ސިހުރުވެރިން ފިރިހެނަކަށް އަނިޔާކުރަން ބޭނުންވީމާވެސް އަނބިމީހާއަށް ސިހުރު ޖައްސުވައި ޖިންނި ފާކުރުވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ސިހުރުވެރިން ފިރިހެނަކަށް އަނިޔާކުރަން ބޭނުންވީމާވެސް އަނބިމީހާއަށް ސިހުރު ޖައްސުވައި ޖިންނި ފާކުރުވާ!

ޢާންމު ގޮތަކަށް ބަލައިފިނަމަ މީހުން ހަދާ ސިހުރުގެ ސަބަބުން ޖިންނީގެ އުނދަގޫ ގިނައިން ފޯރާނީ އަންހެނުންނަށެވެ. އެއީ ސިހުރުވެރިން އެގޮތަށް ސިހުރު ހަދާތީއެވެ. އެކަން ކުރަނީ ތަފާތު ސަބަބަބުތަކަށްޓަކައެވެ. އެއިގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ފިރިހެނަކަށް އެންމެ ބޮޑު ގެއްލުމެއް ނުވަތަ އަނިޔާއެއް ދޭން އެންމެ ފަސޭހަ ގޮތަކީ ޢާއިލާގެ ތެރޭގައި މައްސަލަތައް އުފެއްދުވުމެވެ. އެމީހާގެ ބޯ "ގޮއްވައިލުން" ކަމެވެ.

އެކަން ކުރަން އެންމެ ފަސާހަ ގޮތަކަށް މިވަނީ އަނބިމީހާގެ ކިބައިން މައްސަލަތައް އިތުރުވުމެވެ. މިދަރުސްގެ ކުރީބައިގައި ބުނިފަދައިން ސިހުރުގެ ސަބަބުން ޖިންނި އަވަލައިފި ނަމަ އަނބިމީހާ އަބަދު ހުންނާނީ ރުންކުރުވެ ރުޅިގަދަވެފައެވެ. ދެމަފިރިންގެ މެދުގައި އަބަދުވެސް އޮންނާނީ ހަމަނުޖެހުމެވެ. ކުދިކުދި ކަންތައްތަކުގައިވެސް ޒުވާބުކުރުމެވެ. އަބަދުހެން ހުންނާނީ ކުނި މޫނު ދައްކައިގެންނެވެ. ގޭތެރޭގެ ކަންތައް ކުރުމުގައިވެސްމެއެވެ. 

އެހިސާބުން އެމީހަކަށް އަބަދުވެސް އުޅެން ޖެހޭނީ ޢާއިލީ މައްސަލަތަކުން ސަލާމަތް ނުވެވިގެންނެވެ. ދެމަފިރިންގެ ކޯޅުންތަކުން މިންޖު ނުވެވިގެންނެވެ. މިހާލަތު ކުރިމަތިވުމުން ވަޒީފާ އަދާކުރާ މީހެއްނަމަ ވަޒީފާ އަދާކުރަން ހުރަސްތައް ކުރިމަތިވެއެވެ. އަމިއްލަ މަސައްކަތް ކުރާ މީހަކު ނަމަ މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން މަސައްކަތް ފޭލިވެ ބަނގުރޫޓުވެސް ވެފައި އެބަހުއްޓެވެ. ޢާއިލާ ރޫޅި ދަރިންތައް ނިކަމެތިވަމުން އަންނަނީ ވެސް މަދަކުން ނޫނެވެ.   

ހަސަދަވެރިއަކު އަނިޔާކުރަން މަސައްކަތް ކުރުމާއި ގެއްލުން ދޭން މަސައްކަތް ކުރުން ހުއްޓުވުމަކީ ކުރެވޭނެ ކަންކަމެއް ނޫނެވެ. އެހެނީ އެފަދަ މީހުން ސިހުރު ހައްދުވާނީ ނުވަތަ ހަދާނީ ފިލައި ތިބެގެން ކަމަށްވާތީއެވެ. އެކަން ކުރާކަން އެނގޭނީ ހަމައެކަނި އެމީހުންނަށާއި އެމީހުން ގެންގުޅޭ ޖިންނި ތަކަށް ކަމުގައިވާތީއެވެ. ސިހުރު ހަދައިފިކަން ޖެހޭ މީހާއަށް އެނގެނީ ސިހުރު ޖެހި އެތައް ކަންތައްތަކެއް ހިނގާފަހުން ކަމަށްވާތީއެވެ.

މީސްތަކުންނޭވެ! އިންސާނުންގެ ޖާހިލުކަން ބޮޑުވަމުންދާ ވަރަކަށް ސިހުރު ހެދުމުގެ ނުބައި އަމަލުކުރުން މިދަނީ އިތުރުވަމުންނެވެ. މިކަމުގައި އޮތް އެންމެ މުހިންމު ޙައްލަކީ ދިފާޢުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. ކުރީބައިގައި ބުނެދިން ފަދައިން ގެއިން ބޭރަށް ނުކުތުމަށް ދޭންޖެހޭ ސަމާލުކަން ދިނުމާއި ކިޔަން ޖެހޭ ޛިކުރުތައް ކިޔައިގެން ނުކުތުމެވެ. 

ހަމައެޢާއިއެކު ޔަޤީން ފަނޑިތަ އެއޮތީއެވެ. ބަޤަރާ ސޫރަތް ގޭގައި ކިޔެވުން ގިނަކުރާށެވެ. ކޮންމެ ރެއަކުވެސް ބަޤަރާ ސޫރަތް ކިޔެވޭތޯ މަސައްކަތްކުރާށެވެ. ސޫރަތް އެކުގައި ނުކިޔެވޭނަމަ ކިޔެވޭނެ އެންމެ ގިނައިން ކިޔަވާށެވެ. ދެމަފިރިން ނުވަތަ ބޮޑެތި ދަރިން ތިބިނަމަ ޢާއިލާ އެކުގައި ބަހައިގެންވެސް ކިޔަވާށެވެ! ބަޤަރާ ސޫރަތް ކިޔަވާ ގެއަކާއި ޖިންނި ޝައިޠާނުން ކައިރިއެއް ނުވާނެއެވެ. 

- ޝައިޚް އަބޫ އިބްރާހީމް ޙުސައިންގެ ދަރުސަކުން

 

މިއަދު އޮންލައިން