ދުނިޔޭގެ ޤަރާރުތައް ބަދަލުވިނަމަވެސް އިލާހީ ޤަރާރު ބަދަލެއް ނުވާނެ! - އާޚިރަތް ދުވަހު އޮންނަނީ ހަމައެކަނި ﷲ ގެ ޙުކުމްފުޅު ތަންފީޒުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ދުނިޔޭގެ ޤަރާރުތައް ބަދަލުވިނަމަވެސް އިލާހީ ޤަރާރު ބަދަލެއް ނުވާނެ! - އާޚިރަތް ދުވަހު އޮންނަނީ ހަމައެކަނި ﷲ ގެ ޙުކުމްފުޅު ތަންފީޒުކުރުން!

"އެއްވެސް ހެޔޮ ކަމެއްގެ ސަބަބުން ނަރަކައަށް ވަންނާކަށް ނުޖެހޭނެއެވެ. އަދި އެއްވެސް ނުބައި ކަމެއްގެ ސަބަބުން ސުވަރުގެއެއް ވެސް ނުވަދެވޭނެއެވެ." މިއީ އަބޫބަކުރުގެފާނުގެ ބަސްފުޅެކެވެ. މި ބަސްފުޅަށް ވިސްނާށެވެ! މިބަސްފުޅުން އެނގި ޔަޤީންވެގެންދަނީ ސުވަރުގެ ވަދެވޭނީ ހެޔޮ އަމަލުކޮށްގެން ކަމާއި ނަރަކަށް ވަންނަން ޖެހޭނީ ނުބައި އަމަލުތައް ކޮށްގެން ކަމެވެ. ވީމާ އާޚިރަތް ދުވަހަށް ފުރިހަމައަށް އީމާންވެގެން ހުންނަ މީހާ އެއްވެސް ނުބައި އަމަލެއް ނުކުރާނެއެވެ. މަސައްކަތް ކުރާނީ ވީހައި ގިނަ ހެޔޮ އަމަލުތައް ކުރުމަށެވެ.

މިކަންކަމަށް ގިނަ ބައަކު ނުވެސް ވިސްނަނީއެވެ. އެމީހުންނަށް ހީކުރެވިފައި އޮންނަނީ އާޚިރަތް ދުވަހަކީވެސް ދުނިޔޭގައި ފަދައިން ޖަމިއްޔާތައް ހަދައި ޤަރާރުތައް ފާސްކުރެވޭނެ ދުވަހެއް ކަމަށެވެ. މޮޔަ ނުވާށެވެ! ކުށް ހީތައް ހީނުކުރާށެވެ! އެދުވަހަކީ އެއްވެސް މީހަކަށް ނުވަތަ ބައަކަށް ކުރެވޭނެ އެއްވެސް ކަމެއް އޮތް ދުވަހެއް ނޫނެވެ. އެދުވަހު އޮންނާނެ ހަމައެކަނި ކަމަކީ ﷲ ތަޢާލާ ފާސްކުރައްވަވައި ތަންފީޒް ކުރަން އަހަރެމެންނަށް އަންގަވާފައިވާ ޤަރާރުތައް އަހަރެމެން ތަންފީޒުކުރި މިންވަރު ބައްލަވައި ނިޔާ ކަނޑައެޅުއްވެވުމެވެ. 

ﷲ ތަޢާލާއަކީ އަހަރެމެންނާއި ދުނިޔޭގެ ޖަމާއަތްތައް ފަދައިން ދުވާލަކު ގޮތަކަށް، އެދުވަހަކު އަޣްލަބިއްޔަތު ލިބެން އޮތް ބައަކު އެބައަކަށް ފައިދާކުރާ ގޮތަށް ޤަރާރުތައް ފާސްކޮށް އަދި ބަދަލުކުރާ ފަދައިން ޢަމަލުފުޅުކުރައްވަވާނެ ފަރާތެއް ނޫނެވެ. އަހަރެމެން އެގޮތަށް ކަންތައްތައް ކުރަނީ އަހަރެމެންނަށް އެންމެ މޮޅު ގޮތް އަހަރެމެންނަށްވެސް ނުއެނގޭތީއެވެ. އަދި އަމިއްލަ އެދުންތަކުން ފޯވެގެން ތިބުމުންނެވެ. ﷲ ތަޢާލާއީ އެހެން އެއްވެސް ފަރާތަކުން އެއްވެސް ކަމަކަށް ބޭނުންފުޅުވެވޮޑިގެން ނުވާ ހުރިހާ ކަމަކުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. 

ﷲ ތަޢާލާ ވަނީ އެކަލާނގެ ޤަރާރުފުޅުތައް ފާސްކުރައްވަވައި ނިންމަވައި މީސްތަކުންނަށް ބަޔާންކުރައްވަވައި ދެއްވަވައިފައެވެ. އެއީ ކީރިތި ޤްރްއާނެވެ! ރަސޫލް (ޞޢވ)ގެ ސުންނަތެވެ. އާޚިރަތް ދުވަހު އޮންނާނެ ހަމައެކަނި ކަމަކީ ކީރިތި ޤްރްއާނާއި ސުންނަތުން އަމަލުކުރި މިންވަރު ބައްލަވައި މީޒާނުގައި ކިރުއްވަވައި ފާސްވާ މީހުންނަށް ސުވަރުގެ އަދި ފާސްނުވި ބައަކަށް ނަރަކަ ދެއްވެވުމެވެ. 

މިކަންކަމަށް ވިސްނައި ފިކުރުކުރުމަކީ ނަރަކައިން ސަލާމަތްވުމަށާއި ސުވަރުގެ ލިބުމަށް އެދޭ މީހާ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އަޚިރަތް ދުވަހަށް އީމާންވުމުގެ ތެރޭގައި އެދުވަހަކީ ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ އެއްވެސް މިންވަރެއްގެ ބާރެއް އެދުވަހު ނުހިނގާނެކަން ހިތުގެ އަޑިން ޤަބޫލުކުރުން ހިމެނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން