ސުންނަތް ނަމާދުކުރުމަކި މިހާރަކަށް އައިސް ވަރަށް ގިނަ ބައަކު ވަރަށް ބޮޑަށް އިހްމާލްވަމުން އަންނަކަމެކެވެ. އެންމެ ކުޑަމިނުން ކޮންމެ ދުވަހަކު ކުރަން އޮތް ރަވާތިބް ސުންނަތުގެ 12 ރަކްޢަތް ކުރަނީ ވެސް މަދު މީހެކެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެހެނީ ސުންނަތް ނަމާދުކުރުމަކީ އެކަމުގެ ސަބަބުން ސުވަރުގެ ވަދެވުމުގެ ފުރުޞަތު ވަރަށް ބޮޑު ކަމެކެވެ.
ޤިޔާމަތް ދުވަހު އެންމެ ފުރަތަމަވެސް ހިސާބު ބައްލަވާނީ ނަމާދުގެކަން އެންމެންނަށްވެސް އެނގޭނެއެވެ. ކަން އެހެން އޮތްއިރު ގިނަ މީހުންނަކީ ގިނަ އަދަދެއްގެ ފަރުޟް ނަމާދުތަކެއް އެޅިފައިވާ ބައެކެވެ. އަދި އެޅެމުންދާ ވެސް ބައެކެވެ. ނަމާދުގެ އަދަދު ފުރިހަމަ ނުކުރެވިއްޖެނަމަ ދެން ހުރި ހުރިހައި ކަމެއް ގެއްލިގެން ދިއައީއެވެ. ސުވަރުގެ ވަނުމުގެ ފުރުޞަތު ބަނދުވެގެންދިއައީއެވެ.
އެހާލަތުގައި ސުންނަތް ނަމާދުތަކުގެ އެހީތެރިކަން ލިބިގެންދެއެވެ. ފަރުޟް ނަމާދުތަކުން މަދުވާބައި ސުންނަތް ނަމާދުން ކުރެވިފައިވާނަމަ ﷲ ތަޢާލާ އިރާދަ ކުރައްވަވައިފި އަޅަކަށް ހިސާބު ބެއްލެވުމުގައި ސުންނަތް ނަމާދުތަކުން އެކަން ފޫ ބައްދަވައި ދެއްވަވާނެތެވެ. އެހެންކަމަށްވާއިރު އެއީ ސުންނަތް ނަމާދަކަށް ވެގެން ދޫކޮށްލައިގެންވާނެ އެއްވެސް ގޮތެއް އެބަ އޮތް ހެއްޔެވެ؟ ސުންނަތް ނަމާދު ކުރުން ގިނަ ނުކޮށް ސަލާމަތް ވެވޭނީ ކިހިނަކުން ހެއްޔެވެ؟
މިފަހަކަށް އައިސް ޢަޞްރް ނަމާދު، މަޣްރިބް ނަމާދު އަދި ޢިޝާ ނަމާދުގައިވެސް އިހު ސުންނަތް ނުކޮށް މިސްކިތުގައި މީހުން އެބަ ތިބެއެވެ. އެމީހާ އެ ނަމާދުތަކުގެ އިހު ސުންނަތް ކުރަން ބޭނުން ނުވާނަމަ ސުންނަތުގެ އެހެން ނަމާދެއްވެސް ކުރެވިދާނެ ނޫން ހެއްޔެވެ؟ ބަނަގި އާއި ޤަމާތާއި ދެމެދުގައި އެމީހަކު ބޭނުން އަދަދަކަށް ސުންނަތް ނަމާދުތައް ކުރުން މަނާކުރަނީ ކާކު ހެއްޔެވެ؟
މީސްތަކުންނޭވެ! ސުންނަތް ނަމާދަކީ ނުހަނުކުރުކޮށް ވެސް ކުރެވޭނެ ނަމާދެކެވެ. އެމީހަކު ބޭނުން ވަރަކަށް ދިގުވެސް އަދި ކުރުވެސް ކުރެވެން އޮތް ނަމާދެކެވެ. ވީމާ ފަށަމުން ބުނި ސަބަބު ހިތަށް ގެނެސް ސުންނަތް ނަމާދުކުރުން ގިނަކުރާށެވެ! އެއީ ހަމަ ތިބާއަށް ސުވަރުގެ ވަދެވޭނެ ސަބަބަކަށްވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން