރޭ ނައިޓް ކްލަބަކަށް ހިނގައްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ މިޔުޒިކް ކުޅޭ ތަނަކަށް ހިނގައްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ އެނޫންވެސް އެފަދަ ތަނަކަށް ހިނގައްޖެ ނަމަ ވާނީ ކިހިނެއްހެއްޔެވެ؟ އެތަނެއްގައި ތިބޭއިރު ﷲ ތަޢާލާގެ މަތިން ހަނދާންވާނެ ހެއްޔެވެ؟ ޛިކްރް ކުރެވޭނެ ހެއްޔެވެ؟ އީމާންކަން ކޮބައި ހެއްޔެވެ؟ އެތަނެއްގެ ވަށައިގެން ތިބޭނީ ޝައިޠާނުން ނޫން ހެއްޔެވެ؟

މިފަދަ ތަންތަނަށް ދާ ބައެއް މީހުން ގާތު އެކަން ކުރަނީ ކީއްވެގެންތޯ ސުވާލުކުރަމުން އެބަ ބުނެއެވެ. އިމާމްއެވެ. ހަމަ ދެވެނީއެވެ. އަދި ހުއްޓައިލާނަމެވެ. ސުވާލަކީ ހުއްޓައިލާނީ ކޮން ދުވަހަކުން ހެއްޔެވެ؟ ދައްޖާލު އެރުމުން ހެއްޔެވެ؟ މަރުގެ މަލާއިކަތާ މަރު ހިއްޕަވަން ވަޑައިގަތުމުން ހެއްޔެވެ؟ ނޫނީ ޤިޔާމަތް ވުމަށް ތާޅަފިލި ފުންމަވާލެއްވެވުމުން ހެއްޔެވެ؟

މީސްތަކުންނޭވެ! ވިސްނާށެވެ! އިސްލާމް ދީނުގައި އޮތީ ތިބާ ވީ ކޮންމެ ތަނެއްގައިވެސް އީމާންކަން އަދާކުރުމެވެ. ތަޤްވާވެރިވުމެވެ! އެއީ ކައު އިތުރު ރަސޫލް (ޞޢވ) ގަދައަޅުއްވަވައި އަމުރުފުޅު ކުރައްވަވާފައިވާ ކަމެކެވެ. ވީމާ ހަމަ އެކަނި މިސްކިތަށް އަރާ ވަގުތު ތަޤްވާވެރިވުމަކުން ނުފުދޭނެއެވެ. ދަރުސްތައް އަޑުއަހަން ދާ ރޭތަކުގައި ތަޤްވާވެރިވުމަކުން ނުފުދޭނެއެވެ! 

ތަޤްވާވެރިކަން ކުޑަވާ ގޮތަށް އެ ފަދަ ތަންތަނަށް ދެވޭ މީހުންގެ އީމާންކަމަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ. އިތުރުވާތަންކޮޅަށްވުރެ ގެއްލޭބައި ދާނީ ބޮޑުވަމުންނެވެ. ވީމާ ކުރިއެރުމުގެ ބަދަލުގައި ދާނީ ގެއްލުން ލިބެމުންނެވެ. ވީމާ އުޅުން އިޞްލާޙްކޮށް ސާބިތުވުމަށް އެންމެހައި އަޚުންނާއި އުޚުތުންނަށް ވަޞިއްޔަތް ކުރަމެވެ. 

ކޮންމެ ރެއަކުވެސް ހެޔޮކަމުގެ މަޖިލީހެއްގައި ބައިވެރިވެ މަލާއިކަތުންގެ ކުރިފުޅުމަތީގައި އިނދެވޭތޯ ބަލާށެވެ! ގޭގައި ހުރިނަމަ ޓީވީން ވެސް ހެޔޮ ނަޞޭހަތްތައް އަޑުއަހައި ބަލައި ހަދާށެވެ! އެއިރުން ދާނީ ފަލާޙް ލިބި ތަޤްވާވެރިކަން އިތުރުވަމުންނެވެ.

-  އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން