އަހަރެމެންގެ ތެރެއިން ގިނަ ބައަކު އަބަދުވެސް ބުނަނީ އެމީހުންނަށް ފާފަ ކުރެވެނީ އިބިލީސް ވަސްވާސް ދޭތީ ކަމަށެވެ. އިބިލީހުގެ ސަބަބުން ކަމަށެވެ. ނަމަވެސް ތަޖުރިބާގެ އަލީގައި މިހާރު މިވަނީ ތިބާ ލައްވައި ފާފަ ކުރުވުމުގެ ބަދަލުގަ އިބިލީހަކީ ތިބާ ފާފަކުރުން ހުއްޓުވާ ބާރަކަށް ބަދަލުކުރެވޭނެ ގޮތް ހޯދިފައެވެ.
ތިބާއަކީ އެއްވެސް ފާފައެއް ކުރަން ބޭނުން ނުވާ މީހެއްނަމަ އިބިލީހުގެ ކިބައިން ސަލާމަތްވުމަށް އޮތް ވަރަށް ރަނގަޅު ޙައްލެއް ބުނެފާނަމެވެ. މިއީ ގިނަ ބައަކު މިހާރު ތަޖުރިބާ ކޮށްފައިވާ ކަމެކެވެ. ތިބާ ވެސް ނިކަން ތަޖުރިބާކޮށްބަލާށެވެ!
އެއީ ފާފައެއް ކުރެވިއްޖެނަމަ ތައުބާވުން އަވަސްކުރުމާއިއެކު ވީހައި ގިނަ ހެޔޮ ކަމެއް ކުރަން ފެށުމެވެ. މިސާލަކަށް އިއްޔެ ތިބާއަށް އެއްވެސް ފާފައެއް ނުކުރެވެއެވެ. މިއަދު ކޮންމެވެސް ފާފައެއް ކުރެވިއްޖެއެވެ. ވީމާ ކުރަންޖެހޭ ކަމަކީ އިއްޔެ ކުރި ހެޔޮ އަމަލުތަކަށްވުރެ އިތުރަށް މިއަދު ހެޔޮ އަމަލުތައް ކުރުމެވެ. އިއްޔެ ޛިކްރްކުރި ވަރަށްވުރެ ގިނައިން މިއަދު ޛިކްރް ކުރުމެވެ. އިއްޔެ ޞަދަޤާތްކުރި އަދަދަށްވުރެ ގިނައިން މިއަދު ޞަދަޤާތްކުރުމެވެ.
އެގޮތުގައި ހިފަހައްޓައިލީމާ ވާނެ ގޮތް އެނގޭ ހެއްޔެވެ؟ އިބިލީސް މާޔޫސްވެ މޮޔަވާނެއެވެ. ތިބާ ލައްވައި ފާފައެއް ކުރުވައިފިނަމަ ތިބާ ކުރާ ހެޔޮ އަމަލުތައް އެތައް ގުނައަކަށް އިތުކުރާކަން އެނގުނީމާ އިބިލީސް މާޔޫސްވެ ކަރު އެލިގެންދާނެއެވެ. ދޫނި ފަނި ފަކުސަ ހޯދަން ބިމަށް ތުންހަރާ ފަދައިން އިބިލީހުގެ ތުން ބިމަށް ހެރޭނެއެވެ. ތިބާ ލައްވައި ފާފަ ކުރެވުނު މޮޔަ ހިތަށް އަރާނެއެވެ.
އިބިލީސް މާޔޫސް ވީމާ ދެންވާގޮތް އެނގޭ ހެއްޔެވެ؟ ފާފަކުރަން ވަސްވާސް ދިނުން މުޅިން ހުއްޓައިލާނެއެވެ. އަދި އެވަރަކުންވެސް ނުފުދޭނެއެވެ. ތިބާއަށް އަމިއްލައަށް ފާފައެއް ކުރެވެން އުޅެފިނަމަ އެކަމަށްވެސް ހުރަސް އަޅައި ހުއްޓުވާނެއެވެ. އެއީ ފާފައެއްކަން ހަނދާންކޮށްދީ ފާފަ ކުރިއަކަ ނުދޭނެއެވެ. އެއީ ތިބާއަށް އެފާފަ ކުރެވުމުން މާގިނަ ހެޔޮ އަމަލުތައް ކުރާނެކަން އެނގޭތީއެވެ.
މިއީ ހަމަ ގިނަ ބައަކު ތަޖުރިބާކޮށްފައިވާ ކަމެކެވެ. ތިބާވެސް ނިކަން ތަޖުރިބާ ކޮށްލައިބަލާށެވެ! ﷲ ތަޢާލާގެ އިރާދަފުޅާއިއެކު ނަތީޖާ ފެނިގެންދާނެ އެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން