ބައްޕަ ދަރިފުޅުގެ ކިޔެވުމުގެ ކަންކަން ބަލާ ކުދިން، ކިޔަވަން މަސައްކަތް ކުރާ މިންވަރު އިތުރުވެ ހޯދާ ނަތީޖާވެސް މާރަނގަޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ބައްޕަ ދަރިފުޅުގެ ކިޔެވުމުގެ ކަންކަން ބަލާ ކުދިން، ކިޔަވަން މަސައްކަތް ކުރާ މިންވަރު އިތުރުވެ ހޯދާ ނަތީޖާވެސް މާރަނގަޅު!

ބައެއް ބައްޕައިން ވަރަށް ފަސޭހަކަމާއިއެކު ބުނެލައެވެ. ދަރިންނަށް ކަމެއް ބުނަލަދޭނެ ހަމަ އެއްވެސް ވަގުތެއް ނުވެއެވެ. މާ މަސައްކަތް ބުރައީއެވެ. ނަމަވެސް މިއީ ރަނގަޅު ވާހަކައެއް ނޫނެވެ. 

މަސައްކަތް ބުރަވަނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެވެސް މަސައްކަތްތަކެއް ކުރާތީ ނޫން ހެއްޔެވެ؟ އެކަންކަން ކުރަން ވަގުތު އޮވެފައި ދަރިންނަށް ކަމެއް ބުނެދޭނެ ވަގުތު ނުއޮންނަންވީ ކީއްވެގެން ހެއްޔެވެ؟ ދިރިއުޅެން ކުރަން ޖެހޭ މަސައްކަތް ކިތަންމެ ބުރަ ނަމަވެސް ދަރިންގެ ކަންކަމުގައި އިހްމާލެއް ނުވެވޭނެއެވެ. އެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭނެއިރު އެހެން މަސައްކަތްތަކުގައި ބުރަވީ ކަމަށް ދަންނަވައި އުޒުރު ދެއްކޭނެ ކަމަށް ހީނުކުރާށެވެ!

ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ދަރިންގެ ކަންކަން ކުރުމަކީވެސް ޒިންމާއެއް ކަމަށް ދެކޭ މީހާއަށް އެކަމަށް ވަގުތު ހޯދޭނެއެވެ. އެކަން ރާވަން އެނގެން ޖެހޭނެއެވެ. މައްސަލައަކަށް ވަނީ ދަރިންގެ ކަންކަމަކީ ދެވަނަ މަސައްކަތެއްކަމަށް ޤަބޫލުކުރެވޭތީއެވެ. ނޫނީ ކޮންމެ ދުވަހަކު ނަމަވެސް ކޮންމެވެސް ވަގުތަކުން ނަމަވެސް ކޮށްލެވިދާނެ ކަމަށް ޤަބޫލުކުރެވޭތީއެވެ. މައިމީހާ އެކަންކަން ބަލާނެ ކަމަށް ނިންމޭތީއެވެ. މަންމަ އެކަންކަން ބެލި ނަމަވެސް ދަރިންގެ ކަންކަން ބެލުމަކީ ބައްޕަގެ މަސްއޫލިއްޔަތެކެވެ. ރެކި ނުގަނެވޭނެ މަސްއޫލިއްޔަތެކެވެ. 

ދެވަނަ މައްސަލައަކަށްވަނީ ތިމާގެ ކިބައިގައި ދަރިންނާއި ސުވާލުކުރާނެ ފެންވަރު ނެތްކަމަށް ޤަބޫލުކުރުމެވެ. ފެންވަރުވެސް ހުންނާނެއެވެ. ދަރިފުޅު ކިޔަވަން ގެންގުޅޭ ފޮތް ނިކަން ބަލައިލަބަލާށެވެ! ހިތުދަސްކުރަންޖެހޭ ފިލާވަޅުތައް ފެންނާނެއެވެ. އެ ފިލާވަޅުތައް ކިޔައިދޭށޭ ބުނުމަށްފަހު ދަރިފުޅު ކިޔައިދެނީ ރަނގަޅަށްތޯ ނުބެލެންވީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެއާއިއެކު ދަރިފުޅަށް ނަގައިދީފައިވާ ފިލާވަޅެއް އަމިއްލައަށް ކިޔައިލާށެވެ. އެއަށްފަހު ކޮންމެވެސް ސުވާލެއް ކޮށްލާށެވެ! ދޭ ޖަވާބު ފިލާވަލާއި ދިމާވާކަން ބަލައި ނުލެވެންވީ ކީއްވެގެން ހެއްޔެވެ؟ ލިޔަން ކިޔަން ދަންނަ ނަމަ މިބުނިވަރު ނުކުރެވޭނީ ކޮން ބައްޕައަކަށް ހެއްޔެވެ؟

އަދިވެސް ބުނަންހެއްޔެވެ؟ ބައްޕައަކު ދަރިފުޅުގެ ކިޔެވުމުގެ ކަންކަން އެއްވެސް ވަރަކަށް ބަލާކަން ދަރިފުޅަށް އެނގޭނަމަވެސް ދަރިފުޅު ކިޔަވަން އިތުރަށް މަސައްކަތްކުރާނެއެވެ. ހޯމްވޯކްތައް ޤަވާއިދުން ހަދާނެއެވެ. ބައްޕަ ދަރިފުޅުގެ ކިޔެވުމުގެ ކަންކަން ބަލާ ކުދިން ކިޔަވަން މަސައްކަތް ކުރާ މިންވަރު އިތުރުވެ ހޯދާ ނަތީޖާވެސް މާރަނގަޅުކަން ދިރާސާތަކުން އެނގެއެވެ. އަދި މިކަންކަމަކީ މުޅި ދުނިޔެވެސް ތަޖުރިބާ ކުރަމުން އަންނަ ކަންމެކެވެ. 

ލޮބުވެތި ބައްޕައިންނޭވެ! ދަރިން ކިޔަވަން ޚަރަދުކުރުމަކީ ދަރިފުޅަށް ކިޔަވައިދިނުމުގެ ހުރިހާ ކަމެއް ކަމަށް ނުދެކޭށެވެ. ޚަރަދުކުރުމަކީ ހަމަ ވަރަށް ރަނގަޅުކަމެކެވެ. ހަމަ އެއާއިއެކު ދަރިފުޅު ކިޔަވާ މިންވަރު ބަލައި ކިޔަވަން ހިތްވަރު ދިނުމަކީ ވެސް ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ދަރިފުޅަކީ މޮޅު ކުއްޖަކަށް ހެދޭނީ މިދެކަންތައްވެސް ކޮށްގެންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން