ތިމާއަށްވުރެ ދެރަ ނިކަމެތި މީހަކު ފެންނައިރަށް ނުވެސް ބަލަންވެގެން އިސްދަށަށް ތިއަ ޖަހަނީ ކީއްވެގެން ހެއްޔެވެ؟ ތިބާގެ އިއްޒަތް ހަމަ ބޮޑީހެއްޔެވެ؟ ޤަދަރުވެރިކަން މާ މަތީހެއްޔެވެ؟ ނޫނީ މާ ބޮޑު ބިލިއަނަރަކީ ހެއްޔެވެ؟ ނޫނީ ސިޔާސީ ގޮތުން މާ ނުފޫޒާ ބާރު ގަދަ މީހަކީ ހެއްޔެވެ؟
މިބުނި ހުރިހާ ކަންކަން ލިބިފައި ހުރި ނަމަވެސް އެއްވެސް މައްސަލައެއް ނެތެވެ. ތިބާއަކީ ކިބުރުވެރިއެކެވެ. ބޮޑާ މީހެކެވެ. ދަހިކަމުން ގޮސް ހައްދުފަހަނައަޅާފައި ހުރި މީހެކެވެ. ނޫންނަމަ ނިކަމެތިން ފެނުމުން އިސް ދަށަކަށް ނުޖަހާނެއެވެ. މީހަކު އަނގައިން ބުނެފާނެތީ ނުވަތަ ސަލާންކޮށްފާނެތީ ކަންބޮޑެއް ނުވާނެއެވެ.
އަޚާއެވެ. ތިބާއަކީ ފަށަމުން ބުނި ހުރިހާ ނިޢްމަތްތަކެއް ލިބިގެން ހުރި މީހަކަށް ވެދާނެއެވެ. އެއީ ހަމަ އެއްވެސް މައްސަލައެއް ނޫނެވެ. ކިތަންމެ ގިނަ ނިޢްމަތްތަކެއް ލިބިގެންހުރި ނަމަވެސް އެ ހުރިހާ ކަމެއްވެސް ލިބިފައި ތިއަވަނީ ހަމަ ﷲ ތަޢާލާ މިންވަރު ކުރެއްވެވުމުންނެވެ. އެހެންކަމަށްވާއިރު ލޯމަރާފައި ހުޅުވާލަންވާއިރަށް އެ ހުރިހާ ނިޢްމަތްތައް އަނބުރައި ގެންދަވަން ﷲ ތަޢާލާ ހަމަ ކުޅަދުންވަންތައެވެ.
އަޚާއެވެ! ތިއަ ގޮތަށް ބޮޑާވެ ކިބުރުވެރިވެގެން ދުނިޔޭގައި އުޅުނު އެންމެން މިހާރު ކޮބައިހެއްޔެވެ؟ ދުނިޔޭގައި އެބަ ތިބި ހެއްޔެވެ؟ ތިބީ ހަމަ އެ ނިޢްމަތްތަކުގައި ހެއްޔެވެ؟ މުސްކުޅިވެސް ނުވެ ހެއްޔެވެ؟ ވީމާ ޢިބްރަތް ޙާޞިލުކުރުން ކިތަންމެހައިވެސް ބުއްދިވެރިއެވެ!
- މުފްތީ މެންކުގެ ބަސްކޮޅެއް