މަރުވުމުން ކުރިމަތިލާން ޖެހޭ ނިމުމެއް ނެތް ހަޔާތް ގަދަފަދަ އަޒާބުގަ ހޭދަކުރަން ޖެހިއްޖެނަމަ ހުރި ހިތާމައިގެ ބޮޑުކަމަށް ބިރުނުގަންނަނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
މަރުވުމުން ކުރިމަތިލާން ޖެހޭ ނިމުމެއް ނެތް ހަޔާތް ގަދަފަދަ އަޒާބުގަ ހޭދަކުރަން ޖެހިއްޖެނަމަ ހުރި ހިތާމައިގެ ބޮޑުކަމަށް ބިރުނުގަންނަނީ ހެއްޔެވެ؟

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ އަވަދި ނެތި 24 ގަޑިއިރުހެން މަސައްކަތްކުރާ ބައެކެވެ. މާނައަކީ ހޭލައި ހުރެއްޖެ ނަމަ ދުނިޔަވީ ކޮންމެވެސް މަސައްކަތެއްގައި އުޅެމުންދާ ބައެކެވެ. ކޮންމެ ކަމެއްވެސް ކުރަނީ އެކަމުން ލިބޭނެ ފައިދާއަށް ފައިދާއަށް ބަލައިގެންނެވެ. ގެއެއް އެޅި ނަމަވެސް އަޅަން ފަށަނީވެސް އެގެ އަޅައި ނިމުމުން ވިއްކާލައިގެން ނުވަތަ ކުއްޔަށް ދީގެން ލިބޭނެ ފައިސާގެ ހިސާބު ބަލައި ޔަޤީންކުރުމަށް ފަހުގައެވެ. ވިޔަފާރިއެއް ނުވަތަ އެނޫން މަސައްކަތެއް ފެށިނަމަވެސްމެއެވެ. 

މިފަދަ ހުރިހާ ހިސާބުތަކެއް ހަދަމުން ގެންދިއަ ނަމަވެސް ބަލަމުން ގެންދިއަ ނަމަވެސް ކޮންމެހެން ބަލަން ޖެހެ ހިސާބު ބެލުމަށް އަހަރެމެން މިވަނީ ނުކުޅެދިފައެވެ. ފަރުވާ ކުޑަކުރެވިފައެވެ. އެއީ 24 ގަޑިއިރު ކުރާ މަސައްކަތުން އާޚިރަތަށް ގެންދާނީ ކިހައިވަރެއްކަން އަމިއްލައަށް ހިސާބު ބެލުމަށް ﷲ އަންގަވާފައިވާ އެންގެވުމެވެ. 

ކޮންމެ މީހަކުވެސް ބަލަނީ މުސްކުޅިވާންވާއިރަށް ބޮޑު ގެއެއް އަޅައިލެވޭތޯއެވެ. ގިނަ ވިޔަފާރިތަކެއް ފެށޭތޯއެވެ! އެކަންކަން ރަނގަޅަށް ފުރިހަމަ ނުކުރެވެނީސް މަރުގެ މަލާއިކަތާ ވަޑައިގެން އެބަ ފުރާނަ ގެންދަވައެވެ. އެ ހިށާބުން މިޖެހެނީ އެވަރުން 24 ގަޑިއިރު މަސައްކަތްކޮށްގެން އެޅި ފިހާރަތަކާއި ފެށި ވިޔަފާރިތައް ދޫކޮށްލާފައި ދާށެވެ. ހަމަ އެކައްޗެއްވެސް ނެތި ހުސްއަތާއެވެ. 

އެ މަސައްކަތްތަކުގައި އަވަދިނެތި އުޅެން ހަދައިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދާނެ ހެޔޮ އަމަލެއް ކުރެވުނު ކަމަކަށް ނުވެއެވެ. ވީއިރު ނިކަން ބުނެބަލާށެވެ! މުހިންމީ ދުނިޔޭގެ ފައިދާއަށް ހުރިހާ ކަމެއް ކުރުން ހެއްޔެވެ؟ ނޫނީ އާޚިރަތަށް ގެންދާނެ ހެޔޮ އަމަލުތައް ޖަމާކުރަމުން ދުނިޔަވީ ކަންކަމުގައި އުޅެން ހެއްޔެވެ؟ 

ތިމާ ކުރާ ހެޔޮ އަމަލުތަކުގެ ހިސާބު ބެލުމަށް ﷲ ތަޢަލާ އަންގަވާފައި ދޫކޮށް ލެއްވެވީއެއް ނޫނެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމަށް ވެސް 2 ފަހަރު ހަމަ އެއާޔަތުގައި ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. ހަމަ އެއާއިއެކު ﷲ ތަޢާލާގެ މަތިން ހަނދުމަ ނައްތައިނުލުމަށާއި ޙަޤީޤީ ގެއްލެނިވެގެންވާ ބައަކީ ﷲ ތަޢާލާގެ މަތިން ހަނދުމަ ނައްތައިލި މީހުން ކަމަށް ވަނީ ބަޔާން ކުރައްވަވައިފައެވެ. 

ﷲ ތަޢާލާގެ މަތިން ހަނދުމަ ނައްތައިލުމަކީ އެކަލާނގެ އަމުރުކުރެއްވެވި ކަންކަން ނުކުރުމެވެ. އެހެންކަމަށްވާއިރު އެނގިގެން މިދަނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް އަމަލު ނުކުރާ މީހުންނަކީ ގެއްލެނިވެގެންވާ ބައެއް ކަމެވެ. 

ނިކަން ވިސްނައިލަބަލާށެވެ. ދުނިޔޭގައި އުޅެން މިލިބެނި 60 ވަރަކަށް އަހަރެވެ. އެ ކުރު މުއްދަތުގައި އުފަލުގައި އުޅުމުގެ ދަހިވެތިކަމުގައި އަވަދިނެތި އުޅެނަ ހަދައިގެން ހެޔޮ އަމަލުތައް ނުކުރާ މީހާ މަރުވުމުން ކައްވަޅުގައި އޮންނަން ޖެހޭނީ ކިތައް އަހަރުކަން އެނގެނީ ކާކަށް ހެއްޔެވެ؟ އެއަށްފަހު ނަރަކައި އޮންނަން ޖެހިއްޖެނަމަ ދުވަހަކުވެސް ސަލާމަތްވުމަށް އޮތީ ކޮން އުންމީދެއް ހެއްޔެވެ؟ 

މިއެނގެނީ އެންމެ ކަމެކެވެ. ޤިޔާމަތް ދުވަހަކީ 50000 އަަހރުގެ އެއް ދުވަސްކަމެވެ. ބަރުޒަޚުގެ ޢާލަމުގައި ހޭދަކުރަންޖެހޭނެ މުއްދަތެއް ނުއެނގެއެވެ. ކޮންމެވެސް ޒަމާނަކުން ބަރުޒަޚްގެ ޢާލަމް ނިމި ހިސާބު ބެލެވޭނެއެވެ. އެއަށްފަހު ދެން އޮތީ ނިމުމެއް ނެތް ހަޔާތެވެ. އެ ހަޔާތް ނަރަކައިގައި ހޭދަކުރަން ޖެހިއްޖެ މީހަކަށް އެކަން ވާނީ ކިހައި ބޮޑު ކަމަކަށް ކަމާއިމެދު ވިސްނައި ނިކަން ބިރުވެތިވެބަލާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން