ޢަޤީދާ ބަލިކަށިވަނީ ނަފްސާނީ މައްސަލައަކުން ނޫން ކަމަށާއި ނަފްސާނީ މައްސަލަތައް ކުރިމަތިވަނީ ޢަޤީދާ ބަލިކަށިވުމުންކަން މިއަދު ހުކުރު ޚުޠުބާގައި އިމާމް ބަޔާންކޮށްދެއްވައިފިއެވެ.
މިއަދުގެ ޚުޠުބަގައި ވަނީ އެމީހަކީ ޞައްޙަ ޢަޤިދާއެއްގެ މަތީގައި ހުރި މީހެއް ކަމުގައި ނުވާނަމަ އެމިހަކަށް ނަފްސާނީ މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ. އަދި އެފަދަ މީހަކަށް ހިތްހަމަ ޖެހުން ލިބުމަކީ ވެސް ނާދިރު ކަމެއް ކަމަށެވެ. އަދި އެފަދަ މީހަކަށް އަބަދުވެސް އުޅެން ޖެހޭނީ ހިތްހަމަ ޖެއްސުމަށްޓަކައި ދީނާއި ޚިލާފް ކޮންމެވެސް ކަމެއް ކުރެވޭތޯ ކަމަށެވެ.
އިމާމް ވިދާޅުވީ ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާން ނުވާ މީހުން އަބަދުވެސް ބަލާނީ އެމީހުންގެ އަމިއްލަ މަޞްލަހަތަށް ކަމަށެވެ. އަދި އެގޮތުން ކުރާ ކަމަކުން އެމީހުންގެ އަމިއްލަ ނަފްސަށް ގެއްލުން ލިބުނު ނަމަވެސް އެއްވެސް ފަރުވާލެއް ނުބަހައްޓާނެ ކަމަށެވެ. އަދި ބައެއް މީހުން އެމީހުން އަމިއްލަ ނަފްސަށް ގެއްލުންދީ ފުރާނަ ދޫކުރަމުން ގެންދަނީވެސް ޤަޟާޤަދަރަށް އީމާން ނުވާތީ ކަމަށެވެ.
އިމާމް ވިދާޅުވީ ފުރިހަމައަށް އީމާންވެގެން ހުންނަ މީހަކަށް މުޞީބާތެއް ކުރިމަތިވި ނަމަވެސް މިފަދަ ހާލަތަކަށް ނުވެއްޓޭނެ ކަމަށެވެ. ކޮންމެ ކަމެއްވެސް މިންވަރު ކުރައްވަވަނީ ﷲ ތަޢާލާ ކަމާއި އެކަމަކުން ސަލާމަތް ކުރެއްވެވުން އެދި ދަންނަވަން ޖެހޭ ފަރާތަކީ ﷲ ތައާލާކަން އީމާންވެގެން ހުންނަ މީހާއަށް އެނގޭނެ ކަމަށެވެ. އަދި އެފަދަ މީހުން ތިބޭނީ ހިތުގެ އަޑިން އެކަންކަން ޤަބޫލުކޮށްގެން ކަމަށެވެ.
ވީމާ މުރުތައްދުވާ ބަލި ޖެހިގެން މިއުޅޭ ބައެއް މީހުންނާއިމެދު އެމީހުންގެ ހިމާޔަތުގައި ނަފްސާނީ ޑޮކޮޓަރުން ދެނީ ދޮގު މައުލޫމާތުކަން މިއަދުގެ ޚުޠުބާއިން މިވަނީ ވަރަށް ރަނގަޅަށް އެނގިހާމަވެފައެވެ. އެފަދަ ބައެއް ޑޮކްޓަރުން ބުނަނީ މުރުތައްދުވާ ބަލި ޖެހެނީ ނަފްސާނީ ބައްޔަކުން ކަމަށެވެ. ނަމަވެސް އިމާމް ވިދާޅުވީ (މުރުތައްދުވާ) ނަފްސާނީ ބަލި ޖެހެނީ ޢަޤީދާ ބަލިކަށިވުމުން ކަމަށެވެ.