ތަޤްވާވެރިކަން އިތުރުކުރަން ބޭނުންވާ މީހާއަށް ކުރެވިދާނެ 5 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ތަޤްވާވެރިކަން އިތުރުކުރަން ބޭނުންވާ މީހާއަށް ކުރެވިދާނެ 5 ކަމެއް!

ތަޤްވާވެރިކަން އިތުރުކުރަން ބޭނުންވާ މީހާ ކުރަން އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާ ދެނެގަތުމެވެ. ﷲ ތަޢާލާ އެމީހަކަށް ސީދާ ގޮތުގައި ދެއްވަވާފައިވާ ނިޢްމަތްތަކާއި މުޖުތަމައުއަށް ޢާންމުކޮށް ދެއްވަވާފައިވާ ނިޢްމަތްތަކާއިމެދު ވިސްނައި ފިކުރުކުރުމެވެ. އެކަލާނގެއީ އެންމެ ދީދީލަތިވަންތަ އަދި އެންމެ އޯގާތެރިވަންތަ ފަރާތްކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ. ތިމާއަށް ދެއްވަވާފައިވާ ނިޢްމަތްތައް ދެއްވެވީ ﷲ ތަޢާލާކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމެވެ. 

މި ފާހަގަކުރި ކަންކަމަކީ އުޞޫލެއްގެ ގޮތުން ކޮންމެ މުސްލިމަކުވެސް ދަންނަ ކަންކަމެވެ. ނަމަވެސް މައްސަލައަކީ އެކަންކަން ހަނދާނުގައި ނުބެހެއްޓޭ ކަމެވެ. ހަނދާނުގައި ބަހައްޓާ މީހާ ޝުކުރުވެރިވުން ގިނަކުރާނެއެވެ. ޝުކުރުވެރިވުން ގިނަކުރާ މީހާ އަޅުކަންކުރުން ގިނަކުރާނެއެވެ. އަޅުކަން ކުރުން ގިނަކުރާ މީހާ ނަހީ ކުރެއްވެވި ކަންކަމާއި ދުރުހެލިވާނެއެވެ. އެކަންކަމުގެ ސަބަބުން ތަޤްވާވެރިކަން ދާނީ އިތުރުވަމުންނެވެ. 

ދެވަނަ ކަމެއްގެ ގޮތުން ފާހަގަކޮށްލާނީ ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ދެނެގަތުމެވެ. އެމީހަކަށް ފުރިހަމައަށް އެނގުމެވެ. މިސާލަކަށް ރިބާއަކީ ކޮބައިކަން ނުއެނގި އެކަމަށް ސަމާލުކަމެއް ނުދެވޭނެއެވެ. ޖުވާ ކުޅުމަކީ ހަމައެކަނި ކެސިނޯތަކަށް ގޮސް ކުރާ ކަމެއް ނޫން ކަމާއި ނަޞީބު ބަލައިގެން ފައިސާ ލިބޭ ގޮތަށް ކުރެވޭ ކަންކަމަކީ ވެސް ޖުވާކަން އެނގޭނަމަ މަދު މީހަކު ނޫނީ އެކަންކަމެއް ނުކުރާނެއެވެ. 

3 ވަނަ ކަމަކީ އާޚިރަތް ދުވަހަށް ފުރިހަމައަށް އީމާންވުމެވެ. އާޚިރަތް ދުވަހަށް އީމާންވުމަކީ ހަމައެކަނި އާޚިރަތް ދުވަސް އަންނާނެ ކަމަށް ޤަބޫލުކުރާ ކަމަށް ދުލުން ބުނުމެއް ނޫނެވެ. ދުލުން ބުނުމާއިއެކު އެކަން ޢަމަލުން ދައްކަން ޖެހެނެއެވެ. އަމަލުން ދެއްކުމަކީ ނަރަކައިން ސަލާމަތްވުމަށާއި ސުވަރުގެ ވަނުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. އެކަންކަން އަމަލުން ނުކުރެވޭނަމަ އެމީހާއަކީ އާޚިރަތް ދުވަހަށް ފުރިހަމައަށް އީމާންވެގެން ހުރި މީހެއް ނޫނެވެ.   

ހަތަރު ވަނަ ކަމަކީ ފާފައެއް ކުރެވިއްޖެނަމަ ވީހައި އަވަހަކަށް ތައުބާވުމެވެ. މަޢާފްކޮށްދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި އާދޭސް ދެންނެވުމެވެ. ދުޢާކުރުމެވެ. އިތުރަށް އެފަދަ ފާފައެއް ނުކުރަން ޢަޒުމް ކަނޑައަޅައި އެކަމަށް ގަދައަޅައި މަސައްކަތްކުރުމެވެ.   

ފަސް ވަނަ ކަމަކީ ތަޤްވާވެރިކަން އިތުރުކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރުމެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާއިރުވެސް އެކަން ހިންމަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ. ތިމާއަށް ބޭނުންވާ ކަންކަން ހިންމަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާ ކުރުމަކީވެސް ތަޤްވާވެރިކަން އިތުރުވެގެންދާ ސަބަބަބެކެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން